ވިޔަފާރި

އުރީދޫއަށް 15 އަހަރު: އިންގިލާބީ ބަދަލުތަކާއެކު ޑިޖިޓަލް ރާއްޖޭގެ ހުވަފެނުގައި ހަގީގީ ކުލަ ޖައްސައިދީފި

އަލީ ޔާމިން

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދިނުމުގެ ޒަމާނީ ގޮތްތަކެއް ތައާރަފުކޮށް، މުއާސަލާތީ ހިދުމަތް ދިނުމަށް ބޮޑު އިންގިލާބެއް ގެނެސްދިނީ، އޮގަސްޓް 1، 2005 ގައި ހިދުމަތް ދޭން ފެށި ވަތަނިއްޔާ އަދި މިހާރުގެ ނަމުން ނަމަ އުރީދޫންނެވެ. ޒަމާނީ ވަސީލަތްތަކާއެކު ގިނަ ބައެއްގެ މަގުބޫލުކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ވަތަނިއްޔާގެ ނަން 2013 ގައި އުރީދޫ މޯލްޑިވްސްއަށް ރީބްރޭންޑްކުރިއެވެ. ވަތަނިއްޔާ އަދި މިހާރުގެ އުރީދޫއިން ރާއްޖޭގައި ހިދުމަތްދޭން ފެށިތާ މިއަދަށް 15 އަހަރު ފުރިފައިވާއިރު، މިވީ 15 އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު އަގުހެޔޮ ހިދުމަތްތައް ތައާރަފުކޮށް، ގިނަ ބަޔަކު ހެއްވާލައިފައެވެ.

އެގޮތުން، 2008 ވަނަ ރާއްޖެއަށް 3ޖީ ތައާރަފުކޮށް، އޭގެ ހަތް އަހަރު ފަހުން 2014 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް 4ޖީގެ ހިދުމަތްތައްވެސް ދޭން ފެށީ އުރީދޫއިންނެވެ. އުރީދޫއިން ވަނީ އެކުންފުނީގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އަވަސް އަދި ފަސޭހަކަމާއެކު މުއާމަލާތް ކުރެވޭނެ މަގު އުރީދޫން ވަނީ ތަނަވަސްކޮށްދީފައެވެ. 4ޖީގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ފަހު، 2018 ވަނަ އަހަރު އެކުންފުނިން ވަނީ 5ޖީގެ ޑެމޯއެއް ދައްކާލައި، 5ޖީގެ ފޯނުތަކަށް އެ ހިދުމަތް ދެވޭ ވަރަށް ތައްޔާރުވެފައެވެ.

މީގެ އިތުރުންވެސް އުރީދޫއިން ވަނީ ކަސްޓަމަރުންގެ މަންފާއަށް އެތައް ކަމެއް ކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ސައިން ލެންގުއޭޖް ކަސްޓަމާ ކެއާގެ ހިދުމަތް ފަށައިި، ވާހަކަދެއްކުމުން އަދި އަޑުއިވުމުން މަހުރޫމްވެފައިވާ ގިނަ ބަޔަކަށް ފަސޭހަކޮށްދީފައެވެ. އަދި އުރީދޫން ވަނީ ވާވޭ އީޒީ މައިކްރޯގެ ނަމުގައި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއެއް ރާއްޖެއަށް ތައާރަފުކޮށްފައެވެ. އަދި ޕޭސްބުކާ ގުޅިގެން ފްރީ ބޭސިކްސް ސާވިސްގެ ނަމުގައި ހާއްސަ ހިދުމަތެއް ވެސް އެކުންފުނިން ވަނީ ތައާރަފުކޮށްފައެވެ.

ޑިޖިޓަލް ދުނިޔެއަކަށް މީހުން އަހުލުވެރިކުރުވުމަކީ އުރީދޫގެ މައިގަނޑު އެއް އަމާޒެކެވެ. އެ އަމާޒުގެ ދަށުން އޮންލައިން ވިޔަފާރީގެ ޝައުގުވެރިކަން އާލާކުރުމަށް، އުރީދޫއިން ވަނީ މިދިޔަ އަހަރު "މޫލީ"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ގާއިމުކޮށްދީފައެވެ މި ޕްލެޓްފޯމު މެދުވެރިކޮށް އުރީދޫން ވިއްކާ އަމިއްލަ ޕްރޮޑަކްޓްތަކާއި ރާއްޖޭގެ ގިނަ ކުންފުނިތަކުން ވިއްކާ ގިނަ ބާވަތްތަކެއް ލިބެން ހުރެއެވެ. އެހެންކަމުން މޫލީ ވެގެން ގޮސްފައިވަނީ ގިނަ ވިޔަފާރިވެރިންނަށާއި، އަލަށް ވިޔަފާރި ފަށާ މީހުންނަށް ލިބުނު ބޮޑު ލުޔަކަށެވެ.

އޮންލައިން ވިޔަފާރިތައް ކުރިއެރުވުމުގެ އިތުރުން ވިޔަފާރިވެރިން ބިނާކުރުމަކީވެސް އުރީދޫގެ އަމާޒެކެވެ. އެގޮތުން އެކުންފުނިން ހިންގާ ކާމިޔާބު ޕްރޮގްރާމުތަކުގެ ތެރޭގައި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށްގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓާއި މިޔަހެލި ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ. މިއީ ވެސް މުޖުތަމައަށް ފައިދާވާނެ ފަދަ ވިޔަފާރިތަކާއި އާ ކަންކަން ތައާރަފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިޔަހެލީގެ އިތުރުން، ނިރު އެކްސެލެރޭޓާ ޕްރޮގްރާމަކީ ވެސް އުރީދޫގެ މުހިންމު ބައިވެރިވުމެކެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން މިހާރުވެސް އެތައް ޒުވާނަކު ވަނީ ކޮށްފައެވެ.

އުރީދުއަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) މެދުވެރިކޮށް އެގި ގޮތްގޮތުން އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ވެންޓިލޭޓަރުގައި އޮތް މި ނާޒުކު ދަނޑިވަޅުގައިވެސް ދިވެހިންނަށް އެހީވުމުގެ ގޮތުން އެކުންފުނިން ވަނީ 2.5 މިލިއަން ރުފިޔާ ސަރުކާރަށް ހަދިޔާކޮށް، 50 އިންޓިއުބޭޝަން ބޮކްސްތައް އެކި ހޮސްޕިޓަލްތަކަށް ހަދިޔާކޮށްފައެވެ. އަދި ކޮވިޑްގެ މައުލޫމާތު އާންމުންނަށް ދިނުމަށް، އެކުންފުނީގެ ރިންގު ޓޯންތައް، ކޮވިޑާ ގުޅޭ އެކިއެކި މެސެޖުތައް ފޯރުކޮށްދިނުމަށް ބަދަލުކޮށްދިނެވެ.

ކޮވިޑްގެ އުނދަގޫ ހާލަތުގައިިވެސް އުރީދޫއިން ކަސްޓަމަރުންގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. ކަސްޓަމަރުން އެންމެ ބޭނުންވި ވަގުތު، ބޯނަސް ޑޭޓާ ޑޭޓާ ޕެކޭޖުތަކާއި ބިލް ދެއްކުމުގައި ލުއިތައް ދިނެވެ. ދަރިވަރުންނާއި ޓީޗަރުންނަށް ގޫގުލް އެޑިއުކޭޝަން ބޭނުންކުރުމުގެ ފުރުސަތު އުރީދޫން ދިނީ ހިލެއެވެ.

އުރީދޫގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެކުންފުނިން ވަނީ ހާއްސަ އޮފާތަކެއްވެސް ތައާރަފުކޮށްފައެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 އިންސައްތައާ ހަމައަށް ބޯނަސް ޑޭޓާ، މަންތުލީ ޑޭޓާ އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 20 އިންސައްތަ އިތުރު ޑޭޓާ، އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރައްވާ ރީޗާޖްތަކަށް 15 ޕަސަންޓް ބޯނަސް ޑޭޓާ އަދި މީގެ އިތުރުން ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯން ކޯލްތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ފާއިތުވި 15 އަހަރު އުރީދޫއިން ކޮށްދިން މަސައްކަތްތައް ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކުގެ ފޮތުގައި، ރަން އަކުރުން ލިޔެވިގެންދާނެ ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އުރީދޫން ސާބިތުކޮށްދިނީ، އެކުންފުންޏަކީ އަބަދުވެސް ދިވެހިންގެ މަންފާއަށް މަސައްކަތް ކުރާނެ ކުންފުންޏެއްގެ ގޮތުގައި ދެމި އޮންނާނެ ކަމެވެ. ޓެކްނޮލޮޖީއާއި އާ އީޖާދުތަކުން ދިވެހިން ހެއްވާލަމުންނެވެ.