ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކު އެޅުން މަޖުބޫރުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި މިއަދުގެ ކޮވިޑުގެ ގައުމީ ޓާސްކުފޯސް ބައްދަލުވުމަށްފަހު ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ވަނީ މާސްކު އެޅުން މަޖުބޫރުކުރަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

އެ ޓުވީޓުގައި ބުނެފައިވަނީ ފާއިތުވެދިޔަ ދެ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ގޮސްފައިވާ ކަމަށާއި އަލުން ލޮކްޑައުނަކަށް ދިއުމަށް އަދި ނިންމާފައިނުވަނީ ހުރިހާ އެންމެންގެ ރަނގަޅަކަށް ކަމަށެވެ.

އެންމެންގެ ރައްކާތެރިކަމަށް މިހާރު ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ކޮންޓެކްޓުން މަދުވާނެ ގޮތްތަކަށް އަމަލުކޮށް ގިނަގިނައިން އަތްދޮވެ، ގޭގައި މަސައްކަތްކުރެވޭ ނަމަ އެފަދަ އިންތިޒާމުތައް ހަމަޖައްސައި، ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް މާސްކު އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މާސްކު އެޅުން މަޖުބޫރު ކުރުމާ ދޭތެރޭ ވިސްނާނެ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވެފައިވެއެވެ.