ކޮވިޑް 19 ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 16 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު 1:38 ގައި އުމުރުން 71 އެއް އަހަރުގެ އަންހެނަކު އައިޖީއެމްއެޗްގައި މަރުވެފައިވާ ކަމަށެވެ. އޭނާއަކީ ނޭވާލާން އުނދަގޫ ވެގެން މިއަދު ހެނދުނު އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެނައި މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 16 ވަނަ މީހާއެވެ. އަދި މިއީ މިމަހުގެ ތެރޭ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ހަތްވަނަ މީހާއެވެ.

އޭނާއާއެކު ޖުމްލަ 11 ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖެއިން 3567 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 2554 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 983 މީހެކެވެ.