ޚަބަރު

ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް

އަލީ ޔާމިން

ކޮވިޑް 19އަށް ރާއްޖޭގައި ޕޮޒިޓިވްވެ، ބަލިން ފަސޭހަ ނުވެ ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އިއްޔެ ރެކޯޑު މިންވަރަކަށް މައްޗަށް އަރައިފިއެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން 3950 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ބަލިން ފަސޭހަ ނުވެ ނުވަތަ އެކްޓިވް ކޭސްތަކުގެ ގޮތުގައި 1305 މީހުން އެބަ ތިއްބެވެ. އެއީ ބަލިން ރަނގަޅުވި މީހުންނާއި ބަލީގައި މަރުވި މީހުންނާއި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ ބިދޭސީން އުނިކުރުމުން އަންނަ އަދަދެވެ.

ރާއްޖޭގައި ބަލި ޖެހުނު ފަހުން މިހާތަނަށް 15 ބިދޭސީއަކު ވަނީ ފުރައިގެން ގޮސްފައެވެ. ރާއްޖެއިން މިހާތަނަށް 17 މީހަކު ކޮވިޑު ޖެހިގެން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 12 ދިވެހިން ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2613 އެވެ.

ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށި ފަހުން މީގެ ކުރިން އެކްޓިވް ކޭސްތައް އެންމެ ގިނަވީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން އެދުވަހު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1213 އެވެ. ނަމަވެސް ޖުލައި މަހުގެ މެދެއްހާ ހިސާބަށް އައިއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 800 އިން ތިރީގައެވެ.

އިއްޔެއަކީ އެންމެ ގިނަ ދިވެހިން ވެސް ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި 156 މީހުންގެ ތެރެއިން 134 މީހުންނަކީ ދިވެހިިންނެވެ. އަދި މިއީ މިފަހުން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ވެސް މެއެވެ.