(ސަތާރަވަނަ ބައި)
ރޭގަނޑު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާން އޭނަ ފުރަން ދިޔުމުގެ ފަހު ތައްޔާރީތަކެއް ވަމުން ދިޔައެވެ. އެނދުމަތީގައި ބޭއްވިފައި އޮތް ހެދުން ފޮށްޓަށް އެންމެ ފަހު އެއްޗެހި އަޅައިލި އިރު، ޒިހާން ހުރީ ފެންވަރައި ތާޒާ ވެލައިގެންނެވެ.
ފޮށީގެ ޒިބު އަޅުވައި ފޮށި ނަގައި ބިންމަތީގައި ބެހެއްޓުމަށްފަހު ޒިހާން ކޮޓަރިން ނިކުންނަން ހިނގައިގަތީ ވަކި މަޑުކުރުމެއްނެތިއެވެ. މަޑުކޮށްލަން އޭނައަށް މަޖުބޫރުވީ ކޮޓަރިން ނިކުމެގެން އެޕާޓްމެންޓުން ވެސް ނިކުންނަން ދިޔަ މަގުމަތީގައި ޔުނާ އުޅުނު ކޮޓަރީގެ ދޮރާއި ހަމައަށް ދެވުމުންނެވެ. ލައްޕާލެވިފައިވި އެ ދޮރާއި ދިމާލަށް ބަލަން ހުރިހުރިހެން އޭނަގެ ހިތް މޭތެރޭގައި އޮވެ ގެނބިގެން ދިޔަހެން ޒިހާނަށް ހީވިއެވެ.
މިއަދު ހެނދުނު ޔުނާގެ ކާރު ދުއްވާލި ވަގުތުކޮޅުން ފެށިގެން ޒިހާނަށް އިޙްސާސް ކުރެވެމުން ދިޔައީ އޭނައަށް ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ފަދަ އެކަނިވެރިކަމެކެވެ. އެ ހިނދުކޮޅުން ފެށިގެން ވެސް ޔުނާ މަތިން ހަނދާންވާން ފެށިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަނބުރާ އައިސް އެޕާޓްމެންޓަށް ވަން ވަގުތު އެޕާޓްމެންޓް ތެރެއިން ވެސް އިޙްސާސް ކުރެވިގެން ދިޔައީ ހުސްކަމެކެވެ. މި ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ހަމަ އެ ހުސްކަން އެތާނގައި ވިއެއްކަމަކު، އެ އެކަނިވެރިކަމަށް ނިމުމެއް އައިސްދާނެކަމުގެ އުއްމީދެއް އިހަކަށް ދުވަހު އޭނަގެ ހިތުގައި އާލާވީއެވެ. އެ އުއްމީދު ފުރިހަމަ ނުވެދާނެކަމުގެ ޝައްކު އޭނަގެ ހިތުގައި މިއަދު އުފެދިގެން ދިޔުމުން އެ ހިތް ވަރުބަލިވެފައިވިއެވެ.
ކޮންމެއަކަސް ޒިހާނަށް ކިރިޔާވެސް ތަސައްލީއެއް ލިބިފައިވީ ދިޔުމުގެ ކުރިން ޔުނާއާއި އޭނައާ ދެމެދު ދެކެވުނު ވާހަކަތަކުންނެވެ. އޭނަ ހޯދައިދިން ޓިކެޓް ޔުނާ އަތުގައި އޮތް ވާހަކަ ބުނުމުން ޒިހާން އިތުރަށް ސުވާލުކުރިއެވެ.
"ޔުނާ ދާނަންތަ އަހަންނާއެކީ؟" ޒިހާނަށް އޭރު އަހައިލެވުނެވެ. އޭނަ އެ ސުވާލުކޮށްލުމާއެކު ޔުނާ އިސްޖަހައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
"ފަހަރެއްގަ...." ޔުނާ ވިސްނުމަކަށް ގެއްލިފައިވާ ފަދައަކުން ބުނެފައިވެއެވެ.
***
އެރޭ ފުރަން ދިޔުމަށްޓަކައި ޓެކްސީއެއްގެ ފަހަތަށް އެރި ވަގުތު ވެސް، ޔުނާގެ އެ ފަހު ބަސް ހަނދާންވުމުން ޒިހާންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހެނދުނުއްސުރެ މި ވަގުތާއި ޖެހެންދެން ވެސް ޔުނާ އަނެއްކާވެސް ފެނިދާނެ ކަމުގެ އުއްމީދުގައި ޒިހާނަށް ހުރެވުނީ، އެ ފަހު ބަހުގެ ސަބަބުންނެވެ. ދެންމެ ދެންމެއަކު ޔުނާ އޭނަގެ ގާތަށް އަނބުރާ އައިސްދާނެކަމަށް ޒިހާންގެ ހިތް ބުނަމުން ދިޔައެވެ. އެކަން އެގޮތަށް ނުވެ ފުރާ ވަގުތު ޖެހިފައިވިޔަސް އެއާރޕޯޓުން ވެސް އޭނަ ޔުނާއާ ދިމާވެދާނެކަމުގެ އުއްމީދު ޒިހާންގެ ހިތުގައިވިއެވެ.
އެހެންކަމުން އެއާރޕޯޓަށް ދިޔުމަށްފަހު ވެސް ޒިހާނަށް އިޚްތިޔާރަކާއި ނުލައި ވަށައި ހޯދެމުން ދިޔައީ އޭނަގެ ހިތުގެ ވެރިޔާ ފެނޭތޯއެވެ. ޗެކް-އިން ވުމަށްފަހު ރެސްޓޯރެންޓަކަށް ދިޔައީ ކާން ކަމަށް ވިޔަސް ކެއުމަށްވުރެ ބޮޑަށް އޭނައަށް ސަމާލުކަން ދެވެމުން ދިޔައީ އެކި ދިމަދިމާލަށް ނަޒަރު ހިންގުމަށެވެ.
މިފަދަ ގޮތަކަށް ޒިހާން އެއާރޕޯޓް ތެރޭގައި އުޅެމުން ދަނިކޮށް އެންމެ ފަހުން ޑިޕާޗާއަށް ވަންނަ ވަގުތު ޖެހުނެވެ. ޑިޕާޗާގައި ހުރި ގޮނޑިއެއްގައި ޒިހާނަށް އިށީނދެވުނީ މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުންނެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ގަޑިންވީ 8:25 އެވެ. ބޯޑިންގްއަށް ބާކީ އޮތީ އެންމެ 5 މިނެޓެވެ.
އެ މަދު މިނެޓްގެ ތެރޭގައި ޔުނާ ދެން އައިސްދާނެ ކަމަށް ޤަބޫލުކުރަން ޒިހާންގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެއާއެކު އޭނަގެ ގައިން ވަރުދޫވިހެން ހީވި ހީވުމާއެކު ޒިހާނަށް އޭނަ އިން ގޮނޑިއަށް ލެނގިލެވުނެވެ. މީގެ ހަފްތާތަކެއް ކުރިން ޔުނާއާ އިނުމަށްޓަކައި އޭނަ ކުރި އިސްތިޚާރާ ނަމާދުގެ މަތިން ހަނދާންވިއެވެ.
އެންމެ ފުރަތަމަ ޔުނާގާތު ކައިވެނީގެ ވާހަކަ ދެއްކުމަށްފަހު ޔުނާގެ ފަރާތުން ލިބުނު ޖަވާބުން އެއީ އޭނަގެ އިސްތިޚާރާ ނަމާދުގެ ޖަވާބުކަމަށް ހީކުރެވުނެވެ. ޔުނާ އޭނައަށް އާނއެކޭ ނުބުނުމުން ޔުނާ ލިބުމަކީ އޭނަގެ ތަޤްދީރުގައި ނެތް ކަމެއްކަމަށް ޒިހާނަށް ޤަބޫލުކުރެވުނެވެ. އެހެނަސް އެ ޚިޔާލަށް ލޮޅުމެއް އައީ ހީވެސް ނުކުރާ ފަދައަކުން ޔުނާ އަނބުރާ އޭނަގެ ޙަޔާތަށް އައުމުންނެވެ. އެއީ އޭނައާއި ޔުނާ ގުޅެން ފަހިވި މަގެއް ކަމަށް ޒިހާނަށް ހީކުރެވުނެވެ. އެހެނަސް ދެވަނަ ފަހަރަށް ވެސް ޔުނާ އޭނަގެ އަތުން ބީވަމުން ދާހެން ހީވި ހީވުމާއެކު ޒިހާންގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވިއެވެ.
އެ ހައިޖާނުގެ ތެރެއިން ޒިހާން އޭނައާއި ޔުނާއާ ދެމެދު އެއްރެއަކު ދެކެވިފައިވާ އެހެން ވާހަކައެއްގެ މަތިން ވެސް ހަނދާންވަމުން ދިޔައެވެ.
"ދޮންބެ މަތިން ހަނދާންވަނީ މިގޮތަށް ހާރު ކެއީމަ..... ވަރަށް އުފާވޭ ދޮންބެގެ ނަޞޭޙަތްތަކާ އެއްގޮތަށް އުޅެވުނީމަ. އެގޮތަށް އުޅެން މަސައްކަތް ކުރީމަ ދޮންބެގެ ލޯތްބާއެކީ އުޅެވޭހެން ހީވަނީ...." އެއްރެއަކު ހާރު ކެއުމުގެ ތެރެއިން ޔުނާ ބުނެފައިވެއެވެ. އެ ހިނދު އައިސްއަލަމާރީގެ ތެރެއިން ފެންފުޅިއެއް ނަގައި ދޮރު ލައްޕައިލި ޒިހާންގެ ޙަރަކާތްތައް ވެސް ހިނދުކޮޅަކަށް މަޑުޖެހުނެވެ. ޒިހާން ވަކި އެއްޗެކޭ ނުބުނެ ހުއްޓާ ޔުނާ އިތުރަށް ވާހަކަ ދެއްކިއެވެ.
"ދޮންބެ ދުނިޔެއިން ވަކިވެގެން ދިޔައިމަ ދޮންބެގެ އެ ލޯބީގެ އަގު ވަޒަން މި ކުރެވެނީ.... މިހާރު ބޭނުންވަނީ ހިތާއި ދެކޮޅަށް ވިޔަސް ދޮންބެ ބޭނުންވާ ގޮތަށް ކަންތައް ކުރަން. ހެހެ..... ދޮންބެ އެއްދުވަހު ބުނި އަހަންނަށްޓަކައި ޕްރިންސް ޗާރމިންގްއެއް ހޯދާފަ ހުރި ވާހަކަވެސް. އެއީ ކަންނޭނގެ ދޮންބެ އަހަންނާއި މެރީ ކުރުވަން އުޅުނު މީހާ. މިވަގުތު އަހަރެންގެ މެންޓަލް ސްޓޭޓް ހުރިގޮތުން ހިއެއްނުވޭ އަހަންނަށް މެރީކޮށްގެން އުފަލެއް ލިބޭނެހެން. އެކަމަކު ގަދަކަމުން ވިޔަސް ދޮންބެ އެދިފައިވާ މީހަކާއި އިންނަން ބޭނުން. ދޮންބެގެ ކޮންމެ އެދުމެއް ފުރިހަމަ ކޮށްދޭން ބޭނުންވާތީ...... ބައި އެނީ ޗާންސް ޒިހާނަށް އެނގޭތަ ސާރޖެންޓް ޔަޒްދާން ޚަލީލްއާ ގާތުން އުޅުނު އަހަންނާއި އެއް ޢުމުރެއްގެ ޒުވާނަކު؟" ޔުނާ އެ ސުވާލު ކޮށްލުމާއެކު އޭނައަށް ފަސްދީގެން ފެންފުޅިން ފެންބޯން ހުރި ޒިހާން ކޮށި އަރާ ގޮތްވިއެވެ.
އެރޭގެ އެވަގުތު އޭނަ ކެއްސަން ފެށުމުން ޔުނާ މޭޒުދޮށުގައި އިނދެ ކަންބޮޑުވުމަކާއެކީ އޯކޭތޯ ސުވާލުކުރިއެވެ. ޒިހާން ފުން ނޭވާތަކެއް ލައި ހަމައަކަށް އެޅެމުން އޯކޭއޭ ބުނެ ބަދިގެއިން ނިކުމެގެން ދިޔައީއެވެ. އެތާ ހުރެ ޔުނާގާތު ޙަޤީޤަތް ހާމަކުރަން ކިތަންމެ ބޭނުންވިޔަސް އޭނަގެ ހިތް އެކަމާއި ދެކޮޅު ހަދަމުން ދިޔައެވެ. ޔުނާ ގަދަކަމުން އޭނަގެ ޙަޔާތަށް ގެނައުމަށްވުރެ އަމިއްލަ ނަފްސަށް އަނިޔާއެއް ދިނުން ވެސް ހިތަށް މާ ފަސޭހަވާނެކަމަށް ޒިހާންގެ ޒަމީރު ބުންޏެވެ. ޔުނާ އޭނަ ދޫކޮށްފައި ދާން ނިންމި ފަހުން ވެސް ޔުނާގެ ދޮންބެގެ ވަޞިއްޔަތުގެ ވާހަކަ ދުލާއި ހަމައަށް ނުގެނައި ސަބަބަކީ އެއީއެވެ.
ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފައިވަނިކޮށް، މާލެއިން ފުވައްމުލަކަށް ދަތުރުކުރާ ދަތުރުވެރިން ބޯޑިންގް ޕާސް ދެއްކުމަށް ކުރިއަށް ވަޑައިގަތުމަށް އެންގެން ފެށިއެވެ. ޒިހާން އިށީނދެގެން އިނީ ޑިޕާޗާގެ އެންމެ ކުރީ ބަރިއެއްގެ ގޮނޑިއެއްގައި ކަމަށްވިޔަސް، އެހެން މީހުން ކުރިއަށް ދާން ފެށިއިރުވެސް އޭނައަށް އިންގޮތަށް އިނދެ ވަށައި ހޯދުނެވެ. އެ ފަހު ވަގުތުކޮޅުގައި ވެސް ޔުނާ އައިސްދާނެ ކަމަށް އޭނަގެ މޮޔަ ހިތް ގޮވަމުން ދިޔައީތީވެއެވެ. އެހެނަސް ޔަޤީނާއި ގާތްވިހެން އޭނަ އެވަގުތު ވެސް ތެދުވަން ޖެހުނީ ޔުނާ ފެނުމެއްނެތިއެވެ. ކައުންޓަރާއި ދިމާލަށް ދިޔައީ އެ ކައުންޓަރުގެ ކައިރީގައި ހެދިފައި އޮތް ކިއުގައި އެންމެ ތިން މީހުން ބާކީވުމުންނެވެ. އެ ތިން މީހުންގެ ފަހަތުން ގޮސް ޒިހާންވެސް ބޯޑިންގް ޕާސް ދެއްކުމަށްފަހު ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ޒިހާނަށް ބޭރަށް ނިކުމެވުނު ވަގުތުތަކީ ޑިޕާޗާގެ ތެރެއިން އަވަސް ފިޔަވަޅުތަކެއްގައި އައި އަންހެން ކުއްޖަކު ގޮސް ކައުންޓަރާއި ހަމަ ކުރި ވަގުތެވެ. މާލެއިން ފުވައްމުލަކަށް ދާ ފްލައިޓްގެ ބޯޑިންގް ޕާސް ދެއްކުމަށްފަހު އެ އަންހެން ކުއްޖާ ވެސް ނިކުންނަން ހިނގައިގަތެވެ.
ޒިހާން ފްލައިޓާއި ދިމާލަށް ހިނގައިފައި ދިޔައިރު ފްލައިޓްތަކުގައި އަޑުފަތްގަނޑު މުޅި ހިސާބުގައި ހަރުލާފައިވިއެވެ. ޔުނާއާ ވަކިވާ ކަމުގެ ޚިޔާލުން ހަމަޖެހުން ނެތިފައިވި ހިތަކާއެކީ ޒިހާން ގަދަކަމުން ފްލައިޓާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަމުން ދިޔައެވެ. ޒިހާނަށް ނޭނގުނު ކަމަކީ ހަމަ އެވަގުތު އޭނަގެ ފަހަތުން އޭނައާ ދިމާލަށް އަންހެން ކުއްޖަކު އަވަސް ފިޔަވަޅުތަކެއްގައި އަންނަމުން ދިޔަކަމެވެ. އެ އަވަސް ފިޔަވަޅުތައް ވަކި ހިސާބަކުން ދުވުމަކަށް ބަދަލުވިއެއްކަމަކު ޒިހާނަށް އެ އަޑު އިވޭ ގޮތް ނުވީ ފްލައިޓްތަކުގެ އަޑު މާ ގަދަވުމުންނެވެ.
ޒިހާނަށް އެ އަންހެން ކުއްޖާގެ ހިލަމެއްވީ އޭނައާ ދާދި ގާތުން މީހަކު ހިނގަމުން ދިޔަހެން ހީވުމުންނެވެ. އެ ހީވި ހީވުމާއެކު އޭނައަށް ކަނާތް ފަރާތަށް ލުއި ނަޒަރެއް ދީފައި ކުރިމައްޗަށް ނަޒަރު ހުއްޓައިލެވުނެވެ. އެހެނަސް ދެވަނަ ފަހަރަށް އެ ދިމާލަށް ބަލައިލަން މަޖުބޫރުވީ އެ ފެނުނު ސޫރައިން ހިތް ތެޅިލި ގޮތުންނެވެ. އެއީ ކާކުކަން ނަގައިގަނެވުމާއެކު ޒިހާންގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ އިޚްތިޔާރުން ބޭރުގައެވެ.
"ޔުނާ....." ޒިހާނަށް ގޮވާލެވުނީ މަޑު އަޑުންނެވެ. ހަމަ އެވަގުތު ޔުނާ އާޝޯޚުކުރުވާ ފަދަ ހިނިތުންވުމަކާއެކީ އޭނައަށް ބަލައިލިއެވެ.
"ހައި!" ޔުނާ އޭނައާ އެއްހަމައެއްގައި ހިނގަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެހިނދު ޒިހާނަށް އަނގަ ހުޅުވި ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. ކުރިއަށް ހިނގެމުން ދިޔަހާ ވެސް ސަބަބަކީ ޔުނާއާ އެއްހަމައެއްގައި ހުރުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
"ހައި...." ޒިހާނަށް އެހެން ބުނެލެވުނީ ވަކި މާ ބޮޑު ވިސްނުމެއްވެސް ނެތިއެވެ. މިއީ އޭނައަށް ފެންނަމުން ދިޔަ އަވާމެންދުރެއްތޯ އަމިއްލަ ނަފްސުގާތު ސުވާލުކުރެވުނެވެ. ނޫނީ މިއީ ހުވަފެނެއްތޯ ވެސް ހިތާހިތުން ކިޔައިލެވުނެވެ. އެހެނަސް ފްލައިޓާއި ހަމައަށް ގޮސް ޔުނާ އޭނަގެ ފަހަތުން ގޮސް ސިޑިން ވެސް އަރަން ފެށުމުން މިއީ ޙަޤީޤަތްކަމަށް ޤަބޫލުކުރަން އޭނައަށް މަޖުބޫރުވިއެވެ. ހަމަ އެވަގުތު އޭނަގެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ.
ފްލައިޓަށް އެރުމަށްފަހު ޒިހާން އިށީންނަން ޖެހުނީ މެދު ޢުމުރުގެ ފިރިހެނެއްގެ ކައިރީގައެވެ. އަދި ޔުނާ އިންނަން ޖެހުނީ ޢުމުރުން ދުވަސްވީ ދައްތައެއްގެ ކައިރީގައެވެ. ކޮންމެ ގޮތެއްވިޔަސް ކަން ދިމާކުރި ގޮތުން ޔުނާއާއި ޒިހާން ޖެހުނީ އެއްރޮނގެއްގައި ކުޑަދޮރާއި ދުރު ސީޓުގައެވެ. އެހެންކަމުން ދެމީހުން ވެސް ކުޑަދޮރު ހުރި ފަރާތް ނޫން އަނެއްފަރާތަށް ބަލައިލުމުން އެކަކު އަނެކަކު ރީއްޗަށް ފެނެއެވެ. ސީޓުތަކުގައި އިށީނދެ ހަމަޖެހިލެވުނުތަނާހެން ދެމީހުންނަށް ވެސް އެކަން ފާހަގަވުމުން އެކަކު އަނެކަކަށް ބަލައި ހިނިތުންވުމެއް ބަދަލުކުރެވުނެވެ. ހިނިތުންވުމަށްފަހު ޔުނާ ދުރު ބަލައިލުމުން ވެސް ޒިހާންގެ ހިނިތުންވުން ފުންވުން ނޫންކަމެއް ނުވިއެވެ.
މުޅި ދަތުރު މަތީގައި ޒިހާނަށް ދޭތެރެދޭތެރެއިން ޔުނާއަށް ނަޒަރުތަކެއް ދެވެމުން ދިޔައެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސުދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެނަސް އެ ނަފްސު ހަމައަކަށް އަޅުވަން ވެސް އޭނައަށް އެވަގުތު ދަތިވަމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް ޔުނާ އޭނަގެ ކައިރީގައި އިން ދައްތައާ ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނަގެ ހިތް ލޯބިން ފުރެމުން ދިޔައެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ވެސް ޔުނާއާއެކީ އޭނަ މުޅި ޢުމުރު ހޭދަކުރާނެ ގޮތްތައް އެތައް ހާސް ފަހަރަކު ޚިޔާލު ކުރެވުނެވެ. އެއީ ނުވެދާނެ ކަމެއްކަމަށް އަމިއްލަ ހިތަށް ވިސްނައިދޭން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ.
ޒިހާންމެން ދަތުރުކުރަމުން ދިޔަ ފްލައިޓަކީ ޓްރާންސިޓް ފްލައިޓަކަށްވުމުން މިނެޓްތަކެއްގެ ތެރޭގައި އެ ފްލައިޓް ކޮންމެވެސް އެހެން ރަށަކަށް ޖެއްސިއެވެ. އެ ރަށަށް ފްލައިޓް ޖެއްސި ވަގުތު ޔުނާ ދެލޯ މަރައިގެން ސީޓަށް ލެނގިލައިގެން އޮތް މަންޒަރު ޒިހާނަށް ފެނުނެވެ. ޔުނާ އެހެން އޮންނަތާ ފުދޭވަރަކަށް ގިނައިރު ވެފައިވުމުން ޔުނާ ނިދުނީ ކަމަށް ޒިހާނަށް ހީކުރެވުނެވެ.
ފަހު މަންޒިލާއި ހަމައަށް ނުދިޔަޔަސް ފްލައިޓް ޖެއްސުމާއެކު ޒިހާން އާދައިގެ މަތިން އޭނަގެ ފޯނު ހުޅުވާލިއެވެ. އެއަށްފަހު މަންމައަށް ގުޅަން ފެށީ އޭނަ ހުރީ ކިހާ ހިސާބެއްގައިކަން މަންމައަށް އަންގައިލުމަށެވެ.
"ވަޢަލައިކުމުއްސަލާމް މަންމާ..... މިހާރު ހަމަ ރަށަށް ދިޔުމުގެ މަގުމަތީގަ މިއުޅެނީ.... ދެން ބައި ގަޑިއިރެއްހާއިރު ތެރޭ ދެވޭނެ. އަލިބެ ކައިރި ބުނައްޗޭ އަހަރެންގެ ކާރު އެއާރޕޯޓަށް ގެނެސްދޭށޭ." ޒިހާން އެދުނެވެ.
"އާނއެކޭ.... އަލިބެ މިރޭ ޑިއުޓީއަށް ދާން އޮތީ އެއާރޕޯޓަށް. އެހެންވީމަ ދެވޭނެ. މަންމަމެންވެސް އަންނާނަމޭ ޒިހާން ބަލާ. އެއްކަލަ ކުއްޖާވެސް އެބަ އާދޭ ދޯ؟ އެކުއްޖާއަށް ވެސް ރަނގަޅަށް މަރުޙަބާ ކިޔަން ވާނެއެއްނު؟" މަންމަ އެ ވާހަކަ ބުނެލީ ފުރިހަމަ ހިނިތުންވުމަކާއެކީކަން އެ އަޑުން ވެސް ޒިހާނަށް ނަގައިގަނެވުނެވެ. މަންމަގެ އުއްމީދަކީ ކޮބައިކަން ނަގައިގަނެވުނު ޒިހާނަށް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
"މަންމާ.... ކުރިން ވެސް ބުނިހެން އެކުއްޖާއާ އިންނާކަށް ނޫން އަޅުގަނޑު އެކުއްޖާ ގޮވައިގެން ރަށަށް މި އަންނަނީ. އެކުއްޖާ އެކަމަށް އެއްބަހެއް ނުވޭ. ވީއިރު ކިހިނެއް...." ޒިހާނަށް އެހާ ހިސާބަށް ބުނެވުނުތަނާހެން އެކޮޅުން މަންމަ ވާހަކަ ދެއްކި އަޑު އިވުނެވެ.
"ޒިހާން! ޒިހާންގެ ދޮންތަ އެބަބުނޭ އެކުއްޖާގެ ދޮންބެ ވެސް ބޭނުންވަނީ އެކުއްޖާ ޒިހާނާއި އިންނާށޭ. އެ ވާހަކަ އެކުއްޖާ ކައިރި ބުނެފިއްޔާ މަންމައަށް ޔަޤީން އެކުއްޖާ އެއްބަސްވާނެކަން...." މަންމަ ބުނެލި އަޑު އިވުނެވެ.
"ތިއީ ތެދެއް މަންމާ. އެކަމަކު އެކުއްޖާގެ ދޮންބެގެ ވާހަކަ ގެނެސްގެން ކޮންމެހެން ގަދަކަމުން އެކުއްޖާއާ އިންނަން އަޅުގަނޑު ބޭނުމެއްނޫން. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނެއްނު މަންމާ؟" ޒިހާނަށް ބުނެލެވުނެވެ. އޭނައަށް އެ ވާހަކަ ބުނެވުނީ މާ ބާރަށްހެން ހީވި ވަގުތު ވަށައި ނަޒަރެއް ވެސް ދެވުނެވެ. އެވަގުތު ވެސް ޔުނާ ދެލޯ މެރިފައި އޮތް މަންޒަރު ފެނިފައި އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"އެކަމަކު ޒިހާން...."
"މަންމާ ޕްލީޒް..... އަހަންނަށް މި ޙާލަތު އިތުރަށް ދަތިވާނެ މަންމަ ތިގޮތަށް ވާހަކަ ދެއްކީމަ. މަންމަ ޔުނާގާތު އެ ވާހަކަ ނުބުނުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ދޮންތަ ކައިރިވެސް ބުނެލައްޗޭ މި ވާހަކަ.... ދެން ބޭއްވީ... ފްލައިޓް ނައްޓަން މިއުޅެނީ އަނެއްކާ. ލަވް ޔޫ މަންމާ!" ޒިހާން ބުނެލިއެވެ. އެއާއެކު މަންމަ އެކޮޅުން ފުން ނޭވައެއް ދޫކޮށްލަމުން އެންމެ ރަނގަޅޭ ބުނުމުން ޒިހާނަށް ފޯނު ކަނޑައިލެވުނެވެ.
އެވަގުތު ހިތް ކުޑަކޮށް މާޔޫސްވެފައިވިއެއްކަމަކު އެ ހިތުގެ ކަނެއްގައި އުފާވެރިކަމެއްވެސް ވިއެވެ. ޔުނާ އޭނަގެ މީހަކަށް މުޅިން ނުވިޔަސް ވޭތުވެ ދިޔަ އަހަރުތަކާއި ޚިލާފަށް ޔުނާ އޭނަ ފެންނަ ހިސާބުގައި ވާނެ ކަމަށްޓަކައެވެ.
ބައިގަޑިއިރެއްހާ އިރު ތެރޭގައި ފްލައިޓް ޖެއްސުމުން ޒިހާން ޔުނާއާ އެކީ ފްލައިޓުން ފައިބައިގެން އެއާރޕޯޓުން ނިކުމެގެން ދާން މިޞްރާބުޖެހިއެވެ. ލަގެޖް ބެލްޓުގެ ކައިރީގައި ތިބި ވަގުތު ވެސް އެދެމެދުގައި ހިނިތުންވުންތަކެއް ބަދަލުވަމުން ދިޔައެވެ. އޭގެއިން ކޮންމެ ފަހަރަކު ޒިހާން ޔުނާއާ އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވެއެވެ. ފަހު ވަގުތުގައި އޭނައާއެކީ އަންނަން ނިންމީ ކީއްވެތޯ ޚިޔާލުތަކުގެ ތެރެއިން އަހައިލެވުނީ ކިތައް ފަހަރުކަމެއް ވެސް ޒިހާނަށް ނޭނގެއެވެ. އޭނަ އެހެން އަހަން ޖެހިލުންވަމުން ދިޔައީ ކީއްވެކަމެއް ވެސް ޔަޤީންކުރަން ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ ޔުނާގެ ހިނިތުންވުން އޭނައަށް ފެންނަ ވަގުތުކޮޅުތައް ދިގުދެމިގެންދާން ހިތާހިތުން ދުޢާ ކުރެވެމުން ދިޔަކަމެވެ.
**
ޒިހާނާއެކީ ލަގެޖްގެ ޓްރޯލީ ކޮއްޕަމުން އެއާރޕޯޓުން ނިކުންނަން ދިޔަ ޔުނާ ހިސާބަކަށް ފިނިވެފައިވިއެވެ. ޒިހާންގެ ޢާއިލާ މީހުން ވެސް އެމީހުން ބަލާ އަންނާނެ ވާހަކަ އެއާރޕޯޓު ތެރެއިން ވެސް ޒިހާން ބުނެފައިވުމުންނެވެ. ޔުނާ ޓާމިނަލްގެ ތެރެއަށް ނިކުންނަން ފެށީ ނުރުހުންތެރި މޫނުތަކާއި ކުރިމަތިލުމަށް އަމިއްލަ ނަފްސަށް ހިތްވަރު ދެމުންނެވެ. އެހެނަސް ޓާމިނަލުން ނިކުމެވުމާއެކުހެން ދިގު ހެދުމަކާއެކީ ޝޯލް އަޅައިގެން ހުރި އަންހެން ކުއްޖަކު އައިސް ހިނިތުންވުމަކާއެކީ އޭނަގެ ކުރިމައްޗަށް ހުއްޓިލިއެވެ.
"ޔުނާ ދޯ؟" އޭނަގެ އެއްކޮނޑުގައި ހިފާލަމުން އެ އަންހެން ކުއްޖާ ސުވާލުކުރިއެވެ. ޔުނާ އެ ވާހަކައަށް ބޯޖަހާލުމުން އެ އަންހެން ކުއްޖާ ނުހަނު ލޯތްބާއެކީ އޭނަގެ ގައިގައި ބައްދާލިއެވެ.
"މިއީ ޒައިނާއޭ.... ޒިހާންގެ ދޮންތަ.... އަނެއްކާ އެ ކުރުތާތައް ހެޔޮވަރުވިތަ ޔުނާއަށް؟" ޒައިނާ ޔުނާއާ ދުރުވެލަމުން ހަމަ އެ ހިނިތުންވުމުގައި ހުރެ ސުވާލުކުރިއެވެ. ޔުނާ ލުއި ހީލުމަކާއެކީ ހޫންލައްވާލިއެވެ.
"ދޮންތާ އަހަރެން ވެސް މިހިރީ..... ޖަސްޓް ސޯ ޔޫ ނޯ..." ޔުނާ ކައިރީގައި ހުއްޓި ހުރި ޒިހާން ޒާތަކަށް ބުނެލިއެވެ.
"އާނ ޒިހާން.... އަހަރުމެންގެ މެހުމާނުގެ ލަގެޖް ހިފައިގެން އައިސް ކާރަށް ލައިދެއްޗޭ.... މަންމަ ބުނީ މެހުމާނަށް އެއްވެސް ބުރައެއް ނުޖައްސައްޗޭ. މަންމަ ވެސް އުޅުނޭ އަންނަން. އެކަމަކު ޔުނާ އަންނަން ވާއިރަށް ކެއުން ތައްޔާރުކުރުމުގެ ކަންތައް މުޅިން ނުނިމޭތީ މަޑުކޮށްލީ. ލޫލޫ ހުރީ މަންމައަށް އެހީވެދޭން. މަންހަލް ވެސް ނުނިދާ އެބަ އުޅޭ ގެއަށް މީހަކު އަންނަން އުޅޭކަން އެނގިގެން..." ޒައިނާ ކިޔައިދިނެވެ. ޒިހާން ހީލުމަކާއެކީ އެހެންހޭ އެހުމުން ޔުނާ ވެސް އެ ހުރިހާ ޢާއިލާ މެންބަރުންނާއި ބައްދަލުކުރަން ބޭނުންވިއެވެ. އެ ދެކެވުނު ވާހަކައިން އެކަނި ވެސް އެމީހުންގެ ހިތްހެޔޮކަން ނަގައިގަނެވުމުންނެވެ.
އޭގެ މިނެޓްތަކެއް ފަހުން ޔުނާއަށް އިނދެވުނީ ޒިހާންގެ ކާރުގައެވެ. ކަޅުކުލައިގެ އެ ކާރު ބޮޑުވެފައި ފަހުގެ ގޮތެއް ހުރުމާއެކު ކާރުގެ ނަންބަރު ވެސް ގަނެފައި އޮތުމުން، ޒިހާނަކީ އޭނަ ހީކުރި ވަރަށްވުރެ ތަނަވަސް ދިރިއުޅުމެއްގެ ވެރިއެއްކަން ޔުނާއަށް އެނގުންވިއެވެ. އަދި އަމުދުން 15 ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އެ ކާރު، އުސް ފާރުތަކެއް ލެވިފައިވި ބޮޑު ގެއެއްގެ ކުރިމައްޗަށް މަޑުކޮށްލުމުން އެކަން ޔަޤީންވާ ގޮތްވިއެވެ.
ޒިހާނަށްވުރެ ކުރިން ޒައިނާ ޔުނާ ގޮވައިގެން އެގެއަށް ވަނެވެ. އެ ގޭގެ ތެރެއިން އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ހުދުކުލައިގެ ކަށިވެލި ލެވިފައިވާ ހާމަ ފެންޑާއެކެވެ. ފެންޑާގެ ވަށައިގެން ފާރުތަކުގެ ކައިރިން ގަސްތަކުގެ ޕޮޓްތައް ފެންނަމުން ދިޔަ ގޮތުން އެގޭގެ މީހުން ގަސްތަކަށް ލޯބިކުރާކަން އެނގެއެވެ. ވަށައި ހޯދަމުން ދަނިކޮށް ޒައިނާ އޭނަގެ އަތުގައި ހިފައިގެން ގޮސް ގެއަށް ވެއްދިއެވެ. އެއާއެކު ސިޓިންގް ރޫމުގެ ޓައިލްސް މަތީގައި އިނދެ ފޮތެއްގައި ކުރަހަން އިން ފިރިހެން ކުއްޖަކު ޒައިނާ ފެނިފައި މަންމިއޭ ކިޔައި ދުވެފައި އައިސް ޒައިނާގެ ގައިގައި އޮޅުލައިގަތެވެ. ހަމަ އެ ވަގުތު ސޯފާގައި އިން ފުރާވަރުގެ އަންހެން ކުއްޖަކު އެބަ އަންނަމޭ ބުނެ ސިޓިންގް ރޫމުން ނިކުންނަން ދިޔައެވެ.
އޭގެ މާ ގިނައިރެއްނުވެ ޒިހާންގެ މަންމަ ޝަކީލާއާ ވެސް ބައްދަލުވެއްޖެ އެވެ. ޝަކީލާ ވެސް އައިސް ޔުނާގެ ގައިގައި ބައްދާލީ ހިތްހެޔޮ ހިނިތުންވުމަކާއި އެކީގައެވެ. އެއަށްފަހު ޔުނާ ލޫލޫއާ މަންހަލްއަށް ވެސް ތަޢާރަފުވެގެން ދިޔައެވެ. ލޫލޫއަކީ ޒިހާންގެ ހަގު ކޮއްކޮއެވެ. މަންހަލްއަކީ ޒައިނާހުރި ހަމައެކަނި ދަރިފުޅެވެ.
ލޫލޫއަކީ ޒިހާންމެންގެ ކޮއްކޮއަށް ވިޔަސް ބަލާބެލުމަށް ލޫލޫގެ ހަމުގެ ކުލަ ޒިހާންމެންނަށް ވުރެ ފަނޑުވެފައި ތަފާތުކަން ޔުނާއަށް ފާހަގަވިއެވެ. އެކަމާމެދު ހިތުގައި ސުވާލު އުފެދުނެއްކަމަކު އޭނަ އެ ވާހަކަ ދުލާއި ހަމައަށް ނުގެނައެވެ. އޭގެ ބަދަލުގައި އެ ހުރިހާ އެންމެންގެ ފަރާތުން ވެސް އޭނައަށް ލިބެމުން ދިޔަ ލޯތްބަށް ޔުނާ ސަމާލުކަން ދިނެވެ.
މުޅި ޢާއިލާގެ ރޭގަނޑުގެ ކެއުމުގައި އޭނަ ވެސް ބައިވެރިކޮށް އޭނައަށްޓަކައި ކޮޓަރިއެއް ހުހަށް ބަހައްޓާފައި ހުންނާނެ ވާހަކަ ޒިހާންގެ މަންމަ ބުނުމުން ޔުނާގެ ހިތް ޝުކުރުވެރިކަމުން ފުރިގެން ދިޔައެވެ. ހަމަ އެއާއެކު މިއީ ކޮންކަހަލަ ބައެއްތޯ ވެސް ހިތަށްއެރިއެވެ. އޭނަ ޒިހާނަށް ނޫނެކޭ ބުނިކަން ޒިހާންގެ ޢާއިލާއަށް ނޭނގެނީތޯ ވެސް ހިތަށްއެރިއެވެ. އެހެނަސް އެމީހުންނަށް އެނގޭކަން ޔުނާއަށް ޔަޤީނެވެ. އެމީހުންގެ ހިތްހެޔޮކަމުން އޭނައަށް އެކަން ނުދައްކަނީކަން އެނގުންވީ ހިނދު ޔުނާއަށް ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ.
އެރޭ ޔުނާ ނިދަން ތައްޔާރުވީ، އޭނަ ޢާއްމުގޮތެއްގައި އުޅެން އާދަވެފައިވާ ކޮޓަރިތަކަށްވުރެ ކުޑަ ކޮޓަރިއެއްގައެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް އެ ކޮޓަރި ހިތްގައިމުވިއެވެ. ވަކިން ޚާއްޞަކޮށް އެ ކޮޓަރީގެ ކުޑަދޮރުން ބޭރަށް ނަޒަރެއް ދިނުމުން އަތިރިމަތި ފެންނާނެ ވާހަކަ ލޫލޫ އޭނަ ގާތު ބުނެފައިވުމުންނެވެ. ހަމައެކަނި ސިންގަލް އެނދަކާއެކީ ކުޑަ އަލަމާރިއެއް ހުރި އެ ކޮޓަރި ދައްކަމުން ދިޔައީ ހުސްކޮށެވެ. ރީތިވާ މޭޒުގެ ބަދަލުގައި ޔުނާ ރީތިވާން ޖެހުނީ ހެދުން އަލަމާރީގެ ދޮރުގައި ހުރި މޫނުބަލާ ލޯގަނޑަކަށް ބަލަހައްޓައިގެންނެވެ. ކޮންމެ ގޮތެއްވިޔަސް އެ ވަގުތު އޭނަގެ ހިތުގައި ކުޑަ ވެސް ޝަކުވާއެއްނެތެވެ. އެއަށްވުރެ ބޮޑަށް ޙައިރާންކަމެއް ލިބުނީ މި ތަނަވަސް ގޭގައި އެފަދަ ކޮޓަރިއެއް ހުރުމުންނެވެ. އަދި އަމުދުން ޒިހާންގެ ޢާއިލާއިން މިހާތަނަށް އޭނައަށް ދިން މެހުމާންދާރީއާ އެ ކޮޓަރީގެ ފެންވަރު ނުބައްދަލުވުމުންނެވެ. އެހެނަސް ޔުނާ އެ ވާހަކަ ހަމައެކަނި އޭނަގެ ހިތުތެރޭގައި ބޭއްވިއެވެ.
ޔުނާ ނިދަން ތައްޔާރުވުމަށްފަހު އެނދުގައި އިށީން ވަގުތު އާދައިގެ މަތިން އޭނަގެ ލޮލުގައި ނިންޖެއްނެތެވެ. އެ ވަގުތު އޭނަގެ ހަނދާނަށް އައީ އޭނަގެ ކިޔެވުމުގެ މަތިންނެވެ. ކިޔެވުމުގެ ކަންތަކާއި ނޫޅެވޭތާ ހަފްތާއެއްހާ ދުވަސްވީއިރު ޔުނާ އެކަމާމެދުވެސް ފިކުރު ބޮޑުވަމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް ދެ މަހެއްހާ ދުވަސްފަހުން އޭނަގެ އިމްތިޙާން ވެސް އޮތްކަން ހަނދާންވަމުން ދިޔަ ގޮތުންނެވެ.
ހަދާނެ ގޮތް ހުސްވެފައި ޔުނާ އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ދެވުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި 'ލޫލޫ ވަދެލަންތޯ' ނުހަނު ލޯބި އަޑަކުން އަހައިލެވުނު އަޑަށް ޔުނާ ގޮސް ދޮރު ހުޅުވައިލިއެވެ. ލޫލޫ އުޖާލާވި ހިނިތުންވުމަކާއެކީ ކޮޓަރިއަށް ވަދެ ހުރިހާ ކަމެއް ކިހިނެއްތޯ ސުވާލުކޮށް ވާހަކައެއް އަޅުވާލިއެވެ. ޔުނާ ނިދި ނާންނަ ވާހަކަ ބުނުމުން ލޫލޫ ވެސް ބައެއްފަހަރު ނިދި ނާދެއޭ ބުނެ ނިދަން ކުރާ މަސައްކަތް ކިޔައިދިނީ ސަމާސާވެރި ގޮތަކަށެވެ. ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން އޭނަގެ ކިޔެވުމުގެ ވާހަކަ ޙިއްސާކޮށް ކިޔެވުން ކުރިއަށް ގެންދަން ބޭނުންވާ ވާހަކަ ބުންޏެވެ.
"އެހެންވީމަ ޔުނާ ދައްތި ލެޕްޓޮޕެއްދޯ ބޭނުންވަނީ؟ ލޫލޫއަށް ހީވަނީ ތިއްތިބެ މިދިޔަ އަހަރު ގެންގުޅުނު ލެޕްޓޮޕެއް ހުންނާނެހެން ލޫލޫ އަތުގަ. އޭތި ދައްތިއަށް ބޭނުންކުރެވިދާނެ. އެބަ ގެންނަން އިނގޭ؟" ލޫލޫ އެހެން ބުނެލަމުން ޔުނާއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ކޮޓަރިން ނިކުންނަން ދިޔައެވެ.
ލޫލޫ އަނބުރާ ކޮޓަރިއަށް އައީ އަޅިކުލައިގެ މެދުމިނުގެ ލެޕްޓޮޕަކާއި އޭގެ ޗާޖަރު ހިފައިގެންނެވެ. އެ ލެޕްޓޮޕް ދުރުން ފެނިފައި ވެސް އެއީ އޭނައަށް ފެނުނު އެއްޗެއްހެން ޔުނާއަށް ހީވިއެވެ. ލޫލޫ އައިސް އެ ލެޕްޓޮޕް އޭނައަށް ދިއްކޮށްލިއިރު ލެޕްޓޮޕްގެ މަތީ ބައިގެ ކަނެއްގައި ތަތްކުރެވިފައިވި ސްޓިކާރ އަކުރު ފެނިފައި އެއީ ކާކުގެ އެއްޗެއްކަން ޔުނާއަށް ޔަޤީންކުރެވުނެވެ.
"މިއީ އަސްލު ތިއްތިބޭގެ ފްރެންޑެއްގެ ލެޕްޓޮޕެއް. ތިއްތި ބުނީ ތިމަންނަ މާލޭގަ ހުއްޓާ މިކޮޅުގެ ބިޒްނަސްކަމެއް އާރޖެންޓްކޮށް ނިންމަން ޖެހުނީމަ އެ ފްރެންޑް ދިނިއްޔޯ ލެޕްޓޮޕް. މަސައްކަތް ނިމިގެން އަނބުރާ ދޭން އުޅުނީމަ ނުއެއް ހޯދިއޯ. ތިއޮތީއެއްނު 'ވައި' އަކުރު؟ އެއީ އެ ފްރެންޑްގެ ނަން ފެށޭ ލެޓާރ އައި ގެސް. ތިއްތި ލޫލޫއަށް ތީތި ދީފަ އޮންނަނީ. އެކަމަކު ލޫލޫ ޢާއްމުކޮށް ބޭނުންކުރަނީ ލޫލޫގެ ކޮމްޕިއުޓަރާއި ޓެބްލެޓް. އެހެންވެ މީތި ނުހުޅުވާތާ ވެސް ވަރަށް ދުވަސްވެއްޖެ. ހިނގާދޯ އޮން ކުރެވޭތޯ ބަލަމާ...." ލޫލޫ އެހެން ބުނެލީ އޭނަ ގެނައި ޗާޖަރު ކަރަންޓާއި ގުޅާލުމަށްފަހު ޔުނާގެ އުނގުމަތީގައި ހުރި ލެޕްޓޮޕާއި ވެސް ގުޅާލަމުންނެވެ.
ޔުނާ ލެޕްޓޮޕްގައި ތަތްކުރެވިފައިވި އަކުރުގައި ލަސްލަހުން އަތް ހިންގާލުމަށްފަހު ލެޕްޓޮޕް ހުޅުވާލިއެވެ. އަދި އޮން ބަޓަނަށް ފިތާލިއެވެ. ސިކުންތުކޮޅެއް ވަންދެން ނުދިއްލި ހުރެފައި ލެޕްޓޮޕްގެ ސްކްރީނަށް ބްރޭންޑްގެ ނަން އަރައިގެން ދިޔުމުން ޔުނާއަށް ހިނިތުންވެލެވުނު އިރު ލުއި އާހެއްގެ އަޑު ލައްވާލެވުނެވެ. އެ ވަގުތު ލޫލޫ އެބަ ހުޅުވޭދޯއޭ ބުނެ އުފާ ފާޅުކުރިއެވެ. އަދި ތިމަންނަ ދެން ދަނީއޭ ބުނެ ކޮޓަރިން ނިކުންނަން ދިޔައީ ޔުނާ އާނއެކޭ ބުނެލުމުންނެވެ. ޔުނާ އެވަގުތު ބޭނުންވީ ވެސް އެކަނި ވާށެވެ. ދޮންބެގެ ހަނދާންތަކުގެ ތެރެއަށް ފީނައިގަންނަން ބޭނުންވިއެވެ.
ޔަޒްދާންގެ ނަމުން ނަން ދެވިފައިވި ޔޫޒާއަށް ވަނުމަށް ޕާސްވޯޑެއް ޖަހަން އެރުމުން ޔުނާ ދޮންބެގެ ޕާސްވޯޑްމަތިން ހަނދާންކުރަމުން އޭތި ޖަހާލިއެވެ. އެންޓާއަށް ފިތާލުމާއެކު ޔޫޒާއަށް ވަދެވުމުން ބެކްގްރައުންޑް އިން ފެނިގެން ދިޔައީ އޭނައާއި ދޮންބެ އެކީގައި ނަގާފައިވާ ފޮޓޯއެކެވެ. ދޮންބެގެ ހިނިތުންވުން ފެނުމާއެކުހެން ޔުނާގެ ލޮލުން ކަރުނަ ހިލޭ ގޮތްވިއެވެ.
ހަމަ އެވަގުތު ޑެސްކްޓޮޕްގައި ހުރި އެހެނިހެން ފޯލްޑާރތަކަށް ނަޒަރެއް ދެވުނީ ދޮންބެގެ އިތުރު ހަނދާންތަކެއް އެތާނގައިވޭތޯ ބެލުމަށެވެ. އެ ލެޕްޓޮޕްގެ ޕާސްވޯޑު އެނގުނަސް ޔުނާ ޢާއްމުގޮތެއްގައި އެ ލެޕްޓޮޕް ބޭނުންކޮށްފައެއް ނުވާނެއެވެ. އެންމެ ފުރަތަމަ ވެސް ޑެސްކްޓޮޕްއިން ލޮލުގައި އެޅީ 'ލޯބިވާ ކޮއްކޮ' ގެ ނަމުން ނަންދެވިފައިވި ފޯލްޑާއެކެވެ. އެއީ ވެސް ޔުނާއަށް ކުރިން ފެނިފައި ނުވާ ފޯލްޑާއަކަށްވުމުން ޔުނާ އޭތި ހުޅުވާލިއެވެ. އެއާއެކު އޭގެ ތެރެއިން އެހެނިހެން ފޯލްޑާތައް ފެނިގެން ދިޔައެވެ. ޔުނާގެ ކުޑައިރުގެ ފޮޓޯތަކަށް ޚާއްޞަކުރެވިފައިވި ފޯލްޑާއަކާއި ޔުނާގެ ކާމިޔާބީތަކަށް ޚާއްޞަކުރެވިފައިވި ފޯލްޑާއަކާއި ދެންވެސް ޔުނާގެ ނަމުން ނަންދެވިފައިވި އެހެނިހެން ފޯލްޑާތަކެވެ. އޭގެއިން ކޮންމެ ފޯލްޑާއެއްގައިވީ އޭނަގެ ފޮޓޯތަކެވެ. ކޮންމެ ފޯލްޑާއެއް ވަކިން ހުޅުވައި ފޮޓޯތައް ބަލަމުން ދިޔަދިޔަހެން ޔުނާގެ ލޯ ކަރުނުން ފުސްވިއެވެ. ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގެން ދިޔައެއްކަމަކު އެ ކަރުނަތައް ފޮހެލަން ވެސް ބޭނުމެއްނުވެފައި ފޮޓޯތައް ބަލަމުން ދިޔައެވެ.
ފޯލްޑާގެ ތެރެ ހާވަމުން ދަނިކޮށް އޭގެ ތެރެއިން ފެނުނު އެއް ފޯލްޑާއަކުން ޔުނާ ޙައިރާންވާ ގޮތްވިއެވެ. އެއަށް ދެވިފައިވި ނަމަކުންނެވެ. 'ޔުނާ ވެޑިންގް' ގެ ނަމުން ނަންދެވިފައިވި ފޯލްޑާ ހުޅުވާލުމުން ވެސް ޔުނާއަށް ފެނިގެން ދިޔައީ ފޮޓޯތަކެވެ. އެންމެ ފުރަތަމަ ވެޑިންގް ޑްރެސްއެއްގެ ފޮޓޯއެއް ހުރިއިރު ދެން ހުރީ ކައިވެންޏަކަށް ތަނެއް ތައްޔާރު ކުރެވިދާނެ ގޮތްތައް ދެއްކިފައި ހުރި ފޮޓޯތަކެވެ. ފޯލްޑާގެ އެންމެ ތިރިން 'ވެޑިންގް އިންވިޓޭޝަން' ނަމަކަށް ދެވިފައިވި ފޮޓޯއެއް ފެނި ޔުނާއަށް އޭތި ހުޅުވާލެވުނެވެ. އެއާއެކު ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ