ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 37 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ އެކުންފުނީގެ 37 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޖަލްސާގައި މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުމާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާއާ މެދު ގޮތެއް ނިންމުމުގެ އިތުރުން މިއަހަރަށް އައްޔަންކުރާ އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުން ހިމެނޭ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޕްރީ ރެޖިސްޓަރީ ކުރުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 ނިޔަލަށް ހުޅުވާލާނެ ކަަމަށާއި ޖަލްސާގައި ބައިވެރިވެވޭނީ އެ މުއްދަތުގައި ޕްރީ ރެޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ޖަލްސާއަށް ޕްރީ ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ އެމްވީ" މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ވެސް ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.
މާޗު 18 ވަނަ ދުވަހު ބޭއްވި ކުންފުނީގެ ބޯޑު ޖަލްސާގައި، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ހުށަހަޅަން ފާސްކޮށްފައިވަނީ 139,929,920 ރުފިޔާއެވެ. އަދި ހިއްސާއަކަށް 26 ރުފިޔާ ބަހަން ހުށަހަޅާނެ ކަމަށާއި މި ޖަލްސާގައި ހިއްސާގެ ފައިދާއާ މެދު ގޮތެއް ނިންމުމަށް ހުށަހެޅާނެ ކަަމަށްވެސް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު