އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގައި ކޮވިޑް ފެތުރެމުންދާ ގައުމުތަކުގެ އެންމެ ކުރީގައި އޮތް އެމެރިކާ އާއި ރަޝިޔާއަށް ވުރެ ބާރުމިނެއްގައި އިންޑިއާގައި ކޮވިޑް ފެތުރޭކަމަށް އެގައުމުތަކުގެ ކޮވިޑް ޑޭޓާތަކުން ދައްކައެވެ.

އިންޑިއާގައި ކޮވިޑަށް ޓެސްޓުކުރުން އިތުރުކޮށްފައިވީ ނަމަވެސް އެގައުމުގެ ބޮޑު ސަރަހައްދެއްގައި ކޮވިޑް ފެތުރެމުން ދިއުމާއެކު ސިއްހީ ދާއިރާއަށް ނުކަތާވަރު ވަނީ ވެފައެވެ.

އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 62،170 ކޭސް ފެނިފައިވާ ކަމަށް ރެކޯޑު ކޮށްފައިވެއެވެ. އިންޑިއާގައި މިހާތަނަށް 2،025،409 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މިހާތަނަށް 40،700 މީހުން އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

އިންޑިއާއިން ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރުވެސް އެގައުމުން ވަނީ އެގުތިސާދު އަނބުރާ ކޮޅަށް ޖެހުމަށް މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން ގިނަ ސަރަހައްދުތަކުން ލުއިދީ ބައެއް ވިޔަފާރިތައް ފެށުމުގެ ހުއްދަ ދޭން ވަނީ ފަށައިފައެވެ.