ހައްޖު ދުވަހާއި އީދު ދުވަހު ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މިއަހަރުގެ ހައްޖު ދުވަހާއި އީދު ދުވަހު އެ ކުންފުނީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފައެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފާ ސްޓޭޝަން މި ދެ ދުވަހު ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން މެންދަމު 12:00 އަށް ކަމަށް ވެމްކޯ އިން މައުލޫމާތު ދެއެވެ. އަދި ވިލިމާލޭގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން މި ދެ ދުވަހު ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ކަމަށް ވެމްކޯ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ތިލަފުށި ޑިސްޕޯސަލް ސައިޓާއި، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ހިދުމަތް ދިނުމަށް ނިންމާފައިވަނި މެންދުރުފަހު 2:00 އިން ރޭގަނޑު 9:30 އަށް ކަމަށް ވެމްކޯ އިން މައުލޫމާތު ދެއެވެ. އަދި ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި ފުވައްމުލަކު ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށް ވެމްކޯ އިން ބުނެއެވެ.

މާދަމާއަކީ މިއަހަރުގެ ހައްޖު ދުވަހެވެ. އަދި އަލްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.