ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ކަމަށް މުންތަގިމް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމަށް މިހާރުވެސް އެ މަގާމު ފުރުއްވަމުން ގެ\[]ންދަވާ އަހުމަދު މުންތަގިމް ހަމަޖައްސައިފި އެވެ.

މިއީ އެމަގާމު މުންތަގިމް ފުރުއްވާ ހަތަރުވަނަ ދައުރެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ އިއްޔެ އެތުލެޓިކްސް އެސޯސިއޭޝަނުގެ އެކްސްކޯ އިން ބޭއްވި ބައްދަލުވުމެއްގައެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ބާއްވާފައިވާއިރު، ރައީސްކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގަތީ ކުރިންވެސް އެމަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ތޮލާލް އެވެ. ތޮލާލް މަގާމު ކާމިޔާބު ކުރެއްވީ ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކޮށެވެ.

1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލުކަންކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. 1999 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގައި އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މިހާތަނަށް ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) ގެ މަގާމު މުންތަގިމް ވަނީ ފުރުއްވާފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރުގެ މާޗު މަހު ހޮންކޮންގުގައި އޮތް އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ރެފްރީކަން ކުރައްވައިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް މުންތަގިމް ވަނީ އެތުލެޓިކްސްގެ ޓްރެކް އަދި ފީލްޑުގެ ތަފާތު އިވެންޓްތަކުގެ އެންމެ އިސް ރެފްރީގެ މަގާމް އަދާކުރައްވައިފައެވެ.