އާރާއި ބާރާއި މަގާމާއި ނުފޫޒަކީ އިންސާނީ ހަމަހަމަކަމާއި އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ހުތުބަތުލް ވަދާއުގެ ހިޔާވަހިކަމުގެ ދަށުގައި" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހައްޖަތުލް ވަދާއުގައި ކީރިތި ރަސޫލާގެ ހުތުބާގައި ﷲގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އިސްލާމީ އުންމަތަށް އަމުރު ކުރެއްވި ކަމަށެވެ. އަދި އިސްލާމް ދީނުގެ އުސޫލުތަކާއި އެ ދީނުގެ ގަވާއިދުތައް ބަޔާންކޮށް ދެއްވައި ޖާހިލީ ޒަމާނުގެ ނުބައި އާދަކާދަތައް ވަޅުލައްވައި، އެ އާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެއްވި ކަމަށެވެ.

އެހެންކަމުން މުސްލިމުންގެ ހަޔާން ބާއްޖަވެރި ކުރުމަށްޓަކައި އެ ހުތުބާގައި އައިސްފައިވާ ނަބަވީ ބަޔާނުން ދަރުސްތަކާއި އިބްރަތްތައް ހާސިލުކުރަން މިއަދު ޖެހިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، އިންސާނުންނަކީ އިންސާނީވަންތަކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ އެއް ދަރަޖައިގެ ބައެއް ކަމަށާއި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނީ ވަންތަކަމުގެ ސިފަތަކާއި އިންސާނީ އިހުސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށެވެ.

އެގޮތުން އިންސާނަކަށް ވީތީ، ދޭންޖެހޭ މަގާމާއި އިހްތިރާމާއި ރަހުމާއި ހަމްދަރުދީ އާއި އަޅައިލުމާއި އެހީތެރިކަން ދިނުމުގައި ތަފާތުކުރުމެއް ނުވާ ކަމަށާއި ގައުމާއި ނަސްލާއި ގަބީލާ އާއި އާއިލާއަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި އެއިން އެނގެނީ އިސްލާމީ ރިސާލަތަކީ އާލަމީ ރިސާލަތެއްކަން ކަމަށާއި މާތް ﷲ އެ ރިސާލަތު ބާވައިލެއްވީ ހުރިހާ ގައުމުތަކަކަށާއި ހުރިހާ އުންމަތްތަކެއްގެ ހެވާއި ލާބައަށްޓަކައި ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ވަނީ، ރަސޫލާގެ ނަބަވީ އިރުޝާދުތަކުން ހޭލުންތެރިކަން ލިބިގަނެ، އަހަރެމެންގެ ނަފްސުތަކާއި އެހެން މީހުންގެ ނަފްސުތައް ރައްކާތެރި ކުރުމަށް ތެދުވަން ގޮވާލައިފަ އެވެ. އަދި އަހަރެމެންގެ ފުށުން އެއްވެސް މީހަކަށް ގޯނާއެއް، ގެއްލުމެއް ނުދިނުމަށާއި މުޖުތަމައާއި ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ގުޅާލުމަށް ވެސް ގޮވާލެއްވި އެވެ.

ހުތުބާގައި ބުނީ، ރަސޫލާގެ މަތިވެރި އިރުޝާދުގެ އަޑު އިވުމަށްފަހު އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު، ހަލާކު ކުރަނިވި މީހަކަށް ވެގެން ނުވާނެ ކަމަށާއި ވާންޖެހޭނީ ބިނާ ކުރަނިވި މީހަކަށް ކަމަށެވެ.