އެމްޓީސީސީ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމަޔަށް އޮންނާނެ ކަމަށެވެ. މި މަގާމަށް ކުރިމަތިލާން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނީން ބުނެފައި ވެއެވެ.

މި ފޯމު އެމްޓީސީސީގެ ހެޑް އޮފީހުން ލިބެން ހުންނާނެ ކަމަށާއި އެ ކުންފުނީގެ ވެބްސައިޓް www.mtcc.mv އިން މި ފޯމް ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އާއްމު ހިއްސާދާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތައް އަހަރީ އާންމު ޖަލްސާގައި ވޯޓަށް ހުޅުވައިލާނެ ކަމަށާއި ޑިރެކްޓަރުން އިންތިހާބު ކުރާނީ އެ ޖަލްސާގައި ނަގާ ވޯޓުން ކަމަށްވެސް އެމްޓީސީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްޓީސީސީއަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހަތް ބޭފުޅުން ތިއްބަވާ އިރު އޭގެ ތެރޭގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ދެ ޑައިރެކްޓަރުން ހިމެނިވަޑައިގަންނަވަ އެވެ.