އުރީދޫ މޯލްޑިވްސް

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ އަށް އަހަރު ފުރުން ފާހަގަކޮށްފި

އަލީ ޔާމިން

އުރީދޫގެ އީ-ކޮމާސް ޕްލެޓެފޯމް މޫލީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތު މޫލީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ފާހަގަކޮށްފިއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓްމަހު ތައާރަފުކުރި މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 14 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ. މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.

އުރީދޫއިން ބުނީ މޫލީ ޕްލެޓްފޯމްގެ މިކާމިޔާބުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިޔަށްގެންދާނެ ކަމަށާއި މި ހަރަކާތްތަކުގެ އިތުރު މައުލޫމާތް މޫލީ ސޯޝަލް މީޑިޔާ ޕޭޖްތަކުގައި އިއުލާނު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އުރީދޫން ބުނީ، ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދައި ޕާސަނަލައިޒްޑް ހިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދު ކަމަށެވެ. އެގޮތުން މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ކޯވިޑް 19 ޕެންޑެމިކް އާ ގުޅިގެން ސަރުކާރުން އިއުލާނު ކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން، ފިތުރު އީދާއި އަލްހާ އީދުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކާ އެކު، ސަލާމަތްތެރިކަމާއިއެކު ގޭގައި ތިބެގެން އީދުގެ އުފާ ފާޅުކޮށް، އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ބަދަލުކުރުމުގެ ފުރުސަތު މޫލީއިން ފަހިކޮށްދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އަލްހާ އީދާއި ގުޅުވައިގެން ކުރިއަށްދިޔަ މޫލީ ކާނިވަލްއަކީ ޑިޖިޓަލްކޮށް ރާއްޖޭގައި ބޭއްވުނު ތަފާތު ކާނިވަލްއެއްކަމަށްވެސް އުރީދޫން ބުނެއެވެ.

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީ އިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއް ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހި ވެފައެވެ.

އުރީދޫން ބުނީ ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވައިލައިފައި ކަމަށާއި އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުން އަންނައިރު، އެ ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.