އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 97

އަބްދުﷲ ފާރޫގް ހަސަން

3

(30 ޖުލައި ގެ އަދަދާ ގުޅޭ)

ރުސްތުމު ޙަމަލަ ދެއްވުން އަވަސްކުރައްވާކަށެއް އެއްގޮތަކަށްވެސް ބޭނުންފުޅެއް ނޫނެވެ. ކުރީންވެސް ދެންނެވި ފަދައިން އޭނާ ބޭނުންފުޅުވީ ހަނގުރާމަ ދިގުދަންމަވާށެވެ. ޢަސްކަރީފޯރުމާލަށް ޖެހިގެން ދުވަސްކޮޅެއްގެ ތެރޭގައި މުސްލިމުންނަށް ޤާދިސިއްޔާ ދޫކޮށްލަން މަޖުބޫރުވެދާނެކަމުގެ އުންމީދު އޭނާ އަދިވެސް ދޫކޮށެއް ނުލައްވައެވެ.

ރުސްތުމަށް ކޯރު ހުރަސްކުރައްވައި ހަނގުރާމަ އަވަހަށް ފައްޓަވަން މަޖުބޫރު ކުރެއްވުމަށްޓަކައިވެސް سعـد بـن أبى وقّـاص رضـى اللّـه عنـــه ބޭނުންކުރެއްވީ ރުސްތުމު ސާބާޠުން ފުރައިވަޑައިގަންނަވަން މަޖުބޫރު ކުރައްވަންވެސް ބޭނުންކުރެއްވި އުކުޅުތަކެވެ. މުސްލިމުންގެ ލަޝްކަރުގެ ޠޫފާނީ ގެމަތައް ބައެއްފަހަރު މަރާބާޑީ ކުޅެމުން ޢިރާޤުގެ ޑެލްޓާގެ ރަށްރަށަށްވެސް ހިނގައިދެއެވެ. ބައެއްފަހަރު ކޯރު ހުރަސްކޮށްފައިގޮސް ފާރިސީ މުޢަސްކަރަށްވެސް ވަދެގަނެއެވެ. ކޯރުގެ ފާލަންއޮތީ މުސްލިމުންގެ ބާރުގެ ދަށުގައެވެ. މުސްލިމުން އެކަމުގެ ފައިދާ ފުރިހަމަޔަށް ހޯދަމުން ގެންދިޔައެވެ. އެ ހަރަކާތްތަކުގެ ސަބަބުން ރުސްތުމަކަށް ރޭގަނޑަކު ލޮލުފިޔަފުޅެއް ނުޖެއްސެވެއެވެ. ދުވާލަކު ބުރިކަށިފުޅު ދަންމަވައެއް ނުލެއްވެއެވެ. ހަމައެފަދައިން ކިސްރާގެ ފަރާތްޕުޅުން އަންނަ ފުރަމާނަ އަމުރުފުޅުތަކަށް އަޅުއްވައިނުލައްވައި ހުންނެވުމަކީވެސް އޭނާއަށް ލާހިކު ކަމެއް ނޫނެވެ. އެންމެފަހުން އޭނާ ލަޝްކަރަށް ހަނގުރާމަޔަށް ތައްޔާރުވާން އަންގަވައިފިއެވެ. ހަމައެއާއެކު އޭނާ سعـد بـن أبى وقّـاص رضـى اللّـه عنـــه ގެ އަރިހަށް ޚަބަރު ފޮނުއްވިއެވެ. "ދެފަރާތުން ޞުލްޙަވެރި އެއްބަސްވުމަކަށް އާދެވޭތޯ ވާހަކަ ދައްކަން އަޅުގަނޑު ބޭނުމެވެ. ކަލޭގެފާނުގެ ފަރާތްޕުޅުން އިތުބާރު ކުރައްވާ ބޭކަލަކު ފޮނުއްވާށެވެ. سعـد رضـى اللّـه عنـــه ރުސްތުމުގެ ހުށަހެޅުއްވުން ގަބޫލުކުރެއްވިއެވެ. އެކަމަށް ޢައްޔަންކުރެއްވީ ربـعـِى بـن عامر رضـى اللّـه عنـــه އެވެ.

+ + + + +

ربـعـِى بـن عامر رضـى اللّـه عنـــه ވިދިގެންއައި ދުވަހު އީރާނީ ލަޝްކަރަށް ވަޑައިގެންނެވިއެވެ. ރުސްތުމު އޭނާގެ ލަޝްކަރަށް އަމުރު ކުރައްވައިފައިވަނީ އެލަޝްކަރުގެ އާރާއި ބާރާއި ފޯރުންތެރިކަންހުރި ބޮޑުކަށް ربـعـِى ގެ ލޯފުޅަށް ދެއްކުމަށެވެ. އެހެންކަމުން ربـعـِى ވަޑައިގަންނަވާ މަގުގެ ދެފަރާތުގައިވަނީ އެތްތަކާއި އަސްވާރުންނާއި ފައިމަތީ ހަނގުރާމަކުރާ މީހުންގެ ސަފުތައް އަތުރައިލައިފައެވެ. މުޢަސްކަރުގެ މެދުތެރޭގައި ވަރަށް ތަނަވަސް ހަރުގެއެއްވަނީ އަޅައިފައެވެ. އަތުލަސް ފޮތްޗާއި ފަށުވި ފޮތީގެ ސަނދުވާ ދަމައިފައެވެ. ހަމަ އެފޮތީގެ ވަށައިދެމީން ޒީނަތްތެރިކޮށްފައެވެ. މުތީގެ ފަށްތައް އެލުވައިފައެވެ. ރުސްތުމުގެ ތަޚުތު ހުރީ ހަރުގޭގެ މެދުތެރޭގައެވެ. ތަޚުތާ ދިމާއިން މަތީގައި ރަނުގެ ސަތަރިއެއް ދަމައި އޭގައި މުތީއާއި ޖަވާހިރުގެ ފަށްތައް އެލުވައިފައި ހުއްޓެވެ. ބިންމަތީގައިވަނީ އަގުބޮޑު ދޫލަ ފަތުރައި ބާލީސް ޖަހައިފައެވެ. ބާލީހުގައި ހުރީ ޒަރުބަގަތު ފޮތީގެ އުރަ ލައްވައިފައެވެ. ރުސްތުމުގެ ތަޚުތުގެ ދެކޮޅުގައި ވަރަށް އިސްކޮޅު ދިގު ދެ ޒުވާނުން ދަގަނޑުދަހަނާއަޅައި ހަތިޔާރު ހިފައިގެން ތިއްބެވެ. އެ ދެމީހުންނަކީ އިސްކޮޅާއި ރޫފައިގެ ގޮތުން މުޅި އީރާނީ ލަޝްކަރުން ހޮވައިލައިފައިތިބި ދެ ހަތްބޯރާހިކަހަލަ ދެ ޒުވާނުންނެވެ. އެބައިމީހުންގެ ދަހަނާއާއި ދަގަނޑު ތާކިހާ ހުރީ ވިދަވިދައެވެ. އެއީ ހައިބަ ބޮޑު ރަސްކަމެއްގެ މުއްސަނދިކަމާއި ފޯރުންތެރިކަން ފާޅުކުރުމެކެވެ.

ރުސްތުމު އެބޭކަލަކު ސިއްސައިލައްވަން ބޭނުންފުޅުވި ربـعـِى ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ އުއިފަލަ ފޮތީގެ ދެރަ ހެދުންކޮޅެކެވެ. އެކަލޭގެފާނުގެ ދަހަނާކޮޅަކީ އީރާނުގެ އެންމެ އާދައިގެ ސިފައިންގެ މީހަކުވެސް ބޭނުން ނުކުރާފަދަ ސަހަލު ދަހަނާކޮޅެކެވެ. ކަނޑިކޮޅުގެ ބައު އުރަކޮޅުގެ ބޭރުގައިހުރީ ހަލާކުވެގެން ގަނޑުލައިފައެވެ. ربـعـِى އެވަޑައިގެންނެވިގޮތަށް ވަޑައިގެން ރުސްތުމުގެ އަރިހުގައި ތަޚުތުގައި އިށީނދެވަޑައިގެންފިއެވެ. ދަރުބާރުގައި ފެތުރިގެންދިޔައީ ހައިރާންކަމާއި ހަމަހިމޭންކަމެވެ. ރުސްތުމުގެ ހަށިފާރަވެރީން ربـعـِى ގެ ދެ މުލައްދަނޑިފުޅުގައި ހިފައި ތަޚުތުން ބާލައި ހަތިޔާރު ނިގުޅައިގަންނާން ދިމާކުރިއެވެ. ނަމަވެސް ربـعـِى رضـى اللّـه عنـــه ވިދާޅުވިއެވެ. "އަހަރެން މިއައީ ތިޔަބައިމީހުންގެ ދަޢުވަތަކަށެވެ. އެކަކު ކަލަކަށްވެގެން ތަޚުތަށް އަރައި

އިނދެފައި އެހެންމީހުން އަޅުންތަކެއްހެން ކޮޅަށް ބައިތިއްބުމަކީ އަހަރެމެންގެ ދީން ހުއްދަކުރާ ކަމެއްނޫނެވެ. އެހެންކަމުން އަހަރެން މިތާނގައި އިށީންނަން ތިޔަބައިމީހުން ނުރުހޭކަމުގައިވާނަމަ އަހަރެން އެނބުރި ހިނގައިދާނަމެވެ."

ރުސްތުމު އޭނާގެ ފާރަވެރީންނަށް އިޝާރަތްކޮށްލެއްވުމުން އެބައިމީހުން ربـعـِى ދޫކޮށްލައިފައި ފަހަތަށް ޖެހިލައިފިއެވެ. ربـعـِى ގެ ހިތްޕުޅަށް ވަނީ ކޮން ޚިޔާލުފުޅެއްކަމެއް ނޭނގެއެވެ. ތަޚުތުން ފައިބައިވަޑައިގެން ދޫލައިގެ ބައެއް ނަންގަވައިފައި އެތާނގައި އިށީނދެވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ މަސްނޫޢީ ތަންމައްޗަށްވުރެ ބޮޑަށް އަހަރެން ތަރުހީބުދެނީ މާތް اللّـه ފަތުރައްވައިފައިވާ ތަންމައްޗަށެވެ."

ދަރުބާރުގައި ތިބިމީހުން ލޭގެ ކޯވަރުތަކެއް ދިރުވައިލިއެވެ. ނަމަވެސް ރުސްތުމުގެ ކުރިފުޅުމަތީގައި އެކަކަށްވެސް އަނގަ ހުޅުވައިލާކަށެއް ނުކެރުނެވެ.

ރުސްތުމު ސުވާލު ކުރެއްވިއެވެ. "ތިޔަބައިމީހުން އަހަރެމެންގެ ޤައުމަށް ތިޔައައީ ކީއްކުރަން ހެއްޔެވެ؟"

ربـعـِى بـن عامر رضـى اللّـه عنـــه ޖަވާބު ދެއްވިއެވެ. "މިއީ މާތް اللّـه ގެ ބިމެވެ. އަހަރެމެންގެ މަޤުޞަދަކީ މިބިންމަތީގައި މަޚުލޫޤުންގެ ބަދަލުގައި ޚާލިޤަށް ބޯލެންބުވުމެވެ. (އަރަހުށި މާތް اللّـه އަހަރެމެން ފޮނުއްވީ އިންސާނުންނަށް އަޅުދާސްވެ އިންސާނުންނަށް އަޅުކަންކުރުމުން އިންސާނުން ސަލާމަތް ކުރުމަށްޓަކައެވެ. އެއްކައުވަންތަ اللّـه އަށް އަޅުކަންކުރުން ގާއިމު ކުރުމަށްޓަކައެވެ. ދުނިޔޭގެ ދަތިކަމާއި އުނދަގޫތަކުގެ ތެރޭގައި ހަފުސްވެފައި ތިބުމުގެ ބަދަލުގައި އިސްލާމްދީނުގެ ތަނަވަސްކަމާއި ލުއިފަސޭހަކަމުގެ ތެރެޔަށް އިންސާނުން ގެނައުމަށްޓަކައެވެ. ދީންތަކުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާއި ގަދަބަދަވިކަމުގެ ތެރެއިން އިސްލާމްދީނުގެ ޢަދުލުވެރިކަމާއި، އިންސާފުވެރިކަމުގެ ތެރެޔަށް ގެނައުމަށްޓަކައެވެ.) ތިޔަބައިމީހުން މާތް اللّـه ގެ ދީން ގަބޫލުކޮށްފިކަމުގައިވާނަމަ ތިޔަބައިމީހުންގެ ވެރިކަމަކާވެސް ޤައުމަކާވެސް މުދަލަކާވެސް އަހަރެމެން ހުރަހޮޅިޔެއް ނުގަންނާނޫއެވެ. ތިޔަބައިމީހުން އިސްލާމްދީނުގެ ދަޢުވަތު ގަބޫލު ނުކޮށްފިނަމަ ތިޔަބައިމީހުން އަހަރެމެންނަށް ޖިޒީދޭން ޖެހޭނެއެވެ. އެކަމާވެސް ތިޔަބައިމީހުން އިޢުތިރާޟު ކޮށްފިކަމުގައިވާނަމަ އަހަރެމެން ތިޔަބައިމީހުނާ ހަނގުރާމަ ކުރާނޫއެވެ. އަހަރެމެންނަށް ފަތަޙަ ލިބިއްޖައުމަށް ދާންދެނެވެ. ނުވަތަ އަހަރެމެންނަށް ސުވަރުގެ ދެވިއްޖައުމަށް ދާންދެނެވެ."

ރުސްތުމު ވިދާޅުވިއެވެ. "އަހަރެން ހީކޮށްގެންހުރީ އީރާނީ ލަޝްކަރު ފެނުމުން ތިޔަބައިމީހުންގެ ކުށް ހީތައް ފިލައިފާނެ ކަމުގައެވެ."

ربـعـِى ޖަވާބު ދެއްވިއެވެ. "އީރާނުގެ ލަޝްކަރު ފެނުމުން އަހަރެންގެ ހިތުގައި ޖިހާދުގެ ޝައުޤުވީ އިތުރެވެ."

ربـعـِى އާއި ރުސްތުމާ ދެމެދު އިރުކޮޅެއްވަންދެން ޖަދަލުކުރެވުމަށްފަހު ރުސްތުމު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ޝަރުޠުތަކާމެދު އަހަރެން އަހަރެމެންގެ ރަސްކަމުގެ ބޮޑުންނާ މަޝްވަރާކުރާން ބޭނުމެވެ."

"ތިޔަބައިމީހުނަށް މަޝްވަރާކުރެވިދާނެއެވެ. އެކަމަކު މި ޝަރުޠުތަކެއް ބަދަލެއް ނުކުރެވޭނެއެވެ." ربـعـِى رضـى اللّـه عنـــه މިހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. އެކަލޭގެފާނު ހަރުގެއިން ނުކުމެވަޑައިގަންނަވަނިކޮށް އީރާނުގެ އޮފިސަރެއް ربـعـِى އާ ދިމާޔަށް މަލާމާތުގެ ގޮތުން ބުނެލިއެވެ. "ތިޔަބައިމީހުން އީރާނު ފަތަޙަކުރުމުގެ ހުވަފެން ދެކެނީ ތިޔަ ކަނޑިތަކުން ހެއްޔެވެ؟"

"ތިޔަބައިމީހުންނަށް ތިޔަ ފެންނަނީ ކަނޑީގެ އުރައެވެ. ކަނޑިޔެއް ނުދެކެމެއް ނޫންހެއްޔެވެ؟" ربـعـِى އެހެން ވިދާޅުވެފައި ކަނޑިކޮޅު އުރަކޮޅުން ދަންމަވައިގެންނެވިއެވެ. ބަލަންތިބި މީހުންގެ ލޯތަކަށް ހީވީ ވިދުވަރެއްގެ އަލި އެޅުނުހެންނެވެ. ސިފައިންގެ މީހެއްގެ ކުރިޔަށް ޖެހިލައިފައި އޭނާގެ އައްޑަނަ ދައްކައިލަމުން ބުންޏެވެ. "ހަނގުރާމައިގެ މައިދާނުގައި ބޭނުންހިފޭނީ ކަނޑީގެ ވިދުވަރެއް ނޫނެވެ. އޭގެ ޖައުހަރެވެ. ކަލެޔަށް މި އައްޑަނަ ފަޅައިލެވިދާނެ ހެއްޔެވެ؟"

ربـعـِى ހިނިފުޅު ވަޑުވައިލެއްވިއެވެ. އެކަލޭގެފާނުގެ ރަހަފޮދެއްކަހަލަ ކަނޑިކޮޅު ހޫރައިލެއްވުމާއެކު އައްޑަނައިގެ އެއްފަޅި ވަކިވެގެން ދޫލަމައްޗަށް ވެއްޓިއްޖެއެވެ. އެހެން ދެ ޒުވާނަކުވެސް އެ ދެމީހުންގެ ދެއައްޑަނަ ربـعـِى ގެ ކުރިފުޅުމައްޗަށް ހުށަހެޅިއެވެ. ربـعـِى ގެ ކަނޑިކޮޅުން އެދެ އައްޑަނަވެސް ކުދިކުދިކޮށްލެއްވިއެވެ. އެއަށްފަހު ވަޑައިގެން އެކަލޭގެފާނުގެ އަހަށް ނުހަނު ހަލުއިފުޅުކަމާއެކު ސަވާރުވެވަޑައިގެންފައި ވިދާޅުވިއެވެ. "އަހަރެމެން ހަނގުރާމައިގެ މައިދާނުގައި ތިޔަބައިމީހުން މާޔޫސެއް ނުކުރާނޫއެވެ."

ވިދިގެންއައި ދުވަހުވެސް ރުސްތުމުގެ އެދިވަޑައިގެންނެވުމަކާ ގުޅިގެން سعـد بـن أبى وقّـاص رضـى اللّـه عنـــه ޤާސިދަކު ފޮނުއްވިއެވެ. سعـد ގެފާނު އެދުވަހު ފޮނުއްވީ حـذيفـة بـن محصن رضـى اللّـه عنـــه އެވެ. އެކަލޭގެފާނު ރުސްތުމުގެ ދަރުބާރުގައި ދެއްކެވި ވާހަކަފުޅުވެސް ربـعـِى ގެ ވާހަކަފުޅަކާ ތަފާތެއް ނޫނެވެ. ރުސްތުމުގެ އެދިވަޑައިގެންނެވުމަކަށް ތިންވަނަ ދުވަހުވެސް سعـد ގެފާނު ސަފީރަކު ފޮނުއްވިއެވެ. އެދުވަހު ފޮނުއްވީ مغيـرة بــن شعبـة رضـى اللّـه عنـــه އެވެ. އެކަމަކު އެދުވަހުވެސް ރުސްތުމަށް ލިބިވަޑައިގެންނެވީ މާޔޫސްކަމެވެ.

مغيـرة ރުސްތުމުގެ ދަރުބާރަށް ވެދެވަޑައިގެންނެވީ ފާތިޙެއްގެ ހައިބަތާއި ޝާނާ އެކުގައެވެ. އެތައްއިރެއްވަންދެން ދެފަރާތުން ވާހަކަ ދެކެވުނެވެ. مغيـرة ގެ ބިރުފުޅު ކުޑަކަން އެންމެފަހުން ރުސްތުމަކަށް ބަރުދާސްތެއް ނުކުރެއްވުނެވެ. އޭނާ ޢަރަބީންގެ ހަސްފަސްނެތުމުގެ މައްޗަށް މަލާމާތް ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށް މިހާރު ވާނީ އީރާނުގެ ޢަސްކަރީ ވަސީލަތްތަކުގެ ވަރުގަދަކަމާއި ގިނަކަން ތަޖުރިބާ ކުރެވިފައެވެ. އަހަރެން ބޭނުން ކޮންމެ އިރަކުމެ ތިޔަބައިމީހުންގެ ތިޔަ ކުޑަކުޑަ ލަޝްކަރު ހާވިޔާ ކޮށްލެވިދާނެއެވެ. އެކަމަކު އަހަރެންގެ އަތުގައި ބާރު ހުރެމެ އަހަރެން ބޭނުންވަނީ ތިޔަބައިމީހުންނަށް އަހަރެންގެ އޯގާވެރިކަމާއި ދީލަތިކަން ސާބިތުކޮށްދޭށެވެ. އަހަންނަށް އިޙުސާސްވަނީ ތިޔަބައިމީހުންނަށް އުނުއޮރިޔާން ނިވައިނުވާކަމެވެ. ތިޔަބައިމީހުންގެ ހައިހޫނުކަމެވެ. އެހެންކަމުން ތިޔަބައިމީހުންގެ ހަށިތައް ނިވާކުރާނެ ފޭރާމާއި ބަނޑުފުރައިލާނެ ގޮވާން އީރާނުން ދީފާނޫއެވެ. ތިޔަބައިމީހުން އެނބުރި ދާށެވެ. މާޒީގެ ހުރިހައި ހިތިކަމެއް ހަނދާން ނައްތައިލައިފައި އެހީވާން އަހަރެމެން މިތިބީ ތައްޔާރަށެވެ."

مغيـرة ވިދާޅުވިއެވެ. "އަހަރެމެން އެނބުރިދާނެއޮތީ ދެގޮތެކެވެ. އެއްގޮތަކީ ތިޔަބައިމީހުން އިސްލާމްދީން ގަބޫލުކުރުމެވެ. ދެވަނަ ގޮތަކީ ޖިޒީ ދިނުމެވެ."

ރުސްތުމު ކެތްނުކުރެއްވިގެން ވިދާޅުވިއެވެ. "ހަނގުރާމަޔަށްފަހުވެސް ތިޔަބައިމީހުންނަށް ދިރިތިބެވޭނެކަން ޔަގީންހެއްޔެވެ؟"

مغيـرة رضـى اللّـه عنـــه ފިސާރި ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "އަހަރެމެންނަށް އެނގެނީ އަހަރެމެންގެ ތެރެއިން ޝަހީދުވާ މީހުންނަށްޓަކައިވަނީ ސުވަރުގެކަމެވެ. ދިރިތިބި ބަޔަކަށްވާނީ ނަޞްރާއި ފަތަޙައާއި ކާމިޔާބު ލިބިގެންނެވެ."

ރުސްތުމުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ކޯފާވެގެން ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "ތިޔަބައިމީހުން އެދެނީ މަރުވާން ނޫންހެއްޔެވެ؟ އަހަރެން ވަޢުދުވަމެވެ. މާދަމާ އިރުއޮއްސޭއިރު ޤާދިސިއްޔާގެ މައިދާނުގައި ހުންނާނީ ތިޔަބައިމީހުންގެ ފުރާނަނެތް ހަށިތަކެވެ."

مغيـرة بــن شعبـة رضـى اللّـه عنـــه އިރުކޮޅެއްގެ ތެރޭގައި އެކަލޭގެފާނުގެ އަސްމަތީގައި އިސްލާމީ މުޢަސްކަރަށް މިސުރާބު ޖައްސަވައިފިއެވެ. ރުސްތުމު އޭނާގެ އޮފިސަރުންނަށް ވިދާޅުވިއެވެ. "މިބައިމީހުން މިހައިވަރަށް މަރުވާން އެ އެދެނީ ކީއްވެގެންކަން ތިޔައިން މީހަކަށް އަހަނަށް ބުނެދެވޭނެނަމައެވެ."

އީރާނީ އޮފިސަރެއް ތެދުވެފައި ރުސްތުމުގެ އަރިހުގައި ދެންނެވިއެވެ. "ނިކަމެތި ދުޝްމިނެއްގެ މޮޔަ ވާހަކަތަކާމެދު ފިކުރުފުޅު ނުކުރައްވާށެވެ. އެބައިމީހުންގެ ޖެހިލުންކުޑަކަމާއި އަދަބު ކުޑަކަމުގެ ސަބަބަކީ ސަފީރުން ކަމުގައިވާތީ މަރުގެ އަދަބު ލިބިދާނެކަމުގެ ބިރެއް ނެތުމެވެ."

ރުސްތުމު ޖަވާބު ދެއްވިއެވެ. "އަހަރެން ބިރުގަންނަނީ ތިޔަބައިމީހުން އެ މޮޔަވެފައިތިބި މީހުންނަކީ މާނިކަމެތި ބައެއްކަމުގައި ދެކެފާނެތީއެވެ."

(ނުނިމޭ)