ކޮވިޑް 19ގެ ސަބަބުން ގައުމުގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި، ހާލަތާ ގުޅޭގޮތަށް ހިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 ފެތެރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް މާލެ ސަރަހައްދުގައި ގިނަ މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށާއި ނަމަވެސް އެ އެންގުމާ ހިލާފަށް މަގުމައްޗަށް އެއްވެ އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި ބައެއް މީހުން މާސްކު ވެސް ނާޅައި އެއްވުންތައް ކުރިއަށްގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ކަމަށާއި، އެހެންކަމުން މަގުމައްޗަށް ނުކުމެ އުޅުމުގައި ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ.

"..، އަދި ގާނޫނީ ތަރަހައިގެ ތެރެއިން މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލު ފާޅުކުރެއްވުމަށް މި ސާވިސްއިން އިލްތިމާސް ކުރަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ، އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ހުރިހާ ފަަރާތްތަކުން ވެސް މާސްކު އެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން، "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަބަދުވެސް ފެންނާނެ ގޮތަށް އަޅައިގެން ހުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ، އެއްވުންތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެއްވުންތައް ހިންގާ ސަރަހައްދުތަކުގައި ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

ހާލަތާ އެކަށީގެންވާ ގޮތަށް ހިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދަން ފުލުހުން އިލްތިމާސްކޮށްފައިވާއިރު މިދިޔަ އާދިއްޔަ ދުވަހާއި މިރޭ ޗާންދަނީ މަގު ޖަންކްޝަން ކައިރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މުޒާހަރާކޮށްފައެވެ.