2014 ވަނަ އަހަރު އޮގަސްޓު މަހު އަށްވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ރިލްވާން ގެއްލުނުތާ މިއަދަށް ހަ އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. މިއީ ރައީސްގެ އަމިއްލަ އަތްޕުޅުން ލިޔުއްވައި ކުރެއްވި ފުރަތަމަ ޓުވީޓެވެ.

އެ ޓުވީޓުގައި ރައީސް ވިދާޅުވީ، ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ. އަދި ހުރަސްތަކާއެކު ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން މިދަނީ އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް،" ދައުލަތުގެ ނިޝާން ޖެހި ގަނޑުކޮޅެއްގައި ރަތް ގަލަމަކުން ރައީސް ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވެފައިވެ އެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަންކޮށްދެއްވުން އެދި ރައީސް ސޯލިހުގެ އަރިހުން ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދުނީ މިދިޔަ މަހުގެ ކުރީކޮޅު، އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ. އަދި އެކަމަށް ރައީސް އިޖާބަ ދެއްވި ކަމަށް އާއިލާއިން އޭރު ބުންޏެވެ.

2014 ވަނަ އަހަރު އޮގަސްޓުމަހުގެ އަށްވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިފައިވަނީ ހުޅުމާލެއިން އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ. މަރު ކޮމިޝަނުން ވަނީ އެ ރޭ ރިލްވާން ގަދަ ކަމުން ކާރަށް އަރުވައިގެން، ހުޅުމާލޭ ފަޅުގައި އަޅާފައިވާ ޑިންގީއަކަށް ގެންދިޔަކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ޑިންގީގައި އޭނާ އިތުރު އުޅަނދަކަށް ގެންދިޔަ ކަމަށާއި، އޭނާ މަރާލީ އެ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.