ޚަބަރު

ހުއްޖަތެއް ދެއްކުމަށް ވެރިން އަބަދުވެސް ގާނޫނުއަސާސީގެ ވާހަކަ ދައްކާ، މައުމޫނު ވެސް އެ ހުއްޖަތު ދެއްކެވި: ނަޝީދު

ރައްޔިތުންނަށް ރައްޔިތުން އެދޭ ބާރުތައް ލިބިނުދިނުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ގާނޫނުއަސާސީގެ ވާހަކަ ވެރިން އަބަދުވެސް ދައްކަމުންދާ ކަމަށާއި ކުރީގެ ރައީސް މައުުމޫން އަބްދުލްޤައްޔޫމްގެ ވެސް އެ ހުއްޖަތު ދެއްކެވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީ ރައީސް މައުމޫނުގެ ވެރިކަމުގައި 2007 ވަނަ އަހަރުގެ އޮގަސްޓް 7 ގައެވެ. އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން 2008ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސްކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރައީސް ނަޝީދެވެ.

‏ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން، ވިޝާމް އެންޑް ކޯގެ ފަރާތުން ކުރިއަށްގެންދިޔަ ނޮލެޖް އޮން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިން އަމަލުކުރަމުންދިޔަ ނޫ ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް އޭރުގެ ރައީސް، ރައީސް މައުމޫން ވިދާޅުވި ނަމަވެސް 17 އަހަރު އެކަން ނުކުރައްވައި ދިޔަ ކަމަށެވެ.

"މޫންލައިޓް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވެފައި 17 އަހަރު ދިޔަ އެކަން ނުކުރައްވާ. އެކިއެކި ހުއްޖަތުތައް ދައްކަވަމުން. ދިވެހި ވެރިން އަބަދުވެސް ގާނޫނުއަސާސީ އެބަ ގެންގުޅޭ އެއީ ދޫ ދިނުމަށް ހުއްޖަތެއްގެ ގޮތުގައި ދައްކާ ވާހަކައަކަށް. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ވާ ގޮތަކީ، ގުމްރީ އަތުން ދޫވަނީ. އަތުން ދޫވީމަ ދެނެއް ފަސޭހަކޮށް އެ ހިފޭކަށް ނޯވެ. ފުރަތަމަ ގާނޫނުއަސާސީން ފެށިގެން ވެސް ކޮންމެ ފަހަރަކު އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހި ވެރިން ގާނޫނުއަސާސީގެ ވާހަކަ ދައްކަން މި ފަށަނީ ދިވެހި ރައްޔިތުން އިތުރު ހައްގުތަކެއް ބޭނުންވެގެން، އިތުރު ބާރުވެރިކަމެއް ބޭނުންވެގެން، އިތުރު އުންމީދުތަކަށް މިސްރާބު ޖަހާތީ، ދިވެހި ވެރިކަމުގެ ފަރާތަށް ބާރު މަދުވެގެންދާނެތީވެ. ރައްޔިތުންނަށް ރައްޔިތުން އެދޭ ބާރުތައް ލިބިނުދިނުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ގާނޫނުއަސާސީގެ ވާހަކަ ދެކެވެން މި ފަށަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ނޫ ގާނޫނުއަސާސީއަށް އަމަލުކުރަމުންދިޔަ ދުވަސްވަރު އޭގެ ސަބަބުން އެމަނިކުފާނަށް ވޭނާއި ހިތާމައާއި އަސަރާއި އަނިޔާ ލިބުނު މިންވަރު މަދެއް ނުވާނެ ކަމަށާއި އަނދަގޮނޑީގައި އަދި ޗޭނު ޖަހާފައި އިންނަން ޖެހުނު ދުވަސްތައް ވެސް މަދެއް ނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ވާހަކަ ރައީސް މައުމޫން ދައްކަވަން ފެއްޓެވީ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމަށް އެދުމުން ދެއްކި ހުއްޖަތެއް ގޮތުގައިކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ނޫ ގާނޫނުއަސާސީ އަނެއްކާވެސް އިސްލާހުކުރަން ޖެހޭ ވާހަކަ މައުމޫން އޭރު ދައްކަވަން ފެއްޓެވީ އަޅުގަނޑުމެން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމަށް ސަރުކާރުގައި އެދުނީމަ އެއިރުގައި ރައީސް ވިދާޅުވީ ގާނޫނުއަސާސީއެއް ޖާގައެއް ނުދެއޭ ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް. އެހެންވީމާ ގާނޫނުއަސާސީ އިސްލާހުކުރެވިގެންނޭ ތިކަން ވާނީ. ދެން ގާނޫނުއަސާސީ އިސްލާހުކުރާ ވާހަކަ ވެގެންމިދިޔައީ މިކަމުގެ ފަރިއްސަކަށް. ސިޔާސީ ޕާޓީއަށް ޖާގަ ނުދިނުމުގެ ހުއްޖަތަކަށް. އެއްވެ އުޅުމުގެ މިނިވަންކަން ނުދިނުމުގެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދިނުމުގެ އަދި ސުލްހަވެރިކަމާ އެކީގައި ސިޔާސީ ހަރަކާތް ހިންގައި ރައްޔިތުންނަށް ވައުދުތަކެއް ވެގެން އެ ވައުދުތަކުގެ މައްޗަށް ވެރިކަމެއް ހިންގުމުގެ ހަމަ، އެ ހަމައަށް ދީލައިލުމުގެ އެއްވެސް ފިކުރެއް އެބޭފުޅުންގެ ނެތަތީ، އެބޭފުޅުން ހުއްޖަތެއްގެ ގޮތުގައި ވާހަކަދައްކަން ވެގެން ނޫ ގާނޫނުއަސާސީ އިސްލާހުކުރާ ވާހަކަ ފެއްޓެވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ލިބުނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ނޫން ކަމަށާއި އެ ފުރުސަތު ލިބުނީ އޭރުގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު، ނޫ ގާނޫނުއަސާސީ މުރަޖައާކުރެއްވި ކުރެއްވީނުން ކަމަށެވެ.