ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކުރުމާއެކު، ރާއްޖޭގެ އިގުތިސޯދީ އެކަހެރިކަމަށް ނިމުމެއް އައިސްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެތައް އަހަރެއްގެ އިންތިޒާރަށްފަހު، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް މިއަދު ވަނީ ރާއްޖެއަށް ތައާރަފުކޮށްފައެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ މި ހިދުމަތް، އުރީދޫގެ ފަރާތުން ރަސްމީކޮށް ތައާރަފުކުރީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން އިގުތިސާދަށް އޮތް ހުރަސްތައް މިއަދުން ފެށިގެން ނިމުމަކަށް އައިސްފައިވާ ކަމަށާއި ރާއްޖެ ދުނިޔެއާ ގުޅިގެންދާނީ ޑިޖިޓަލް އިގުތިސާދުގެ މަގުން ކަމަށެވެ.

ޕޭޕަލްއާ އެކު އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތު ހުޅުވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ އަތުން ސީދާ ޑިޕޮސިޓްތައް ބަލައިގަނެވި، ޑައިވް ސްކޫލްތަކަށް އިތުބާރާއެކު ބުކިންތައް ކަށަވަރު ކުރެވޭނެއެވެ. އަދި އަތްތެރި މަސައްކަތްތެރިންނަށް ދިވެހި އުފެއްދުންތައް ބޭރަށް ވިއްކުމުގެ މަގުފަހިވާ އިރު، ފްރީލާންސް ޑިވެލޮޕަރުންނަށް ވެސް އެ މީހުންގެ މަސައްކަތުގެ މާލީ މަންފާ ރައްކާތެރިކަމާ އެކު ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާއި ފްރީލާންސަރުންނާއި އުފެއްދުންތެރިން އަދި ފޮނި ހުވަފެންތައް ދެކޭ ދިވެހިންނަށް ދަންނަވަން، އިގުތިސޯދީ ދޮރު މިވަނީ ހުޅުވިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސްކުރަނީ ކުރިއަށް ވަޑައިގަތުމަށް. ޖެހިލުންވުމެއް ނެތް ގޮތުގައި ބިނާކުރައްވާ. ފުރިހަމަ އިތުބާރާ އެކު އުފައްދަވާ. އަދި ލިމިޓެއް ނެތި އީޖާދީ މަސައްކަތްތައް ކުރައްވާ. ދުނިޔޭގެ މައިދާނުގައި ތިޔަބޭފުޅުންގެ ހައްގު މަގާމު ހޯއްދަވާ." ރައީސް ވިދާޅުވިއެވެ.

މިއަހަރަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުކަން ފާހަގަކުރައްވައި، ރައީސް ވަނީ ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ ބްރޭންޑްތަކަށް ބަދަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން އުތުރުގެ ލާޖެހުމުގެ މަސައްކަތުން ފެށިގެން ދެކުނުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާ ހަމައަށް، ހުރިހާ މަސައްކަތްތަކަކަށްވެސް މިހާރު ދުނިޔޭގެ ބާޒާރަށް ވަދެވޭނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.