ކުރީގެ ސްޓާ ސިނަމާ ބިލްޑިންގަށް ޓްރާސްޕޯޓް އޮތޯރިޓީ ބަދަލުކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން އެ އޮތޯރިޓީ ހިގަމުންދާނީ މ.ޗަނބޭލީވިލާ (ކުރީގެ ސްޓާ ސިނަމާ)ގެ ފުރަތަމަ ފަންގި ފިލާގައެވެ.
މީގެ ކުރިން ޓްރާންސްޕޯޓު އޮތޯރިޓީ ހިންގަމުން އައީ ހުރަވީ ބިލްޑިންގައެވެ. ނަމަވެސް އެ އިމާރާތް ބާވެ، ވީރާނާވެފައި ވުމުގެ ސަބަބުން ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އިމަރާތް ހުސްކުރުމުގެ މަސައްކަތް ފަށައިފައެވެ.
30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ހުރަވީ ބިލްޑިންގް ހުސްކުރުމަށް އެ އިމާރާތުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ތަންތަން ހޯދަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފައިވަނީ މިދިޔަ އަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ.
ހުރަވީ ބިލްޑިންގެ ބެލްކަނިން މަގުމައްޗަށް ބައެއް ވެއްޓި، ޕާކުކޮށްފައިވާ ސައިކަލުތަކަކަށް ވެސް މީގެ ކުރިން ވަނީ ގެއްލުން ލިބިފައެވެ. އަދި އިމާރާތުގެ ޝީޓުތަކުގެ ބައިތައް ވެއްޓޭތީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް އިމާރާތެކެވެ. ހުރަވީ ބިލްޑިންގް ހުސްކޮށް، އެތަނުގައި ހުރި ސަރުކާރުގެ އިދާރާތައް އެހެން ތަނަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ނިންމިއެވެ. ނަމަވެސް ހުރަވީ ބިލްޑިންގުގައި ހިންގާ އޮފީސްތައް އެހެން އިމާރާތަކަށް ބަދަލު ކުރުމަށް ޖާގަ ނެތުމުން އެ މަސައްކަތް އޭރު ވަނީ މަޑުޖައްސައިލައިފައެވެ.
މި ސަރުކާރުގައިވެސް އެ އިމާރާތް ތަޅައިލުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ލަސްވަނީ އެތަނުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ތަނެއް ނުލިބޭތީ ކަމަށް ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބުނެފައި ވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ