މައިކްރޯނޭޝިއާގެ ރަށެއްގައި ހާލުގައި ޖެހިފައިތިބި ބަޔަކު ސަލާމަތް ކޮށްފިއެވެ.

ޕެސިފިކްގެ ހުޅަނގުން އޮންނަ މައިކްރޯނީޝިއާގެ ޖަޒީރާ ރަށްތަކުގެ ތެރެއިން ޕިކެލޮޓް އައިލެންޑްގައި ތާށިވެ ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކޮށްފައި ވަނީ ތިން ދުވަސް ވަންދެން ގެއްލިގެން ހޯދާ ބައެކެވެ.

މައިކްރޯނޭޝިއާގެ ތިން މީހުން ވަނީ އެމީހުން ދަތުރުކުރި އުޅަނދުން ތެޔޮ ހުސްވެ ހާލުގައި ޖެހުމުން އެރަށަށް އަރައިފައެވެ. މިތިން މީހުން ވަނީ އެރަށުގެ އަތިރިމަތީ ވެލިގަނޑުގައި އެމީހުން ސަލާމަތް ކޮށްދިނުމަށް އެދި "އެސްއޯއެސް" ބޮޑުކޮށް ލިޔެފައެވެ.

ހާލުގައި ޖެހިފައިތިބި މި މީހުން ފެނިފައިވަނީ އެސަރަހައްދުން ދަތުރުކުރި އޮސްޓްރޭލިއާ އަދި އެމެރިކާގެ މިލިޓަރީ އެއާކްރާފްޓަކަށެވެ. އޮސްޓްރޭލިއާގެ ހެލިކޮޕްޓަރެއް ވަނީ އެރަށުގެ އަތިމައްޗަށް ތިރިކޮށް މިމީހުންނަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ.

މިތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް އޮސްޓްރޭލިއަން ޑިފެންސް ފޯސް އިން ވަނީ ބުނެފައެވެ. އޮސްްޓްރޭލިއާގެ އޮފިޝަލުން ވަނީ މި މީހުން ދިރިއުޅޭ ރަށަށް ގެންދިއުމަށް މައިކްރޯނޭޝިއާގެ ހާއްސަ އުޅަނދެއް ދަތުރުކުރަމުން އަންނަކަމަށް ބުނެފައެވެ.