ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވާނަމަ ކެފޭތަކާއި ރެސްޓޯރެސްޓްތައް އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ނުރައްކާ އަނެއްކާ ވެސް ބޮޑުވެފައިވާއިރު، ހާލަތު އިތުރަށް ގޯސްވާނަމަ މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ. އެގޮތުން ފިހާރަތަކާއި ކެފޭތައް ވެސް އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިން ލުއިތަކުގެ ތެރެއިން ބައެއް ލުއި ގެންދަން ނުޖެހޭނެއޭ ދަންނަވާކަށް ނުކުރޭނެ. ބައެއް ލުއިތައް ގެންދަން ޖެހިދާނެ ހާލަތު ގޯސްވަމުންދާ ކަމަށްވާ ނަމަ. އެހެން ނަމަވެސް މަސައްކަތް ކުރަމުން މިދަނީ މިހާރު އަޅުގަނޑުމެން ދީފައިވާ ލުއިތަކުގެ ތެރޭގައި ކުރިއަށް ދެވޭނެ މަގެއް ފެނޭތޯ،" އަމީން ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކަންބޮޑުވާ ދަރަޖައަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ނުގެނެސް އަދި އަލުން ލޮކްޑައުން އަކަށް ދާން ނުޖެހުމަކީ ސަރުކާރުގެ އުންމީދެކެވެ. އަދި އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތުގެ ދަށުން ހިފަހައްޓާފައިވާ ގިނަ ކަންކަމަށް މިމަހުގެ އެކަކުން ފެށިގެން ވަނީ ލުއިދީފަ އެވެ. އެގޮތުން ކެފޭ/ ރެސްޓޯރެސްންޓުތައް އަލުން ހުޅުވުމަށާއި 30 މީހުންނަށްވުރެ މަދު ނޫން އަދަދަކަށް އެއްވެ އުޅުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވެ އެވެ.
ނަމަވެސް މިފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނާތީ ސަރުކާރުން ވަނީ ރޭގަނޑު 11:00ގެ ފަހުން ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ނުކުމެ އުޅުން މަނާކޮށް، މާސްކު އެޅުން މަޖުބޫރު ކޮށްފަ އެވެ. އަދި މާދަމާ އިން ފެށިގެން މާސްކު ނާޅައި މަގުމަތީގައި އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު