ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެވިފައި ނުވާ ފަރާތްތަކަށް އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައި، އެފަރާތްތަކަށް ހުވައި ކުރެވޭނެ ގޮތް ހެދުމަށް ބާ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއީ ގާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވި، ބިލަކީ 22 ޖުލައި 2020 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި އިސްލާހު ގާނޫނަކަށްވެ އަމަލުކުރަން ފަށާ އިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައި ނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށްގެންދަން ޖެހެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލު ބާ ކައުންސިލުން އެކުލަވާލައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ.

އޭގެ އިތުރުން މި އުސޫލު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަން ޖެހޭގޮތަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. އަދި އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ގާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުން މި ބިލުގައި ލާޒިމުކޮށްފައިވެއެވެ.

ގާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.