(06 އޯގަސްޓް ގެ އަދަދާ ގުޅޭ)

ޤާދިސިއްޔާގެ ހަނގުރާމައިގެ ދެވަނަ ދުވަހު ޖަމަލުތައް މައިދާނަށް ނެރުމަށް قــعقـاع بــن عَمرو رضى اللّـه عنــه اللّـه ހުށަހެޅުއްވި ހުށަހެޅުއްވުން ކާމިޔާބުވީ އެދުވަހު އީރާނީން އެބައިމީހުންގެ އެތްތައް މައިދާނުން ނުނެރޭތީއެވެ. ހަނގުރާމައިގެ ތިންވަނަ ދުވަހު އީރާނީން އެބައިމީހުންގެ އެތްތައް މައިދާނަށް ނެރުމުން މުސްލިމުން އެބައިމީހުންގެ ޖަމަލުތައް މައިދާނަށް ނެރޭކަށެއް މަސައްކަތެއް ނުކުރެއެވެ.

ފާރުތަކުގެ ދެދޭތެރެއިން ކުރިއަރައިގެން ދިޔުމަށާއި ބޭނުންވާހިނދު ފަހަތަށްޖެހޭން ފުރިހަމަ މިނިވަންކަން އޮތެވެ. ދުޝްމިނުންގެ ޙަމަލަތަކުގެ ބާރު ކަނޑުވައިލުމަށްޓަކައި ޖަމަލުތަކުގެ ތަރުތީބަށް ބަދަލުގެންނަން ވަރަށް ފަސޭހައެވެ. ނަމަވެސް އީރާނުމީހުން ޖަމަލުތަކުގެ ތެރެޔަށް ވަންނާން ބޭނުންވުމުން އެބައިމީހުންގެ ގެމަތައް އެތައްބަޔަކަށް ބައިވާންޖެހެއެވެ. އެކަންވަނީ ވިއްސިވިހާލިވުމުގެ ސަބަބެއް ކަމުގައެވެ. އޭގެ ސަބަބުން އެބައިމީހުންގެ ޙަމަލައިގެ ބާރު ކެނޑިދެއެވެ.

ރުސްތުމު ޖަމަލުތަކުގެ މައްސަލައިން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައި އީރާނުގެ ފައިމަތީ ހަނގުރާމަކުރާ ލަޝްކަރު ކުރިޔަށް ނެރުއްވިއެވެ. ސާބިތުވެތިބެ ހަނގުރާމަ ކުރުމަށްޓަކައެވެ. ނަމަވެސް قــعقـاع بــن عَمرو ގެ ލަޝްކަރު ގެމަޔަކަށްފަހު ގެމައެއް ފަރުބަދަމަތީން ފައިބާތަން ފެނުމުން އީރާނުގެ ސިފައިންގެ ބިރުވެރިކަން ހައްތާވެސް ދިޔައީ އިތުރުވަމުން قــعقـاع ގެ ސިފައިންގެ ކޮންމެ ގެމައެއް ފަރުބަދަމަތީން ފައިބާތަނުން ލަޝްކަރުގެ އީރާނުގެ އެންމެންނަށްވެސް އެމަންޒަރު ފެންނާތީއެވެ. ކޮންމެ ބަޔަކު ޚަންދަޤުގެ ކައިރިޔަށް އައިސް ވާދީގެ އަޑިތަނަށް އޮބައިލާއިރު އަނެއްކާ އެމީހުންގެ ފަހަތުން ހިރަފުހުގެ ވިލާތައް އުފުލޭތީ މުސްލިމުންގެ އެހެން ގެމައެއް އެބައަންނަކަން އީރާނީންނަށް އެނގެއެވެ. ކޮންމެ ގެމައެއް އައުމާވިދިގެން އީރާނުގެ ސިފައިންނަށް ސިހުން ލިބޭއިރަށް قــعقـاع بــن عَمرو رضى اللّـه عنــه اللّـه ފުރުސަތުގެ ބޭނުން ހިއްޕަވައެވެ. އެބަޔަކާއެކު އީރާނުގެ ލަޝްކަރަށް ވަރުގަދަ ޙަމަލާއެއް ދެއްވައި ތަޅުއްވައި ރޯނާކޮށްލައްވައެވެ.

قــعقـاع بــن عَمرو رضى اللّـه عنــه އެދުވަހު އީރާނުގެ ތިރީސް މީހުން ޤަތުލުކޮށްލެއްވިއެވެ. އޭގެތެރޭގައި ގިނައީ އީރާނުގެ ލަޝްކަރުގެ ނަންހުރި ހެވީންނާއި ކުރިޔަށްތިބި އޮފިސަރުންނެވެ. އެދުވަހު މުސްލިމު މުޖާހިދުންގެ ތެރޭގައި ފުރާނަފުޅާ ކުޅުއްވައި ޤުރުބާނީގެ ރޫޙުގައި ހަނގުރާމަކުރެއްވި އެތައް މުޖާހިދުންނެއް ތިއްބެވިއެވެ. އިންސާނުންގެ ޢަމަލުތައް ލިޔުއްވާ ބޭކަލުން ކޮންމެ މުސްލިމެއްގެ ފަރާތުންވެސް ދެކެވަޑައިގަތީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި ޕަރުވާނާތަކަކަށް ވެވަޑައިގެންނެވި މަންޒަރެވެ. އެދުވަހު މުސްލިމުންގެ ތެރޭގައި ޝަހީދުވެވަޑައިގެންނެވުމުގެ އެދުންފުޅު ނެތް އެންމެ ބޭކަލަކުވެސް ނެތެވެ. އެބޭކަލެއްގެ ނިތްކުރިފުޅުން ފަތަޙައިގެ ބަޝާރަތު ހާމަވަމުންނުދާ އެންމެ ބޭކަލަކުވެސް ނެތެވެ. އެދުވަހު އިސްލާމީ އަބްޠާލުންގެ ހިތްފުޅުތައް ވިންދުޖަހަމުންދިޔައީ ބަދުރާއި ހުނައިނުގެ ރޫޙުގައެވެ. އެބޭކަލުން ގެންދެވީ ފަތަޙައާއި ނަޞްރު އެމާތް ޒާތުފުޅުގެ ޔަދުޤުދުރަތްޕުޅުގައިވާ މަތިވެރިވަންތަ މާތް اللّـه ގެ ޙަޟްރަތަށް އިބްތިހާލުވެ ވަޑައިގަންނަވަމުންނެވެ. އެއްބޭކަލަކަށްވުރެ ފަހަތުގައި ހުންނަވަން ރުހިވަޑައިގެންނެވި އަނެއްބޭކަލަކު ނެތެވެ. ޤާދިސިއްޔާގެ މައިދާނުގައި އެބޭކަލުން އެޅުއްވި ކޮންމެ ފިޔަވަޅުފުޅަކީ ހިތްވަރާއި ސާބިތުކަމާއި ޢަޒުމާއި ކެރިވަޑައިގެންނެވުމުގެ މަތިވެރި ތާރީޚުގައި ރަން ދެލީން ފަވައިލެވުނު ފިޔަވަޅުފުޅެކެވެ.

+ + + + +

ޘަޤީފުވަންހައިގެ ކުޅަދާނަ ހެއްވެއް އަދި މަޝްހޫރު ޝާޢިރެއްކަމުގައިވާ أبـومحجن އެދުވަހު ހުންނެވީ ރާފޮދު ހިއްޕެވުމުގެ ކުށުގައި ހިލިހިލާ އަޅުވައިފައެވެ. އޭނާ ޤުދައިސުގެ މަޙައްލުގެ ތިރީބުރީގެ ކޮޓަރިއެއްގެ ކިޑިކީ ދޮރެއްގެ ކައިރީގައި ހުންނަވައި ހަނގުރާމައިގެ މައިދާނަށް ބައްލަވަމުން ގެންދެވިއެވެ. އޭނާ އިންތިހާދަރަޖައިގެ ހިތާމަފުޅާއެކު ކެތްނުކުރެއްވިގެން ހިލިހިލާގަނޑު ދަންމަވަމުން މައްޗަށް ވަޑައިގެން سعـد ގެފާނުގެ އަރިހުގައި އާދޭސް ކުރެއްވިއެވެ. "އޭ أميـر އެވެ. އަޅުގަނޑުގެ ހިލިހިލާ ނައްޓައިދެއްވާށެވެ. އަޅުގަނޑުގެ އަޚުންގެ ހަށިތައް ހިރަފުހުގެ ތެރޭގައި ބިންމަތީ ތެޅެމުންދާއިރު މިގޮތަށް އަތްފައިގައި ހިލިހިލާ އެޅިފައި ހުރުމަށްވުރެ ވޭންހުރި އަދަބެއް އޮންނާނެތޯއެވެ؟"

މަސްތުވާ ތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ މަންމައެވެ. މަސްތުވާ ތަކެތި ބޭނުންކުރުމަކީ އިސްލާމީ ޝަރީޢަތުގައި ވަރަށްބޮޑު ކުށެކެވެ. ބޮޑު އަދަބަކުން އަދަބުދޭންޖެހޭ ކަމެކެވެ. އެހެންކަމުން سعـد ގެފާނު އޭނާގެ އާދޭސް ގަބޫލެއް ނުކުރެއްވިއެވެ. ކޯފާވެފައި ތިރިޔަށް ފޮނުއްވައިލެއްވިއެވެ. أبـومحجن މާޔޫސްވެވަޑައިގެން ދެން އާދޭސްކުރެއްވީ ކޮމާންޑަރ އިން ޗީފްގެ އަނބިކަނބަލުން سلمى ގެ އަރިހުގައެވެ. سلمى ވެސް އަޅުއްވައެއް ނުލެއްވިއެވެ. أبـومحجن އިރުކޮޅެއްގެފަހުން ހުންނެވީ އޭނާގެ ކޮޓަރީގެ ކުޑަދޮރަކުން މައިދާނާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އޭނާ ތަކުރާރުކުރަމުން ގެންދެވި އަސަރުގަދަ ޅެމުގެ މާނައިގައިވެއެވެ.

"މިޔަށްވުރެ ބޮޑު ހިތާމަޔަކާއި މޮޅިވެރިކަމަކީ ކޮބައިހެއްޔެވެ. އަސްވާރުން ލޮންސިތަކުގެ ކުޅިވަރު ކުޅެނީއެވެ.

އެކަމަކު އަހަރެން ހުންނާން މިޖެހެނީ ހިލިހިލާއިން ބަނދެވިގެންނެވެ.

ކޮޅަށްތެދުވާން އުޅުނަސް ހިލިހިލާގަނޑު އެކަމުގެ ހުއްދައެއް ނުދެއެވެ.

އަހަރެންގެ ކޮޓަރީގެ ދޮރު ލައްޕައިލައިފައިވަނީ ގޮވައިގޮވައި ވަރުބަލިވިޔަސް މީހަކަށް އަޑުއިވޭ ގޮތަކަށެއް ނޫނެވެ.

އަހަރެންގެ އަތުގައި މުދާ ވަރަށް ގިނައެވެ. އަހަރެންގެ އަޚުންތައްވެސް ބައިވަރެވެ.

އެކަމަކު އެންމެންވެސް އަހަރެން އެކަނިހާލަށް ދޫކޮށްލައިފިއެވެ. އެކަކުވެސް އަހަރެންގެ މައްޗަކުން ހަނދާނެއް ނެތެވެ.

އަހަރެން اللّـه ގެ ޙަޟްރަތުގައި ޢަހްދުވަމެވެ. މި ޢަހްދަކާ ޚިލާފެއް ނުވާނަމެވެ.

އަހަރެންގެ ކުރިމަތީގައި ރާޚާނާއެއްގެ ދޮރުހުޅުވައިލެވުނު ކަމުގައިވިޔަސް އަހަރެން އެދިމާޔަށް ބަލައިވެސް ނުލާނަމެވެ."

أبـومحجن ގެ ޅެން އަޑުއައްސަވަން سلمى ބޭރުގައި ހުންނެވިއެވެ. أبـومحجن ގެ އަސަރުގަދަ ޅެމާއި އޭނާގެ ނުތަނަވަސްކަމުން އެކަމަނާގެ ހިތްޕުޅަށް އަސަރު ނުކޮށެއް ނުދިޔައެވެ. އެހެންކަމުން އެކަމަނާ އޭނާގެ ހިލިހިލާ ނައްޓަން އެންގެވިއެވެ.

أبـومحجن، سعـد ގެފާނުގެ އަމިއްލަފުޅު ހަތިޔާރުން ހަތިޔާރު އަޅުއްވައިގެން އެކަލޭގެފާނު އަސްކޮޅު ބަލްގާއުގައި މައިދާނަށް ނުކުމެވަޑައިގެންފިއެވެ. އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތު އަރިމަތީން ވާތްފަރާތުގެ އަރިމައްޗާ ހަމަޔަށް ބުރެއް ޖައްސަވައިލެއްވިއެވެ. އެއަށްފަހު ދުޝްމިނުންނާ ވަރުގަދަޔަކަށް ހުޖޫމް ކުރައްވައިފިއެވެ. އޭނާގެ ހިތްޕުޅަށް ޖޯޝާއި ފޯރި އައިސްފައި ހުރިވަރުން އޭނާ ކުރިމަތިލައްވާ ކޮންމެ ދިމާޔަކުން އީރާނީން ތަޅުއްވައި ދުންކާލި އަރުވައިލައްވައެވެ. އޭނާ ބައެއްފަހަރު ދުޝްމިނުންގެ ލަޝްކަރުގެ ކަނާތްފަރާތު އަރިމަތީގެ ސަފުތަކުގެ ތެރެއިން ވެދެވަޑައިގަންނަވައެވެ. އަނެއްބައިފަހަރަށް ވާތްފަރާތާއި އަދި ހާވިޔާ ކޮށްލައްވައި ބިތްޖައްސަވައިލައްވައެވެ. أبـومحجن ހުންނެވީ އޭނާގެ ދަގަނޑު ތާކިހާކޮޅުން މޫނު ފޮރުއްވައިގެންނެވެ. އެހެންކަމުން މުސްލިމުން ހީކުރީ قــعقـاع بــن عَمرو رضى اللّـه عنــه ފަދައިން ޝާމްކަރައިގެ ލަޝްކަރުން ވަޑައިގެންނެވި އައު ބަޠަލެއް ކަމުގައެވެ.

سعـد بـن أبى وقّـاص رضى اللّـه عنــه ޤުދައިސުގެ މަޙައްލުގެ ހާމަ ފުރާޅުމަތީން އެމަންޒަރު ބައްލަވަން ހުންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. واللّـه އެވެ! أبـومحجن އޮތީ ޤައިދުގައި ނޫންނަމަ އަހަރެން ބުނީމުހެވެ. "އަހަކީ އަހަރެންގެ އަހެވެ. ޙަމަލަދޭގޮތާއި ހަނގުރާމަކުރާގޮތް އެންމެ ވައްތަރީ أبـومحجن އާއެވެ."

ހަވީރު أبـومحجن އެނބުރި ވަޑައިގެންނެވިއިރު އަސްއޮތީ ދަލުން ފޯވެފައެވެ. އޭނާ ޤައިދުޚާނާއަށް ވަދެވަޑައިގެން އަމިއްލަފުޅަށް ހިލިހިލާ އަޅުއްވަނިކޮށް سعـد بـن أبى وقّـاص رضى اللّـه عنــه އަށް އެތަނަށް ވަޑައިގެންނެވިއްޖެއެވެ. މިއަދު އެކަލޭގެފާނުގެ ހާލުކޮޅު ކުރީދުވަސް ދުވަހަށްވުރެ ތަންކޮޅެއް ރަނގަޅެވެ. އެކަލޭގެފާނުގެ އަސްކޮޅަށް ނަޒަރެއް ހިންގަވައިލެއްވުމަށްފަހު ވަޑައިގެންނެވީ أبـومحجن ގެ ކޮޓަރިޔަށެވެ. އެ ނަންހުރި ޝާޢިރު އަދި ހިތްވަރުފުޅުގަދަ ސިފައިންގެ މީހާ ކަންބޮޑުވެވަޑައިގެންނެވުމާއެކު އިސްދަށަށް ޖައްސަވައިލެއްވިއެވެ. سعـد ގެފާނު سلمى އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "أبـومحجن އެވެ. ދެން ހިލިހިލާ އެޅުއްވުމުގެ ބޭނުމެއް ނެތެވެ. މާތް اللّـه އަށްޓަކައި ބުނަމެވެ. މުސްލިމުންނަށްޓަކައި ތިޔަގޮތަށް ފިދާވާ މީހަކަށް އަހަންނަކަށް އަދަބެއް ނުދެވޭނެއެވެ."

أبـومحجن އޭނާގެ ހިލިހިލާގަނޑު އެއްލައިލައްވައިފައި ތެދުވެވަޑައިގެންފިއެވެ. އޭނާ ކޮމާންޑަރ އިން ޗީފާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ދެން ދުވަހަކުވެސް ރާއެއް ނުބޯނަމެވެ." އިރުކޮޅެއް ކޮށްލައްވައިފައި އޭނާ އަނެއްކާވެސް މިސްރާބު ޖެއްސެވީ ހަނގުރާމައިގެ މައިދާނަށެވެ.

އިރުއޮއްސިއްޖެއެވެ. ނަމަވެސް މައިދާނުގެ ފޯރި އެއްގޮތަކަށްވެސް ކުޑައެއް ނުވެއެވެ. ފާރިސީ ލަޝްކަރުގެ މެދުތެރޭގެ ސަފުތައް އަދިވެސް ހުރީ ރައްކާތެރިކަމުގައެވެ. ކުރީ ސަފުތަކުން މަރުވާ މީހުންނާއި ޒަޚަމުވާ މީހުންގެ އުނިކަން ފޫބައްދަން ފަހަތުން އަންނަނީ ސިފައިން ކުރިއަށް ގެންނަމުންނެވެ. މުސްލިމުން ތިބީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް މާތް اللّـه ގެ ނަޞްރާމެދު މުސްލިމުންގެ ހިތްތަކުގައި އޮންނަ ޔަގީންކަމަކަށް ކުޑަވެސް ތަފާތެއް ނާދެއެވެ. އެހެންކަމުން މުސްލިމުންގެ ހިތްވަރާއި ފަންވަރަކަށް ބަދަލެއް އަޔަކަނުދެއެވެ. ގާތްގަނޑަކަށް ރޭދެބައިވާން އުޅެނިކޮށް ދެބައިމީހުންވެސް މުޢަސްކަރާ ދިމާޔަށް ފަހަތަށްޖެހޭން ފަށައިފިއެވެ. މަޑުމަޑުންގޮސް މައިދާން ހަމަހިމޭންވެއްޖެއެވެ. މިއަދުގެ ހަނގުރާމައިގައި މުސްލިމުންގެ ދެހާސް މީހުން ޝަހީދުވިއެވެ. އީރާނީ ލަޝްކަރުން ދިހަހާސް ސިފައިން ޤަތުލުވިއެވެ.

ދެފަރާތުގެ ސިފައިންވެސް ރޭގަނޑުގެ ބާކީބައި ހޭދަކުރީ މާދަމަޔަށްޓަކައި ތައްޔާރުވުމުގައެވެ. ވޭތުވެދިޔަ ދެދުވަހުގެ ވަރުބަލިކަމާއެކު ދެފަރާތުންވެސް އުންމީދުކުރީ މާދަމާއަކީ ހަނގުރާމައިގެ އެންމެފަހު ދުވަސްކަމުގައި ވާނެކަމުގައެވެ. ފަތަޙައަކީ އެންމެފަހު ވަގުތާ ހަމަޔަށްވެސް ހިތްވަރު އެލުވައިނުލައިތިބި ބައެއްގެ ޙައްޤެއްކަން ދެފަރާތަށްވެސް ގަބޫލުކުރެވެއެވެ. އެހެންކަމުން ދެފަރާތުންވެސް ގެންދިޔައީ މާދަމާޔަށްޓަކައި އާލާތްކޮށް ލިބޭންހުރި ހުރިހާ ވަސީލަތްތަކެއް ޖަމާކުރަމުންނެވެ. މަދާއިނުގެ ގަނޑުވަރަށް ޔަޒުދުގިރުދަށް ހިނދުންހިނދަށް ތާޒާ ޚަބަރުތައް ލިބިވަޑައިގަންނަވައެވެ. އެހެންކަމުން ޝަހެންޝާހު ގެންދެވީ ހުއްޓުމެއްނެތި އެހީ ފޮނުއްވަމުންނެވެ.

ޝާމްކަރައިން އަންނަ އެހީގެ ލަޝްކަރަށް މާދަމާ ހަނގުރާމަ ފެށެންވާއިރަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންކަމުން قــعقـاع بــن عَمرو رضى اللّـه عنــه ގެ ހުށަހެޅުއްވުމުގެމަތީން އަސްވާރުންގެ ގެމަތަކެއްވަނީ މުޢަސްކަރުން ބޭރަށް ފަހަތަށް ފޮނުވައިފައެވެ. ހެނދުނު ހަނގުރާމަ ފެށުމާއެކު އެކިކޯޅިކޯޅިވަރަށް އިރުއިރުކޮޅުން މައިދާނަށް އައުމަށްޓަކައެވެ. هاشم بـن عتبة ލަޝްކަރާއިގެން ވަޑައިގެންފިނަމަ އެކަލޭގެފާނުވެސް އެގޮތަށް ޢަމަލުކުރައްވަން ދަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

+ + + + +

އެދުވަހުގެ ހެނދުނު އިރުއެރުމާއެކު މުސްލިމް ފިރިހެން ދަރީންނާއި މަޖޫސިއްޔަތުގެ ދިދަ އުފުލާ މީހުން އެއްބަޔަކު އަނެއްބަޔެއްގެ ކުރިމަތީގައި ސަފު ހަދައިފިއެވެ. قــعقـاع رضى اللّـه عنــه ލަފާދެއްވައިފައިވާ ފަދައިން މުސްލިމުންގެ ގެމައެއް ފަރުބަދަމަތީން ދައްކައިލައިފިއެވެ. އިރުކޮޅެއްވީތަނާ އިސްކޮޅު "ރުކެއްވަރުވާ" އީރާނީ ފަހުލަވާނެއް މައިދާނަކަށް ނުކުމެއްޖެއެވެ. މުސްލިމުންގެ ތެރެއިން އޭނާގެ ކުރިމައްޗަށް ނުކުމެވަޑައިގެންނެވީ މެދުމިނުގެ އިސްކޮޅުފުޅެއްގެ މުޖާހިދެކެވެ. މުސްލިމް ޒުވާނާ ގިނައިރެއްނުވަނީސް އީރާނުގެ "ހަތްބޯރާހި" ޤަތުލުކޮށްލައްވައިފިއެވެ.

އާއްމު ޙަމަލާ ފެށުމާއެކު މުސްލިމުންގެ ނަޤީބުން ގެންދެވީ اللّـه أكبــر ގެ ނަޢުރާއާއެކު هاشم بـن عتبة رضى اللّـه عنــه ވަޑައިގެންފިކަން އިޢުލާނުކުރައްވަމުންނެވެ. މުޖާހިދުންގެ ލޯފުޅުތައް ހުއްޓިފައިހުރީ މުޢަސްކަރުގެ ފަހަތުގައިހުރި ފަރުބަދަތަކާ ދިމާއަށެވެ.

هاشم އެކަލޭގެފާނުގެ ސަވާރުންނާއެކު ފަރުބަދަމަތީން ފައިބައިވަޑައިގެން ހިރަފުހުގެ ވިލާތައް އުދުއްސަވަމުން މަޑުކޮށްލެއްވުމެއްނެތި ވަޑައިގެން ދުޝްމިނުންގެ ލަޝްކަރުގެ ކަނާތްފަރާތު އަރިމައްޗަށް ޙަމަލަ ދެއްވައި ދުޝްމިނުންގެ ސަފުތައް ފަޅުއްވަމުން ވަޑައިގެން އިސްލާމީ ލަޝްކަރުގެ އިސްލަޝްކަރާ ގުޅިވަޑައިގެންފިއެވެ. ޤާދިސިއްޔާގެ މައިދާނުން ފަލަކުތަކާ ހަމަޔަށް އަރައިގެންދާވަރަށް اللّـه أكبــر ގެ ނަޢުރާގެ އަޑު ގުގުމާން ފަށައިފިއެވެ. ރުސްތުމު އިންނެވީ އީރާން ލަޝްކަރުގެ މެދުތެރޭގައެވެ. އޭނާގެ ރަން ތަޚުތުގައެވެ. هاشم بـن عتبة رضى اللّـه عنــه ގެންނެވި ލަޝްކަރުގެ ގެމަތައް އިރުއިރުކޮޅުން اللّـه أكبــر ގެ އަޑުއުފުލަމުން ފަރުބަދަމަތީން ފައިބައިގެން އަންނަތަން އޭނާޔަށް ފެނިވަޑައިގަންނަވައެވެ. އެއްބަޔަކު އައިސް އިސްލާމީ ލަޝްކަރާ ގުޅޭތާ އިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ހިރަފުހުގެ ވިލާތައް ދައްކައިލައެވެ. ރުސްތުމު ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެން އޭނާގެ ލަޝްކަރަށް އާއްމު ޙަމަލަތައް ފަށަން އަންގަވައިފިއެވެ. ފާރިސީންގެ ލަޝްކަރުގެ ސަފުތަކުގެ ތެރެއިން ބެރުދުންމާރި ތާޅަފިލީގެ އަޑު އުފުލޭން ފަށައިފިއެވެ.

އީރާނުގެ ލަޝްކަރުން މިއަދު އަނެއްކާވެސް ވަނީ އެބައިމީހުންގެ އެތްތައް މައިދާނަށް ނެރެފައެވެ. މަހުމަލްތައް މަރާމާތުކޮށްގެންނެވެ. އެތްތަކާއެކު އެބައިމީހުންވަނީ ފައިމަތީ ހަނގުރާމަކުރާ ސިފައިންގެ ސަފުތައްވެސް ނެރެފައެވެ. އޭގެ އެއް މަޤުޞަދަކީ މުސްލިމުންގެ ލޮންސިތަކާއި ތީރުތަކުން އެތްތައް ޙިމާޔަތްކުރުމެވެ. ދެވަނަ މަޤުޞަދަކީ އެތްތައް އެކިއަތްއަތަށް ފިރައިލައިގެންދިޔަ ނުދިނުމާއި ފަހަތަށް އެނބުރި ފިލައިގެންދިޔަ ނުދިނުމެވެ.

ނަމަވެސް އީރާނީންގެ އެ ތަދުބީރުވެސް ކާމިޔާބެއް ނުވެއެވެ. މުސްލިމް ޣާޒީން އަސްމަތީން ފުންމައިލުމަށްފަހު اللّـه أكبــر، ނަޢުރާ ކުރަމުންގޮސް އީރާނުގެ ފައިމަތީ ހަނގުރާމަކުރާ ސިފައިންނާ ތަޅައިފޮޅަން ފަށައިފިއެވެ. ނަތީޖާއެއްގެގޮތުން އެތްތަކަށް އަމިއްލަ މީހުންނާއި ހިލޭމީހުން ވަކިކުރާކަށެއް ނޭނގުނެވެ. ފައިމަތީގައި ހަނގުރާމަކުރާ މީހުންނާ އެކުގައި ތިބުމަށް ހަމަޖެހިފައިވާ އެތްގޮވީންނަކަށް އެތްތައް ކުރިޔަށް ގެންދާކަށެއް ނުނިންމުނެވެ.

عَمرو بن معـدى كـرب رضى اللّـه عنــه އަސްމަތީން ފުންމައިލައްވައިފައި އީރާނުގެ އެތަކަށް ޙަމަލަ ދެއްވައިފިއެވެ. އީރާނުގެ ސިފައިންގެ އޮޅިޔެއް އެކަލޭގެފާނާ ދިމާޔަށް އަރައިގަތެވެ. ހަމަ އެނޭވާގައި މުސްލިމުންގެ ގެމައެއް ފާރީސް ތަޅައި ރޯނާކޮށް އެބައިމީހުންގެ ގޮނި ފޫވައްޓައިލުމަށްފަހު عَمرو ގެ އަރިހަށް އެއްވެއްޖެއެވެ. އޭރު عَمرو ގެ ގައިކޮޅުގައިވަނީ އެތައް ޒަޚަމެއް އުފެދިފައެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްވަރުފުޅާއި ފަންވަރުފުޅާއި ފޯރިއާއި ޖޯޝަކަށް ކުޑަވެސް ފަރަގެއް ނާދެއެވެ. އެކަލޭގެފާނު އީރާނުގެ އެތައްބަޔަކު ޤަތުލުކުރައްވަމުން ވަޑައިގެންނެވީ ކުރިޔަށެވެ. އީރާނުގެ ސަވާރުންގެ ސަފުތަކާ ހަމަޔަށް ވަޑައިގެންނެވުމުން އެމީހުންވެސް އެކަލޭގެފާނު ވަށައިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަލޭގެފާނާއި އެކަލޭގެފާނުގެ ބައިވެރީން ކުރިމަތިލައްވާ ކޮންމެ ދިމާޔަކުން މައިދާން ދަނީ ހުސްވަމުންނެވެ. އީރާނުގެ ސަވާރެއް ކުއްލިޔަކަށް އެކަލޭގެފާނާ އެއްހަމަޔަކަށް އަތުވެއްޖެއެވެ. عَمرو އަވަސްއަވަހަށް އެ އަސްވާރުގެ އަހުގެ ނިގުލުގައި ހިފަހައްޓަވައި އަސް މަޑުކޮށްލައްވައިފިއެވެ. އީރާނުގެ އަސްވާރު އެތައްފަހަރަކު އަހުގައި ހަންމުށިއަޅައި އަސް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެ އަހަކަށް ގުޑައެއް ނުލެވުނެވެ. އީރާނީ ސަވާރު ގަތްބިރުން އަސްމަތީން ފުންމައިލައިގެން ފިލައި ރައްކައުވެއްޖެއެވެ. عَمرو އެއަހަށް ސަވާރުވެވަޑައިގެންފިއެވެ. ފާރިސީންނާއެކު މަރާބާޑި ކުޅުއްވަމުން ވަޑައިގެން އިސްލާމީ ލަޝްކަރާ ގުޅިވަޑައިގެންފިއެވެ.

(ނުނިމޭ)