ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީބު އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އާންމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް، ނައިބު ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަމާއަތުގައި ނަމާދު ނުކުރެވި، ސްކޫލްތައް ބަންދުވެ، ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އެންމެންނަށް ވަނީ ތަހައްމަލު ކުރެވިފައި ކަމަށެވެ.

"ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ނުދެއްވާ، ކޮވިޑް 19ގެ ވަބާއިން ސަލާމަތްވުމަށް އެންމެ އެކީގައި މަސައްކަތް ކުރަމާ،" ނައިބު ރައީސް ކުރެއްވި ޓުވީޓުގައި ގޮވާލާފައިވެއެވެ.

މިމަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމުލަ އަދަދު 1954 ގައި ހުރި ނަމަވެސް މިވީ 29 ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 3506 އަށް އުފުލިފައެވެ. އެއީ 1500 އަށްވުރެ ކޭސްއެވެ. އަދި އިއްޔެ އެކަނިވެސް ރާއްޖޭގައި 137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.

ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވުމަށް ނައިބު ރައީސް ގޮވާލެއްވި އިރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އާންމު ހާލަތަށް އެދޭނަމަ މާސްކު އެޅުމަށާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރުކުރުމުގެ އިތުރުން ބައްދަލުވާ އަދަދު މަދުކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.