ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ލުބުނާނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އިއްޔެ ހިނގި ހާދިސާގައި މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެމީހުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ބޭރޫތުގެ ޕޯޓުގައި އިއްޔެ ގޮވި ބާރުގަދަ ގޮވުމުގައި 100 އެއްހާ މީހުން މަރުވެފައިވާއިރު 4000 އެއްހާ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލުބުނާނުގެ ރެޑް ކުރޮސްއާ ހަވާލާދީ އޭޕީ ނިއުސް އިން ބުނެ އެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ގެއްލިގެން ހޯދަމުން އަންނަ އިރު، ނަންބަރުތައް އިތުރުވާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ގޮވުން ގޮވަން މެދުވެރިވި ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ގޮވުން ގޮވީ މީގެ ހަ އަހަރު ކުރިން ޕޯޓުގައި ރައްކާކޮށްފައި ހުރި 2740 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ލުބުނާންގެ ރައީސް މިޝޭލް އަޔޫން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.