އދ. އޮމަދޫއިން މާލެ ގެނައި އުމުރުން ދުވަސްވީ އަންހެނަކު ކޮވިޑަށް ޕޮޒިޓިިވްވެއްޖެއެވެ.

އޮމަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ފިކުރީ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 64 އަހަރުގެ އަންހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ އަބަދުވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެކެވެ.

ފިކުރީ ވިދާޅުވީ އެ މީހާ، އިއްޔެ ވަރަށް ބޮޑަށް ނޭވާ ހިއްލާތީ އެރަށުގެ ހެލްތު ސެންޓަރަށް ދިއުމުން މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ދިއުމަށް ލަފާދީފައިވާ ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުން މާލެ ގެންދިއުމަށް ލަފާދިން އިރު ރޭގެ ވަގުތެއްގައި އެ އަންހެން މީހާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗަށް ގެނެސްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިކުރީ ވިދާޅުވީ، އައިޖީއެމްއެޗުން ހެދި ޓެސްޓުން އެ އަންހެން މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އޮމަދޫގައި އެ އަންހެން މީހާ ދިރިއުޅެމުން އަންނަ ގޭގެ މީހުންނާއި އޭނާއާ ބައްދަލުވެފައިވާ މީހުން އެކަހެރިވުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.