މިއަހަރުގެ އަލްހާ އީދު ދުވަހުގެ މުނާސަބާގައި އެހީ ޖަމިއްޔާއިން "އީދު މީލްސް"ގެ ނަމުގައި ކެއުން ބަހައިފިއެވެ.

އެ ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި "އީދު މީލްސް"ގެ ހަރަކާތަކީ ވެލްނެސް އެސޯސިއޭޝަން، މަމްސް އަދި ބެނެފިޓްއާ ގުޅިގެން އެހީ ޖަމިއްޔާއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެގޮތުން މި ހަރަކާތުގެ ދަށުން ނިކަމެތި އާއިލާތަކަށާއި ޖެންޑާ މިނިސްޓްރީގެ ދަށުގައި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި އާއިލާތަކަށް، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ތިބި ކުދިންނަށް އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް "އީދު މީލްސް" ބެހި ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އެހީ ޖަމިއްޔާގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރު ހަސަން ދިލްޝަން ވިދާޅުވީ "އީދު މީލްސް" ގައި އެހީ ޖަމިއްޔާއިން ޖުމުލަ 94 ޕާރުސަލް ބެހި ކަމަށާއި އެގޮތުން ބެހި ކޮންމެ ޕާރުސަލެއްގައި ފަސް މީހުންނަށް ކެވޭވަރުގެ ބިރިޔާނީ އަދި ފަސް މީހުންނަށް ވާވަރަށް ފިހުނު ކުކުޅު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޕާރުސަލަކާއެކު ފޮނި ކެއުމެއްގެ ގޮތުގައި ފަސް މީހުންނަށް ކެވޭވަރުގެ ޕިރިނީ ތައްޓެއް ދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޖުމުލަ ގޮތެއްގައި އެ ޖަމިއްޔާއަށް "އީދު މީލްސް"ގައި 470 މީހުންގެ ކެއުން ބެހުނު ކަމަށާއި އަދި މި ޕާރުސަލް ތައްޔާރުކޮށްފައިވަނީ "ޕިކްލްސް"، "އެމްކިޗަން" އަދި "ބޭކްސް ބައި ފަރާ"ގެ އެހީތެރިކަމާއެކު ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތުދެއެވެ. އަދި "އީދު މީލްސް"ގެ ކަންކަމުގައި އެ ފަރާތްތަކުން ވެދިން އެހީތެރިކަމަށް އެހީ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

2012 ވަނަ އަހަރު ރަޖިސްޓްރީ ކުރި އެހީ ޖަމިއްޔާއަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް ރާއްޖޭގައި ރަޖިސްޓަރީ ކުރި ފުރަތަމަ ޖަމިއްޔާއެވެ. މި ޖަމިއްޔާއިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނިއްޔަތަށް އެހީ ފޯރުކޮށްދިނުމުގައި އެކި ހަރަކާތްތައް ހިންގައިފައެވެ.