ބޮލީވުޑް

ސުޝާންތުގެ ލޯބިވެރިޔާ ގެއްލިގެން އުޅޭ ކަމުގެ އަޑުތަކެއް

މަރިޔަމް ޝަހުދާ

މިއަހަރުގެ ޖޫން މަހު އަމިއްލަޔަށް މަރުވި މަޝްހޫރު ބޮލީވުޑް ތަރި ސުޝާންތު ސިންގް ރާޖުޕުތުގެ ލޯބިވެރިޔާ ރިއާ ޗަކަރޮބޮޓީ ގެއްލިގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

މި މައްސަލަ އިންޑިއާގެ އެކި ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ މި ވަނީ މި ހަފުތާގައި ސުޝާންތުގެ ބައްޕަ ރިއާއާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ރިއާގެ ބަޔާން ނަގަން އޭނާގެ ގެއަށް ދިއުމާއި ގުޅިގެންނެވެ.

ރިއާ އާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހެޅީ އޭނާ ސުޝާންތުއާ ގުޅިގެން އުޅުނީ ފައިސާގެ ބޭނުމަށް ކަމަށް ބުނެ، ފައިސާގެ ބޭނުމަށް މަކަރު ހަދައި ސުޝާންތުގެ މަރަށް ވާގިވެރިވި ކަމަށް ތުހުމަތުކޮށްފައެވެ.

ސުޝާންތުގެ ބައްޕަ ބިހާރް ޕޮލިހަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ފުލުހުން މުމްބާއީގައި ރިއާ ދިރިއުޅޭ ގެޔަށް ދިޔައިރު އޭނާ އެގޭގައި ނެތް ކަމަށާއި އޭނާ ގެއްލިފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ރިއާ ވަނީ ސަލްމާން ހާން އަދި ސަންޖޭ ދަތު ފަދަ މަޝްހޫރު ތަރިންގެ މައްސަލައިގައި ވަކާލާތު ކުރި ލޯޔަރު ސަތީޝް މަނޭޝިންދޭ ގެ އެހީ ހޯދައިފައެވެ. ސުޝާންތުގެ މަރުގެ މައްސަލައިގައި ރިއާގެ ލޯޔަރަކީ ސަތީޝް ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ސުޝާންތުގެ މަރާއެކު އޭނާގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އެކަމުގެ ޒިންމާ ރިއާގެ ބޮލުގައި އަޅުވައިފައެވެ. ނަމަވެސް ސުޝާންތުގެ މަރަށް މަހެއް ވަންދެން ރިއާ އެއްވެސް ވާހަކައެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ސުޝާންތުގެ މަރަށް މަހެއް ވުމުން ރިއާ ވަނީ ލޯބިވެރިޔާ ވަކިވެދިއުމުން އޭނާގެ ހިތަށް ކުރި އިހްސާސްތައް ބޭރުކޮށްލައި އިންސްޓަގްރާމް ޕޯސްޓެއް ހިއްސާ ކޮށްފައެވެ.

އޭގެ ފަހުން ރިއާ ވަނީ ސުޝާންތު ކުއްލިއަކަަށް އެވަރުގެ ބޮޑު ފިޔަވަޅެއް އެޅުމަށް ނިންމި ސަބަބު ބަލަން ބޭނުން ކަމަށް ބުނެ އެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެދިފައެވެ.