ކުރީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނަށް މިހާތަނަށް ދައްކަންޖެހޭ ފައިސާ، އެ ކުންފުނީގެ ފަރާތުން ހަމަޖައްސައިފައިވާކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ

އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެސްއެޗް) އަށް ސަރުކާރުން 2017 ގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ސޮވެރިން ގެރެންޓީއަކީ 14 ޑިސެންބަރު 2017ގައި އެކުންފުނިން "ދައުލަތުގެ ނަމުގައި ގެރަންޓީ ދޫކުރުމުގެ އުސޫލު (13 އޮގަސްޓް 2017)ގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީކުރުމަށް އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާ (ޗައިނީސް އެގްޒިމް ބޭންކް) އިން 6 ނޮވެންބަރު 2017ގައި އޭއެސްއެޗްއާ އެކު ސޮއިކޮށްފައިވާ 127،500،0000 އެމެރިކާ ޑޮލަރުގެ ލޯނަށް ކުރީ ސަރުކާރުން ދީފައިވާ ސޮވެރިން ގެރެންޓީއެއް ކަމަށެވެ. މި ލޯނުގެ ދަށުން ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި ޖަނަވަރީ 2020ގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާ އޭއެސްއެޗްއިން އިން ދައްކައިފައިވާކަން ސޮވެރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަން ޖެހޭ ރިޕޯޓުގައި ފިނޭންސް މިނިސްޓްރީއަށް އަންގައިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް 21 ޖުލައި 2020ގެ ކުރިން އޭއެސްއެޗްއިން އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ލޯނުގެ ޕްރިންސިޕަލް އިންޓަރެސްޓް އަދި އެހެނިހެން ފީއަށްވާ އަދަދު ދައްކާފައި ނުވާތީ 22 ޖުލައި 2020ގައި ޗައިނީޒް އެގްޒިމް ބޭންކުން ވަނީ ފިނޭންސް މިނިސްޓްރީއަށް އެކަން އަންގައި ސޮވެރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެ ފައިސާ ދެއްކުމަށް ސަރުކާރަށް އަންގައިފައި ކަމަށްވެސް ބަޔާނުގައި ވެއެވެ. އެހެންކަމުން

ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެ ފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ ވަނީ 6 އޮގަސްޓް 2020 ގައި ޗައިނީޒް އެގްޒިމް ބޭންކަށް ދައްކައިފައި ކަމަށްވެސް ފިނޭންސުން ބުނެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ކުރީ ސަރުކާރުން އޭއެސްއެޗްއަށް ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން ސޮވެރިން ގެރަންޓީ ދިނުމަށްޓަކައި އުސޫލެއް ހެދުމަށްފަހު، އެ އުސޫލުގެ ދަށުން ކަމަށާއި މި ގޮތުން އޭއެސްއެޗް ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވެރިން ގެރެންޓީއެއް ދޫކޮށްފައި ނުވާނެ ކަމަށެވެ.