ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިން އަންނަ ހަފުތާގައި ރަޖިސްޓަރީ ކުރެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
ރަޝިޔާގެ ހެލްތު މިނިސްޓަރު މީކައިލް މުރަޝްކޯ ވަނީ ރަޝިޔާއިން އުފައްދާ ވެކްސިންގެ ޑޯޒްތައް އުފެއްދުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ރަޝިޔާގައި އުފައްދާ ހުރިހާ ޑޯޒްއެއްގެ ހަރަދުތައް ސަރުކާރުން ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ވެކްސިންގެ މައުލޫމާތު ފޯރުކޮށްދެމުން ރަޝިޔާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވެކްސިންގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވެކްސިން އުފެއްދުމަށްފަހު ރަޝިޔާގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ރަޝިޔާގެ ގަމަލެޔާ ރިސާޗް ސެންޓަރާއި އެގައުމުގެ ޑިފެންސް މިނިސްޓްރީ ގުޅިގެން އުފައްދާ މި ވެކްސިން ރަޖިސްޓާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
މިހާތަނަށް 19 މިލިޔައަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.