އިންގްލެންޑުގެ ވިންގާ ޖޭޑަން ސަންޗޯ ވިއްކާލަން އޭނާ މިހާރު ކުޅެމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑުން ކިޔާ އަގު ކުޑަނުކުރަން އެ ކްލަބްގެ ބޯޑުން ނިންމައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ އުމުރުން 20 އަހަރުގެ ސަންޗޯ ހޯދަން 100 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. ނަމަވެސް އެއީ ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން ކިޔާ އަގަށް ވުރެ 25 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މީގެ ކުރިން ވަޓްފޯޑުގެ ޔޫތު ޓީމުގައި ހިމެނުނު ސަންޗޯ މެންޗެސްޓާ ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އިންގްލެންޑާ އެކު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ސަންޗޯ 2017 ވަނަ އަހަރު ޑޯޓްމަންޑާ ގުޅުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީއެވެ.

މޮޅު ކުޅުމެއް ޑޯޓްމަންޑްގައި ދައްކަމުން އަންނަ ސަންޗޯ ހޯދުމުގެ ރޭހުގައި މީގެ ކުރިން ޗެލްސީ އާއި ލިވަޕޫލް ވެސް އޮތެވެ. ނަމަވެސް ޑޯޓްމަންޑުން ސަންޗޯ ވިއްކައިލަން ކިޔާ އަގުބޮޑުވުމުން ޗެލްސީ އާއި ލިވަޕޫލުން ވަނީ އެމަސައްކަތް ހުއްޓާލައިފައެވެ. އެހެންކަމުން މި ވަގުތު ސަންޗޯ ހޯދުމަށް މަސައްކަތްކުރާ ހަމައެކަނި ކްލަބަކީ ޔުނައިޓެޑް އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ސަންޗޯ އެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ސަންޗޯ ވެސް ވަނީ ޕްރިމިއާ ލީގުގެ ކްލަބަކާ އަލުން ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ބްރޫޝިއާ ޓޯޓްމަންޑުން ބުނެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ޓީމަށް މާލީގޮތުން ގެއްލުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޓީމަށް އެހާ މުހިންމު ކުޅުންތެރިޔަކު އެހާ ކުޑައަގެއްގައި ވިއްކައިލަން ބޭނުން ނުވާ ކަމަށެވެ.