ކޮންމެ ބޮޑު އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގައި އިއްޔެ ކުޅުނު މެޗް ތަކުން ހަބޭސް އާއި ބަޔާން މަނިކް މޮޅުވެއްޖެ އެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހަބޭސް އާއި ސޭވިއާ ބައްދަލުކުރި މެޗް ހަބޭސް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗްގައި ފެނިގެން ދިޔަ ހަމައެކަނި ގޯލް ހަބޭސް އަށް ޖަހައި ހަބޭސް އަށް މެޗް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ އަޒްހާން ނަސީރެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޮޅު ކުޅުމެއް ދައްކައިދިން މާރިފް އަލީ ނަސީރެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗްގައި އޯޓޫ އާއި ބަޔާން މަނިކް މެޗް ބަޔާން މަނިކުން ވެސް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. ބަޔާން އަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހު އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ 29 ވަނަ މިނެޓުގައެވެ. މެޗްގެ މޮޅު ކުލުންތެރިޔަކަށް ހޮވުނީ މެޗްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު ޝާހް އެވެ.
މި މެޗުގައި ބަޔާން މަނިކްގެ ނޫރުއްﷲ މުފީދާއި ޝާރިފް އަލީ ނަސީރުގެ އިތުރުން އަކްރަމް އަހްމަދަށް ވަނީ ރީނދޫ ކާޑު ދައްކައިފައެވެ.
މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް އިންތިޒާމްކޮށްފައި ވަނީ މާއެނބޫދޫ ކައުންސިލުންނެވެ. މި ފަހަރުގެ އީދުކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.
ނައިން އަ ސައިޑްކޮށް ކުޅޭ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ޖުމުލަ 12 މެޗު ކުޅޭނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމް، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައި ވެއެވެ.
ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދުކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައި ވަނީ އެކި ފަރާތުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު