ކުޅިވަރު

ޒިދާންގެ ޓީމުން ބޭލް އަށް ފުރުސަތެއް ނެތް

އައިދާ އަބްދުލް ހަކީމް

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި، މާދަރޭ މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ނުކުންނަ ރެއާލް މެޑްރިޑްގެ ޓީމުން ވޭލްސްގެ ފޯވަޑް ގެރެތު ބޭލް ބާކީ ކޮށްފި އެވެ.

ބޭލްގެ އިތުރުން ކޮލަމްބިއާގެ އެޓޭކިން މިޑްފީލްޑަރު ހާމެސް ރޮޑްރިގޭޒް ވެސް ވަނީ ބާކީ ކޮށްފައެވެ. ލަލީގާގެ ފަހު މެޗުގައި ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ވެސް ބޭލްއަށް ފުރުސަތެއް ނުލިބެ އެވެ. ލަލީގާގެ ޗެމްޕިއަންކަން ރެއާލް ހޯދި މެޗުގައި ޓީމުގެ އެހެން ކުޅުންތެރިން އުފާ ފާޅުކުރަމުން ދިޔައިރު ބޭލް ފެނުނީ އެކަހެރިކޮށް ހުއްޓަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޭލް އަށް ޓީމުން ފުރުސަތު ނުލިބެނީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އާ އޮންނަ ގުޅުން ގޯސްވުމުންނެވެ. ނަމަވެސް ދާދިފަހުން ބޭލްގެ އެޖެންޓް ބުނެފައިވަނީ ކުޅެން ފުރުސަތު ނުލިބުނަސް ގެރެތު ބޭލް އަންނަ ސީޒަނުގައި ވެސް ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށެވެ.

މާދަމާ ރޭ ކުޅޭ މެޗަށް ސަސްޕެންޑް ވެފައިވާ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށްވެސް 24 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ދިނެވެ. އަދި ތަނބިކަށްޓަށް ކުރިމަތިވި އަނިޔާއާ ގުޅިގެން، ފިޓްނަސް އާ މެދު ސުވާލު އުފެދިފައިވާ އެޑެން ހަޒާޑަށް ވެސް ފުރުސަތު ދިނެވެ. މި ސީޒަންގައި ރެއާލްގެ ޓީމާ އެކު އެންމެ މެޗެއް ކުޅުނު ބްރަހިމް ޑިއަޒް އަށްވެސް ވަނީ މެޗުން ފުރުސަތު ދީފަ އެވެ.

މި ސީޒަނުގައި ބޭލް ފެނިގެން ގޮސްފައިވަނީ މުޅިހެން ވެސް ބެންޗުންނެވެ. ބޭލް އަށް ފުރުސަތު ނުލިބޭ މައްސަލައިގައި ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ދާދި ފަހުން ބުނީ ބޭލްއަށް ކުޅުމުގެ ފުރުސަތު ނުލިބެނީ ޒާތީ މައްސަލައެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ޓެކްނިކަލީ ނިންމަން ޖެހޭ ނިންމުންތަކެއްގެ ސަބަބުން ކަމަށެވެ.

ބޭލްގެ އެޖެންޓް ގޮނަތަން ބާނަޓް ބުނީ ބޭލްއަށް ކުޅުމުގެ ފުރުސަތު ނުލިބެނީ ޓިމުގައި ތިބި އެހެން ކުޅުންތެރިންނަށް ވުރެ އޭނާގެ ފެންވަރު ދެރަވެގެން ނޫން ކަމަށެވެ. އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުލިބުނަސް ބޭލް ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށްވެސް އެޖެންޓް ބުންޏެވެ.

ގޮނަތަން ބުނީ ބޭލް ހުރީ ކުލަބުގައި ހިތްހަމަޖެހިގެން ކަމަށާއި ލޯނެއްގެ ގޮތުގައި ވެސް ނުވަތަ އެނޫން ގޮތަކަށް ވެސް އޭނާ ކުލަބު ބަދަލު ނުކުރާނެ ކަމަށެވެ. އަދި މެޑްރިޑުގައި ދިރިއުޅެން ބޭލް ލޯބިކުރާ ކަމަށާއި އޭނާހުރީ ޓީމަށް އަރަން ވާދަކުރަން ވެސް ތައްޔާރަށް ކަމަށެވެ.

މީގެ ކުރިން ރެއާލުން ވަނީ ބޭލް ވިއްކައިލަން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހުން އެނިންމުން ބަދަލުކޮށްފައިވަނީ ބޭލްގެ މުސާރައަކީ ގިނަ ކުލަބުތަކަށް ދެވޭވަރަށްވުރެ ބޮޑު މުސާރައެއް ކަމުންނާއި ބޭލްވެސް ޓީމް ދޫކޮށްލަން ބޭނުން ނުވުމާއި ގުޅިގެންނެވެ.