ޚަބަރު

ޖަޕާނުން ރާއްޖޭގެ 24 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕް ދެނީ

އަލީ އަފާފް ރަމީޒު

ޖަޕާނުން ރާއްޖޭގެ 24 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ ޖަޕާނުން ހިންގާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުން ރާއްޖެއަށް ދީފައިވާ ފުރުސަތެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކަށް ޖަޕާނުން މަތީ ތައުލީމު ހާސިލުކުރުމަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މި ސްކޮލާޝިޕްތަކަކީ 19 މިލިއަން ރުފިޔާގެ ސްކޮލާޝިޕްތަކެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު މަޝްވަރާކުރެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މިއަދު މިކަން ހަގީގަތަކަށް ވެގެންދާކަމީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ވަރަށް ރަނގަޅަށް ސިފަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ޖަޕާނަކީ އަބަދުވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއް ކަމަށެވެ. ވަކިން ހާއްސަކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ތިމާވެއްޓާއި ތައުލީމީ ދާއިރާ އާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގައިވެސް ޖަޕާނުން އަންނަނީ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ ގައުމުގެ ތަރައްގީގައި އިންސާނީ ވަސީލަތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ރާއްޖޭގެ މަސައްކަތު އާބާދީއަކީ އުފެއްދުންތެރި އަދި ހީވާގި ބައެއް ކަމަށެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީއާ އެއްވަރަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޖަޕާނުން ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއާއި ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީ އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.