އުމުރުން 8 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އިމާދުއްދީން ސްކޫލުގެ ގްރޭޑް ދޭއްގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމުގައިވާ މުލްހަމް އާޒިމް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފައި މިވަނީ އެއްގަޑިއިރާއި ތިރީސް މިނެޓު ޕްލޭންކްގައި އޮވެގެންނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 8 އަހަރުގެ ދިވެހި ކުއްޖަކު 1 ގަޑިއިރާއި 30 މިނެޓް ޕްލޭންކްކުގައި އޮތުމަކީ، ދުނިޔޭގެ ރެކޯޑެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އޭނާއަށް އެނގިފައިވާ ގޮތުން އެ ރެކޯޑް ކުރިން އޮތީ 16 އަހަރުގެ އަންހެން ކުއްޖެއްގެ އަތުގައި ކަމަށް މަރުޒޫގު ވިދާޅުވިއެވެ. އެކުއްޖާ އެ ރެކޯޑު ހަދާފައިވަނީ އެއް ގަޑިއިރާއި 20 މިނެޓުންނެވެ.

ޕްލޭންކްގެ މި ރެކޯޑް މުގުރާލުމަށް މުލްހަމް މަސައްކަތް ފަށާފައިވަނީ މީގެ ފަސް ދުވަސް ކުރިން ކަމަށްވާއިރު ފުރަތަމަ ފެށި ދުވަހުވެސް 35 މިނެޓް ޕްލޭންކްގައި އޮވެފައިވާ ކަމަށް މަރުޒޫގު ވިދާޅުވިއެވެ. އަދި މިއަދު އޭނާގެ އަޒުމަކަށްވީ އެއް ގަޑިއިރު ހަމަކުރުން ކަމަށާއި އެއްގަޑިއިރު ހަމަކޮށް އިތުރު 30 މިނެޓު ވެސް އޭނާއަށް ހިފަހައްޓައިލެވިފައިވާކަން މަރުޒޫގު ފާހަގަކުރެއްވިއެވެ.