މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ހޯދާނީ ގައުމީ ރައްޔިތުންނަށް ގެއްލުން ނުވާގޮތަށް ކަމަށް، ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކުގެ އެހީ، ޑރ. މުއިއްޒުގެ ސަރުކާރަށް ނުލިބޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްދު ދެއްވަމުން، ފަލާހު ވިދާޅުވީ ބޭރު ގައުމުތަކުގެ ލޯނާއި ފައިސާ މި ސަރުކާރަށް ނުލިބިގެން އުޅޭ ކަމަށް ވާހަކަ ދައްކާއިރު، މި ސަރުކާރަކީ ހަމަ ތަނަކުން ލޯނެއް ދޭއިރަށް ނަގާނެ ސަރުކާރެއް ނޫން ކަމަށެވެ.

"ބޭރު ގައުުތަކުން ލޯނާއި ފައިސާ މި ސަރުކާރަށް ނުލިބިގެން އުޅޭ ވާހަކަ ދައްކާއިރު މިސަރުކާރަކީ، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ ތަނަކުން ހަމަ ލޯނެއް ދިއްކޮށްލާއިރަށް ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވަން ލޯނު ނަގާނެ މީހެއް ނޫން،"

ފަލާހު ވިދާޅުވީ، މި ސަރުކާރުން ދަރަނި ނެގި ނަމަވެސް، ނަގާނީ ގައުމީ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް ވިސްނުންތެރި ކަމާއެކު ކަމަށެވެ.

މިހާރުވެސް މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، މީގެކުރިން އޮތް އެމްޑީޕީ ސަރުކާރުން ނެގި ދަރަނިތައް އަދާކުރުމަށް ކަމަށާއި ވިއްލާފައިވާ ތަންތަން ހޯދުމަށް ކަަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"ވިސްނުންތެރިކަމާއެކު ގައުމާއި ރައްޔިތުންނަށް ގެއްލުން ނުވާގޮތަށް ދަރަންޏަށް ފައިސާފޮއްޗެއް ހޯދަންނާ ހޯދާނީ، ހަމަ ތަނަކުން ލާރިއެއް ދިއްކޮލާއިރަށް ތަނަކުން ފައިސާ ލިބެންއޮޔްހާ ގޮތަކަށް މި ސަރުކާރަކުން ނުނަގާނެ،"