އެމްއެންޑީއެފް

ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން އޭރިއަލް ސަވައިލެންސް ޕެޓްރޯލް ފަށައިފި

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޖޮއިންޓް އޭރިއަލް ސަވައިލެންސް ޕެޓްރޯލް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގަމުން އަންނަ ޖޮއިންޓް އޭރިއަލް ސަވައިލެންސްގެ 53 ވަނަ ޕެޓްރޯލް އިއްޔެ ފަށައިފައިވާ ކަމަށެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލުމަށް ކުރަމުން އަންނަ ޖޮއިންޓް ޕެޓްރޯލްގެ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ޖޮއިންޓް އޭރިއަލް ސަވައިލެންސް ފަށައިފައިވާއިރު، މިދިޔަ މެއި މަހު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ޝިޕް މައިސޫރު، ގުޅިގެން ޖޮއިންޓް މެރިޓައިމް ސާފޭސް ޕެޓްރޯލް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން މިދިޔަ އަހަރު ވެސް ވަނީ ސަވައިލެންސް އޮޕަރޭޝަނެއް ހިންގައިފައެވެ. އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގައިފައިވަނީ މިދިޔަ އަހަރުގެ އޭފްރިލް މަހު އަށަކުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ އޮޕަރޭޝަންގައި ވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކޮށްފައެވެ. ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހާއްސަ ގޮތެއްގައި އަސްކަރީ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުުޅުން ވަނީ ވަރުގަދަ ވެފައެވެ.