ކުޅިވަރު

ރެއާލްގެ ކުރީގެ ތަރި ކަސިއަސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އައިދާ އަބްދުލް ހަކީމް

ސްޕެއިންގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި ކަން އިއުލާނު ކޮށްފި އެވެ.

އުމުރުން 39 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ކަސިއަސް ބުނީ ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ ކުޅެވިއްޖެ ކަމަށާއި، ފުޓުބޯޅައިން ދާން ބޭނުންވި މަންޒިލާ ހަމައަށް ދެވިއްޖެ ކަމަށެވެ. ކަސިއަސް ކުޅުން ހުއްޓާލިކަން އިއުލާންކޮށް ބަޔާނެއް ނެރުމާގުޅިގެން ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނީ ކަސިއަސް އަކީ އެ ކްލަބުގެ ތާރީހުގައި ދުށް އެންމެ މޮޅު ގޯލްކީޕަރު ކަމަށެވެ. ރެއާލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މުވައްޒަފުންގެ ނަމުގައި ކަސިއަސް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ދާދި ފަހުން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖެއްސި ކަސިއަސް ރެއާލްގައި 16 އަހަރު ހޭދަކުރުމަށްފަހު 2015 ވަނަ އަހަރު ވަނީ ފޯޗުގަލްގެ ޕޯޓޯ އަށް ބަދަލު ވެފައެވެ. ރެއާލްގައި 16 އަހަރު ހޭދަކުރުމަށްފަހު، އޭނާ ރެއާލް ދޫކޮށްލީ އެޓީމުގެ އޭރުގެ ކޯޗު ހޯސޭ މޮރީނިއޯގެ އިތުރުން ކްލަބުގެ މެނޭޖުމަންޓާ ޖެހުނު މައްސަލައަކަށް ފަހުއެވެ.

އުމުރުން 39 އަހަރުގެ ކަސިއަސް ކުޅެމުން އައި ކްލަބް ޕޯޗުގަލްގެ ޕޯޓޯގެ ޕްރެކްޓިސްގައި ހުއްޓައި މިދިޔަ އަހަރު މެއި މަހު ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދައިފައިވާއިރު، އޭގެ ދެ މަސް ފަހުން އަލުން ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، އެހާ ބޮޑަށް ކުޅުމުގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ކުޅުން ހުއްޓައިލިކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ޕޯޓޯއަށް ބަދަލުވުމަށްފަހު ވެސް އެޓީމާ އެކު ވެސް އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގެ ޕޯޗުގީޒް ލީގުގެ އިތުރުން ޕޯޗުގީޒްގެ ކަޕްގެ ތަށި ޕޯޓޯއާއެކު އުފުލައިލައިފައެވެ.

2010 ވަނަ އަހަރު ސްޕެއިނުން ވޯލްޑް ކަޕް ތަށި އުފުލައިލި ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ކަސިއަސް ވަނީ ސްޕެއިންއާއެކު ދެފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލްއާއެކު 19 ތަށި ހޯދުމުގައި އެޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިއުލާން ކުރުމަށްފަހު ކަސިއަސް ވަނީ ކޮވިޑް19 ގެ ސަބަބުން ކެމްޕެއިންކުރަން ވަގުތު ނުވާނެ ކަމަށް ބުނެ ފަހުން އޭނާގެ ނަން އަނބުރާ ގެންގޮސްފައެވެ.