ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފެދޭ އިރު، އެކަށީގެންވާ ގޮތަކަށް ކުނި މެނޭޖު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ކުރަންޖެހޭ ބޮޑު ހަރަދު ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމެންޓު މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަލާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖުކުރުމެވެ.
ރަށްރަށަށް ދަތުރުކުރައްވާ އިރު ސަރުކާރުގެ ވެރިންނަށް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ވެސް ރަށްރަށުގައި ކުނި ނައްތާލުމުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައި ނެތުން ކަމަށާއި ރާއްޖޭގައި އުފެދޭ ކުނީގެ އަދަދު އަހަރަކު 517،000 ޓަނަށް އަރާއިރު، އާބަން ސެންޓަރުތަކުން ބޮލަކަށް ދުވާލަކު 1.2 ކިލޯއިން ފެށިގެން 1.7 ކިލޯއާ ދެމެދުގެ މިންވަރަކަށް ކުނި އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ބޮޑު ކަމަކަށް ވަނީ ރަށްރަށުގައި މިކަން ކުރާނެ ޖާގަ ނެތި އިތުރުވަމުންދާ ކުނި އިތުރުވަމުންދިޔުން އެއްދުވަހުން އަނެއް ދުވަހަށް،" މުރުތަލާ ވިދާޅުވިއެވެ.
އޭގެ އިތުރުން، އާންމު ރަށްރަށުން ބޮލަކަށް ދުވާލަކު 800 ގްރާމް ކުނި އުފެދޭ އިރު، ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް ގެސްޓް ނައިޓަކަށް 3.5 ކިލޯގެ ކުނި އުފެދޭކަން މުރުތަލާ ފާހަގަކުރެއްވިއެވެ.
މުރުތަލާ ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމުގައި ރަށްރަށުގައި އެކަށީގެންވާ ޖާގަ ނެތުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން ކުނި އުފުލުމަށް އެއްގަމާއި ކަނޑުދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ މި މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުނި އުފެދޭ މިންވަރު އަހަރަކު ނިސްބަތުން 9 ޕަސަންޓު އިތުރުވަމުން ދިޔުމަކީ ރާއްޖޭގެ ކުދި ރަށްތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރަންޖެހޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުރުތަލާ އިތުރަށް ވިދާޅުވީ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު އަންނަނީ ގާނޫނީ އޮނިގަނޑުތައް އެކުލަވާލައި، ގަވައިދުތައް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މި މަސައްކަތުގެ ތެރެއިން ގަވައިދުތަކަށް ބޭނުންވާ މަޝްވަރާތައް ހޯދާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ގަވައިދުތައް ގެޒެޓު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
ކޮމެންޓް