މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެ ގައުމުގެ ޔުނިވާސިޓީ އަދި ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކު ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 20އަށް އިތުރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މީގެ ކުރިން މޮރޮކޯ ސަރުކާރުން ރާއްޖެއަށް ދެމުން އައީ އަހަރަކު ފަސް ސްކޮލާޝިޕެވެ.

މި އަދަދު 20 އަށް އިތުރުކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭ މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުގައި މޮރޮކޯގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާ ތުދެއެވެ. އެގޮތުން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް ސައިންސް، ފަންނީ އަދި އިގްތިސާދީ ދާއިރާތައް، އިސްލާމިކް ސްޓަޑީޒް، އަރަބިކް ލެންގުއޭޖް އަދި ލިޓްރޭޗާގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް 20 ސްކޮލާޝިޕްގެ ފުރުސަތު ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށްގެންދާނީ އާންމު އުސޫލުތަކުގެ މަތިން ހަޔާ އެޑިއުކޭޝަންގެ ފަރާތުން ހުޅުވާލައިގެންނެވެ.

މިދިޔަ އަހަރު މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރެއްވި ދަތުރަކީ ރާއްޖޭގެ ތާރީހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓަރު ޝާހިދުގެ މި ދަތުރު ވެގެންދިޔައީ ރާއްޖެއާއި މޮރޮކޯއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އިތުރުވި އިތުރު ބޮޅަކަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.