މަސްވެރިންނަށް ނުދެވި 18 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެފައިސާ ދޫކުރެވޭނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ފައުޒީ ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަސްވެރިކަން ރަނގަޅަށް ހިފެހެއްޓޭ ކަމަށާއި ނަމަވެސް މަސްވެރިންނަށް ވަގުތުން ފައިސާ ދިނުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. މިދިޔަ އަހަރު 48،000 ޓަނުގެ މަސްގަނެފައިވާ ކަމަށާއި މިއަހަރުގެ މިހާތަނަށް 21،000 ޓަނުގެ މަސް ގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ނުދެވި 18 މިލިއަން ރުފިޔާ އެބަހުރި ކަަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށެވެ.

"މަސްވެރިން އަތުން 21،000 ޓަނުގެ މަސް ވަނީ ގަނެވިފައި. މިހާތަނަށް މަސްވެރިންނަށް ގާތްގަނޑަކަށް 420 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދޫކުރެވިއްޖެ. ބާކީ ނުވަ ދުވަހުގެ ފައިސާ ދޭންވެފައި، އެއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ. އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ދެ ހަފުތާވަރު ނަގާނެ ކަމަށް،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ކޫއްޑޫގައި އޮތް ބޯޓްގެ ލޯޑިން މަސައްކަތް ނިމުމުން މަސްވެރިންނަށް ބާކީ ހުރި ފައިސާ ދޫކޮށްދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަބަންދު އައުމުގެ ކުރިން 70 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ ހުރި ކަމަށާއި ފުރަބަންދުގެ ތެރޭގައި ހުރިހާ ފައިސާއެއް ދޫކުރެވިފައިވާ ކަމަށެވެ. ބާކީ ނުދެވި ހުރި 18 މިލިއަން ރުފިޔާއަކީ ވޭތުވެދިޔަ ނުވަ ދުވަހުގެ ފައިސާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިން މަސްވެރިންނަށް ފައިސާ ދެމުން އައީ ސަރުކާރުގެ ކުންފުނިތަކުން އެޑްވާންސްކޮށް ފައިސާ ހޯދައިގެން ކަމަށާއި މިހާރު ދަތިތަކެއް އެބަހުރި ކަމަށެވެ. އެއީ މިފްކޯއަކީ ސްބްސިޑަރީ ކުންފުންޏަކަށް ވުމުން އެޑްވާންސްކޮށް ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ބޭންކުތަކުން ނަގާފައިވާ ލޯންތަކަށް މަހަކު ފަސް މިލިއަން ދައްކަމުން ގެންދާ ކަަމަށާއި އަންނަ އަހަރުގެ ތެރޭގައި ފައިސާ ދައްކާ ނިންމާލެވޭނެ ކަމަށެވެ. އަދި އެފައިސާ ދައްކާ ނިންމާލެވުމުން އިތުރު ލޯނުތައް ނަގައި ބޭނުންވާ ސާމާނުތައްވެސް އޭރުން ގަނެވި އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.