ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީ މަސައްކަތްތަތެރިންނާ ބެހޭ އާ ގަވާއިދު އަންނަ ހަފްތާގެ ތެރޭގައި އާއްމު ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ރޭ ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށާއި، އެކަމަށް އަވަސް ހައްލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ބިދޭސީންގެ މައްސަލައަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، ބިދޭސީންނާބެހޭ ގަވައިދަށް ގެންނަ އިސްލާހުތަކާއެކު މިހާރު ހުރި ބިދޭސީންގެ ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީން މަސައްކަތްތަތެރިންނާއި ބެހޭ އާ ގަވާއިދު އަންނަ ހަފްތާގެ ތެރޭގައި ގެޒެޓުކުރެވޭނެ. އެ ގަވާއިދުގެ ތެރެއިން މިހާރު ހުރި ބިދޭސީންގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ކޮންމެވެސް ވަރަަކަށް މަޑުޖެހިލައިފައިވާ ކަމަށެވެ. ކޮވިޑްގެ ސަބަބުން ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބިދޭސީން ބައިތިއްބާ ތަންތަނުގެ ހާލަތު ދަށްކަމާއި، އެއްތަނެއްގައި ތޮއްޖެހިގެން އެތައް ބިދޭސީންނެއް ގެންގުޅުމުގެ ސަބަބުން ކޮވިޑް 19 ފެތުރޭ މިންވަރުވެސް އިތުރު ވެ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ބިދޭސީން ވިޔަފާރިކުރަން ތިބޭ މައްސަލައަކީވެސް ގިނަ ބަޔަކު ކުރާ ޝަކުވާއެއް ކަމަށާއި އަންނަ ހަފުތާގައި އާއްމުކުރާ އުސުލުގެ ތެރެއިން އެކަމަށްވެސް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ. އަދި

އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމު ކޯވިޑްގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި އޮތުމަކީވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ 20،000 ބިދޭސީ މަސައްކަތްތެރީން މިއަހަރުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާކަން މިނިސްޓަރު ފައްޔާޒް ފާހަގަކުރެއްވިއެވެ.