އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ "ދަ އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓްކޮށްފައިވާ ގޮތުން އަމިތަށް މިހާރު އަންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހަރްޔާނާ ގުގުރާމްގެ މެޑަންޓާ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިނިސްޓަރު އަމިތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް ހާލު ރަނގަޅު ކަމަށް ވިދާޅުވިއެވެ.

"އަހަރެންގެ ހާލު ރަނގަޅު، ނަމަވެސް ޕޮޒިޓިވްވުމާއެކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި މިވަނީ،" އަމިތު ވިދާޅުވިއެވެ.

އެ ޓުވީޓުގައި އަމިތު ވިދާޅުވީ، އޭނާއާ ކޮންޓެކްޓުވި މީހުން އެކަހެރިވެ، ކޮވިޑަށް ޓެސްޓުކުރުމަށް އެދިފައިވާ ކަމަށެވެ. އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި، އުމުރުން 55 އަހަރުގެ އަމިތު މީގެ ދުވަސްކޮޅެއް ކުރިން ކެބިނެޓް ބައްދަލުުވުމެއްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ގިނައިން ބައްޔަށް މީހުން ޕޮޒިޓިވްވި ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 17 ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.