ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ އެކު ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ގިނަ ކަންތައްތައްކެއް ކުރައްވައިފައިވާކަމަށް ތުހުމަތުކޮށް އެމައްސަލަ އެގައުމުގެ ޕްރޮސެކިއުޓަރުން ބަލަން ފަށައިފިއެވެ.
ތަހުގީގާ ގުޅޭގޮތުން ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ބަލަމުން އަންނަ މައްސަލައަކީ ޕަބްލިކް އޮފީހެއް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސިއްރުގައި އޮފީހުގައި އެ ފަދަ ބައްދަލުވުމެއް ބޭއްވުމާއި، ގާނޫނާ ހިލާފަށް ކުރެވޭ ކަންތައްތަކެއް ހިންގުމުގެ އިތުރުން އެ ފަދަ އަމަލުތަކެއް ހިންގާ ބަޔަކަށް ވާގިވެރިވާފަދަ ގޮތަަކަށް އަމަލުކުރުމުގެ މައްސަލަތަކެއް ކަމަށެވެ.
ފީފާ އާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކުގެ ތަހުގީގުކުރާ ޓީމުން އެޓާނީ ޖެނެރަލް ލޯބާ ވަނީ އިސްތިއުފާދެއްވައިފަ އެވެ. މިދިޔަ ހަފުތާގައި ލޯބާ އިސްތިއުފާ ދެއްވީ އިންފަންޓީނޯއާ ދެމެދު ގާތްގުޅުމެއް އޮތްކަމުގެ ތުހުމަތުކުރެވި އޭނާގެ ނުފޫޒު ވެސް ލޯބާ އަށް ފޯރާ ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށެވެ. އެގައުމުގެ ޕްރޮސެކިއުޓަރުން ކުރާ ތުހުމަތުތަކަށް އިންފަންޓީނޯގެ އިތުރުން ލޯބާ ވެސް ވަނީ އިންކާރުކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ލޯބާ ވިދާޅުވީ އިންފަންޓީނޯއާ އެކު ބޭއްވެވީ ސައްހަ ބައްދަލުވުންތަކެއް ކަމަށެވެ. ގާނޫނާ ހިލާފު، ނުވަތަ އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރައްވައިފައި ނުވާނެ ކަމަށް ލޯބާ ވިދާޅުވި އެވެ.
ލޯބާ މިހެން ވިދާޅުވެފައިވާއިރު، މިކަމާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ސްވިޒަލެންޑުގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކީ ގާނޫނީ ގޮތުން ވެސް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫންކަމަށާއި އެއީ އެއްވެސް ގަވާއިދަކާ ހިލާފު ކަމެއް ވެސް ނޫން ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ ފީފާގެ ކަންތައްތައް އުސޫލުގެ ތެރެއިން ރަނގަޅަށް ހިންގަވަން ކުރާ މަސައްކަތުގައި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރެއްވުމަކީ ފީފާގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާގެ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މީގެ ކުރިންވެސް އިންފަންޓީނޯ އާ ގުޅޭ މައްސަލަތަކެއް މީޑިއާތަކަށް ވަނީ ތިލަވެފައެވެ. އެގޮތުން 2016 އާއި 2017 ވަނަ އަހަރު އިންފަންޓީނޯ އާއި ލޯބާ އަދި އާނޯލްޑް އެކުގައި ބޭއްވި ބައްދަލުވުންތަކެއްގެ ވާހަކަ ފުޓްބޯޅައިގެ ސިއްރު މައުލޫމާތުތައް ލީކުކޮށްލާ "ފުޓްބޯލް ލީކްސް" އިން މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. އެ ތުހުމަތުތަކަށް ވެސް އިންފަންޓީނޯ ވަނީ އިންކާރު ކުރައްވައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު