ވިޔަފާރި

އުރީދޫއަށް 15 އަހަރު: ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިލޭ "އަތޮޅު ރަން" އިއުލާނު ކޮށްފި

މަރިޔަމް ޝަހުދާ

އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރުމުގެ މުނާސަބާގައި އުރީދޫން ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިލޭ، "އަތޮޅު ރަން" އިއުލާނު ކޮށްފި އެވެ.

އުރީދޫން އިއްޔެ އިއުލާނު ކުރި "އަތޮޅު ރަން" ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އެގޮތުން މި ރަން ބޭއްވުމަށް ނިންމާފައިވަނީ މި މަހު 28 ވަނަ ދުވަހު ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މި ހަރަކާތަކީ އުރީދޫ މޯލްޑިވްސްއިން ދިވެހިންނާއެކު ކާމިޔާބު 15 އަހަރު ފުރިހަމަ ކުރުމުގެ މުނާސަބާގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ހާއްސަ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ.

މި ރަންއާ ގުޅިގެން މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސެން ނިޔާޒް ވިދާޅުވީ މި ދަނޑިވަޅުގެ ގޮތުން އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ ކަލާ ރަން ބޭއްވުމަށް އުނދަގޫވެފައިވާ ކަމަށެވެ. މިދަނޑިވަޅުގައި މި ފަދަ ރަން އެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ވާޗުއަލް ރަންއެއްގެ ގޮތުގައި މި ރަން ބާއްވަނީ ގައިދުރުކަމުގެ މުހިއްމުކަމަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. މި "އަތޮޅު ރަން" އަކީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވައި ދިނުމަށް އުރީދޫއަށް ކުރެވިފައިވާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ. "އަތޮޅު ރަން" އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދުވުންތެރިންނާއެކު ކުރިއަށް ގެންދެވޭ ތަފާތު ރަންއެއް ކަމުން، މި ހަރަކާތަކީ އެންމެނަށް ކަމުދާނެ ހަރަކާތެއްކަމަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އަތޮޅު ރަން"ގައި ރާއްޖޭގެ 20 އަތޮޅުން ދުވުންތެރިން ބައިވެރިވުމަށް ހަމަޖައްސާފައިވާ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މި ހަރަކާތް ކުރިއަށް ދާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް މި ރަންގެ ލައިވް ފޮޓޯ އަދި ވީޑިއޯ އާންމުންނަށް ފެންނާނެ ކަމަށާއި، މި ހަރަކާތްވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ދުވުމަކަށް ކަމަށްވެސް އުރީދޫން ބުނެއެވެ.

އުރީދޫން ވަނީ މި ރަންގައި ބައިވެރިވާ 20 ދުވުންތެރިންނަށް ހިތްވަރުދީ، "އަތޮޅު ރަން"ގެ އުފަލުގައި ބައިވެރިވުމަށް އާންމުންނަށް ދައުވަތު އަރުވައިފައެވެ. އަދި "އަތޮޅު ރަން"ގެ އުފަލުގައި ބައިވެރިވާ މީހުން، މި ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދިނުމުގައި އެޗްޕީއޭގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގައިދުރުކަން ބެހެއްޓުމަށް އުރީދޫން އިރުޝާދު ދެއެވެ.