ކުޅިވަރު

ސެލްޓަ ވީގޯ ޖޯޒީގައި ވިޒިޓް މޯލްޑިވްސް ލޯގޯގެ ބަދަލުގައި ބޮޑުކޮށް "ވިޒިޓް މޯލްޑިވްސް" ޖަހައިފި

އައިދާ އަބްދުލް ހަކީމް

1

ރާއްޖޭގެ ޓޫރިޒަމް ކޮވިޑް 19 އާ ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައި ޔޫރަޕަށް އިސްތިހާރު ކުރުމަށް ހަމަޖެއްސި ސްޕެއިންގެ ސެލްޓަ ވީގޯ ފުޓުބޯޅަ ކްލަބުގައި ޖަހާފައިވާ، ރާއްޖޭގެ ފަތުރުވެރިކަމުގެ އިސްތިހާރުގެ ނަން ދުރަށް ފެންނާނެހެން ބަދަލު ކޮށްފި އެވެ.

ސެލްޓަވިގޯއިން އެޓީމުގެ އާ ކިޓް ދައްކައިލައިފައިވާއިރު، މިދިޔަ ސީޒަނުގައި ސެލްޓަ ވީގޯ ޖޯޒީގައި ޖަހާފައި ވަނީ "ވިޒިޓް މޯލްޑިވްސް" ލޯގޯ އެކަންޏެވެ. ނަމަވެސް އަންނަ ސީޒަނުގައި އަލަށް އެ ކްލަބުން ބޭނުންކުރާ ކިޓުގައި ލޯގޯގެ ބަދަލުގައި ބޮޑުކޮށް ޖަހައިފައި ވަނީ "ވިޒިޓް މޯލްޑިވްސް" އެވެ.

ސެލްޓަވިގޯ އާއި ރާއްޖެއާ ދެމެދު ހަދައިފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ތަރިން ބޭނުންކޮށްގެން ވެސް ރާއްޖެ އިސްތިހާރު ކުރަމުން ދެއެވެ. އެކުލަބާ އެކު ރާއްޖެ އިސްތިހާރު ކުރަން ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެއިން ސެލްޓަވިގޯއަށް ހަރަދު ކުރާނެ އެވެ.

މިއެއްބަސްވުމުގެ ދަށުން ލީގުގައި ބާސާ އާއި ސެލްޓަވިގޯ މެޗު ފެށުމުގެ ކުރިން ގެނެސްދިން އިސްތިހާރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައެވެ. އެ އިސްތިހާރު އެތައް މިލިއަން މީހުން ބަލައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ސެލްޓާގެ ޖާޒީތަކުގައި ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސްގެ އިސްތިހާރު ކުރިއަށް އޮތް ތިން އަހަރު ބޭނުންކުރާނެއެވެ. ސެލްޓާގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖެހުމާއެކު އޮފިޝަލް މެޗު ޖާޒީގައާއި ޓްރޭނިން ޖާޒީގައާއި ސްޓާފުންނާއި ޓްރޭނިން ސްޓާފުންގެ ޔުނިފޯމުތަކުގައި ވެސް ވިޓިޒް މޯލްޑިވްސްގެ ޝިއާރު ބޭނުންކުރާނެއެވެ. އަދި ވިއްކަން ބެހެއްޓިފައި ހުންނަ ޖާޒީތަކުގައާއި ކްލަބު ދަތުރުކުރަން ބޭނުންކުރާ ބަހުގައި ވެސް ވިޒިޓް މޯލްޑިވްސްގެ ޖާޒީ ބެހެއްޓިގެންދާނެއެވެ.