ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މައުސޫމް އިސްކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި އެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީ ސްކޫލް އޮފް ޕަބްލިސިޓީން ޑޮކްޓަރު އޮފް ފިލޯސޮފީ ފުރިހަމަ ކުރެއްވި މައުސޫމަކީ ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެވެ. އޭގެ އިތުރުން ހޮޓެލް މެނޭޖްމަންޓު ދާއިރާ އިން މާސްޓާސް ވެސް އޭނާ ހައްދަވާފައިވާއިރު މައުސޫމް ވަނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
މައުސޫމް އެންމެ ފަހުން އަދާކުރެއްވި މަގާމުތަކުތެރޭގައި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި ނިއުޒިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެ އެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މައުސޫމް ވަނީ އެ މަގާމުތަކުން ވަކިކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ، ކުރިން އެ މަގާމު ފުރުއްވި އަލީ ވަހީދު މަގާމުން ވަކިކުރެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގަ އެވެ.
އެފަހުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު