(ސާދަވަނަ ބައި)

އެނދުމަތީގައި ޚިޔާލުތަކެއްގައި އިނދެއިނދެފައި ޔުނާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނަގެ ސިކުނޑީގައި އުފެދިފައިވި ހައިޖާނަށް ނިމުމެއް އަންނަ ގޮތެއް ނުވުމުންނެވެ.

ޔުނާ އޮށޯތްތާ މާ ގިނައިރެއްނުވެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް އޭނައަށް ލުއްކެއްޖަހައި ތެދުވެލެވުނެވެ. ދެވަނަ ސިކުންތުގައި އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވާލެވުނެވެ. ދޮރު ހުޅުވާލަން އުޅުނު ވަގުތު ވެސް އެއީ ކާކުކަން އެނގުނެއްކަމަކު ނުހަނު ގާތުން ޒިހާން ފެނުމުން ޔުނާ ސިހުންވާ ގޮތްވިއެވެ. ޔުނާއަށް ވީގޮތް ފެނި އަސަރެއްނެތް މޫނަކާއެކީ ބަލަން ހުރެފައި ޒިހާން ވާހަކަ ދެއްކިއެވެ.

"ސައި ތައްޔާރުވެފަ ހުރީ. އަހަރެން މިދަނީ ޑިއުޓީއަށް. މެންދުރު އަންނާނަން ޔުނާގެ އައިޑީ ކާޑު ހައްދަން ފޮޓޯ ނަގަން. 1 ޖަހާއިރު ތައްޔާރަށް ހުންނައްޗޭ." ޒިހާން ބުނެލިއެވެ. ޔުނާ ލަސްލަހުން ބޯޖަހާލިއެވެ.

"އަދި އެއްވާހަކަ. އަލިފާނުގެ ޙާދިސާއަށް ފަހު ވެސް ޔުނާމެންގެ ކާރު އޮތީ ރަނގަޅަށް. ރޭ އެކަން އެނގިގެން އަހަރެން އެ ކާރުގެ އާ ތަޅުދަނޑިއެއް ހައްދަން މީހަކާ ޙަވާލުކޮށްފިން. ޔުނާ އަމިއްލައަށް ދަތުރު ކުރެވޭނެހެން އެގޮތަށް ހެދީ. މެންދުރު އަންނައިރު އަހަރެން އަންނާނީ ތަޅުދަނޑި ހިފައިގެން. ލައިސަންސް އޮންނާނެދޯ ކާރު ތެރޭގަ؟" ޒިހާން ސުވާލުކުރިއެވެ.

ޒިހާންގެ ސުވާލާއިމެދު ވިސްނާލެވުމާއެކު ޔުނާގެ ހިތް ގެނބިގެން ދިޔައެވެ. ދޮންބެ ހަދާހެން އޭނަ ޢާއްމުގޮތެއްގައި ލައިސަންސް ބާއްވާފައި އޮންނަނީ ކާރު ތެރޭގައެވެ. އެހެނަސް އަލަށް ލައިސަންސް ހެދިފަހުން އޭތި އަތް ދަބަހަށް އެޅިގޮތަށް އޮންނަނީ އަތް ދަބަސް ތެރޭގައެވެ.

އެކަން ހަނދާންވެފައި ދެލޯ ހަނިކޮށްލެވުނު ވަގުތު ލައިސަންސް ނެތަސް 'އޯކޭ' ވާނެ ނޫންތޯ ޔުނާ ބުނަން ބޭނުންވިއެވެ. އެހެނަސް އޭނަގެ ކުރިމަތީގައި ހުއްޓިހުރީ ސިފައިންގެ މީހެއްކަން އެނގި މެއަށް ފިނިވީ ހިނދު އެ ޚިޔާލުވެސް ސިކުނޑިން ފޮޅުވާލެވުނެވެ.

"އެޕާޓްމެންޓް ތެރޭގަތަ އޭތިވެސްވީ؟" ޔުނާގެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދޭހަކުރަމުން ޒިހާން ސުވާލުކުރިއެވެ. ޔުނާއަށް ޖަވާބުގައި ޖެހިލުންވުމަކާއެކީ ބޯޖަހާލެވުނެވެ. އެއާއެކު ޒިހާން ފުން ނޭވައެއް ދޫކޮށްލިއެވެ.

"އެންމެ ރަނގަޅު..... އެހެންވީމަ އަހަރެން ގެންގޮސްދޭނަން އައިޑީ ކާޑު ހައްދަން. 1 ޖަހާއިރު ތައްޔާރުވެގެން ހުންނާތި." ޒިހާން ސާބިތުކަން އެކުލެވިގެންވި އަޑަކުން ބުނެލިއެވެ. ޔުނާ އެ ވާހަކައަށް ބޯޖަހައިލިއިރު ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތަށް އުފާވެރިކަމެއް ލިބިފައިވިއެވެ.

ޒިހާން އޭނަގެ ކުރިމަތީގައި ހުރެފައި ދާން ހިނގައިގަތުމުން ކޮޓަރީގެ ދޮރު ލައްޕައިލި ވަގުތު ޔުނާއަށް ނޭނގުމެއްގެ ތެރޭގައި ހިނިތުންވެލެވުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ހިނިތުންވުން ފިލުވާލެވުނެވެ. އެފަދަ އިޙްސާސްތަކަށްޓަކައި ހިތުގެ އަޑީގައިވި ޖެހިލުންވުމުގެ ސަބަބުންނެވެ.

ޔުނާއަށް ޒިހާން ކަމުނުދަނީއެއް ނޫނެވެ. ޒިހާނަށް އިތުބާރު ނުކުރެވެނީއެއްވެސް ނޫނެވެ. އިތުބާރު ގެއްލިފައިވަނީ އަމިއްލަ ނަފްސު މަތިންނެވެ. ޒިހާން އޭނަދެކެ ވާ ލޯބީގެ ބަދަލު އެންމެ ފުރިހަމައަށް އޭނައަށް ނުދެވިދާނެހެން ހީވަނީއެވެ. ހިތުގައި އެ ޝައްކު އޮތްވާ ޒިހާނާއި ގުޅުން ބަދަހި ކޮށްފިނަމަ ނޭނގިނަމަ ވެސް ޒިހާނަށް އަނިޔާއެއް ދެވިދާނެހެން ހީވަނީއެވެ.

ވާނީވެސް އެހެންތާއެވެ. ޒިހާނާއި އޭނަ ދިމާވެފައި މިވަނީ އޭނަގެ ހިތް ލޯބިވާން 'ނުކުޅެދިފައިވާ' ޙާލުގައި ވަނިކޮށެވެ. އެކަން ބަދަލުވެދާނެނަމައޭ މިހާތަނަށް އައިއިރު ހިތަށްއެރި ޢަދަދެއްވެސް އޭނައަށް ނޭނގެއެވެ. ބަދަލުކުރަން ކުރެވިދާނެ ކަމެއް ނޭނގުނަސް އެނގޭކަމަކީ އޭނަގެ ޒަޚަމްވެފައިވާ ހިތަށް ޝިފާއެއް ލިބެން ވަގުތު ނަގާނެ ކަމެވެ. އެހާއިރު ވަންދެން ޒިހާން އޭނައަށްޓަކައި އިންތިޒާރު ކޮށްފާނެތޯ އެދުވަހު ފުރަތަމަ ފަހަރަށް ޔުނާގެ ހިތަށްއެރިއެވެ.

***

މެންދުރު ނަމާދަށްފަހު މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުރެ ބުރުގާ އަޅަމުން ދިޔައިރު ޔުނާއަށް ވިސްނެމުން ދިޔައީ އެކަމާ މެދުގައެވެ. އެ ސުވާލާއި މެދު ވިސްނި ވަރަކަށް ނޫނެކޭ ޔުނާގެ ހިތް ބުނަމުން ދިޔައެވެ. މިހާރު ވެސް އޭނަގެ ޙަރަކާތްތައް ހުރިގޮތުން ޒިހާންގެ އެދުމަށް ފުރަގަސްދޭން އުޅޭހެން ޒިހާނަށް ހީވާނެތާއެވެ. އޭނަ ޙާޞިލުކުރުމަކީ ނާދިރުކަމެއްހެން ހީވުމަށްފަހު ވެސް ޒިހާން ވަކި އޭނަގެ އިންތިޒާރުގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟

އެ ސުވާލު ހިތަށް ވެރިވި ހިނދު ޔުނާއަށް އެންމެ ފަހު ޕިން ބުރުގާގައި ޖެހުމަށްފަހު އަމިއްލަ ސޫރައަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ ހިނދު އޭނަގެ މޫނުމައްޗަށް ވެރިވެފައިވީ ވޭތުވި ދެ މަސް ތެރޭގައި ވެސް އެ މޫނުމަތިން ފާޅުވަމުން ދިޔަ ވަރުބަލިކަމެވެ. އޭނަގެ ނަސީބަކީ މިއީތާއޭ އެވަގުތު ހިތަށްއެރިއެވެ. ހަމަ އެއާއެކު ނާއުއްމީދީ އިޙްސާސްތައް އޭނަގެ ހިތް ވަށާލިއެވެ. އޭނަގެ ޙާލަތު ކިޔައިދޭން މަސައްކަތް ކުރިޔަސް ޒިހާން އޭނައަށް ނުރުހުންވާނެކަމަށް ހިތް ބުންޏެވެ. ލޯބިވެރިޔާއަށްޓަކައި ބުރުގާ ނަގާލި ވާހަކައާއި އޭގެ ސަބަބުން ދޮންބެގެ ފަހު ވަގުތުކޮޅުގައި ދެރަކޮށްލެވުނު ވާހަކަ އިވުމުން އެހެންނޫނަސް އޭނަދެކެ ލޯބިވާނީ ކާކުތޯ ބުނެ ޔުނާއަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.

މިފަދަ ޚިޔާލުތަކެއްގައި ޔުނާ ހުއްޓާ މިއަދު ހެނދުނު ފަދައިން ކޮޓަރީގައި މަޑުމަޑުން ޓަކި ދެވުނު އަޑު އިވުނެވެ. ޔުނާ ވަކި ދެވަނަ ވިސްނުމެއްނެތި ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ޔުނިފޯމުގައި ހުރި ޒިހާން އޭނައަށް ފެނިގެން ދިޔައެވެ. ޔުނާ ފެނުމާއެކު ޒިހާން އޭނަގެ އަތުގައި އޮތް ތަޅުދަނޑި ދައްކާލަމުން ހިނގާށޭ ބުނެލިއެވެ.

ޔުނާ ޢިމާރާތުން ނިކުމެގެން ދިޔައީ ޒިހާންގެ ފަސް ފަހަތުންނެވެ. ކާރާއި ހަމައަށް ދެވުމުން ޒިހާން އޭގެ ވަށައިގެން ގޮސް ޑްރައިވާސް ސީޓަށް އެރިއިރު ޔުނާ ވެސް ވަކި ވިސްނުމެއްނެތި ގޮސް ކުރީ ސީޓަށްއެރިއެވެ. ދެމީހުންނަށް އެކުއެކީހެން ދޮރު ލައްޕާލެވުނު ވަގުތު ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެމީހުންނަށް ކާރެއްގައި މިހާ ކައިރީގައި ތިބެވުނީ ފުރަތަމަ ފަހަރަށްކަން އެނގުންވެގެން ދިޔައީ ސިކުންތުކޮޅެއް ވަންދެން ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތެވެ. ހިނދުކޮޅަކަށް ނަމަވެސް ޔުނާ ކާރުގެ ފަހަތަށް ދާން ހިތަށްއެރިއެވެ. އެހެނަސް ޒިހާން ވެސް އެކަމާމެދު ވަކި އަޅާލުމެއްނެތި ކާރު ސްޓާޓް ކޮށްލުމުން ޔުނާއަށް އިންގޮތަށް އިނދެވުނެވެ.

ދަތުރު ފެށިގެން ދިޔަތާ މާ ގިނައިރެއްނުވެ ޒިހާން އެއްއަތުން ޑޭޝްބޯޑުގައި ހުރި ސްކްރީނާއި ކުޅެން ފެށިތަން ޔުނާއަށް ފެނުނެވެ. ޔުނާ ބެލި ވަގުތަކީ ރޭޑިޔޯ ޗެނަލެއްގެ އަޑު ކާރު ތެރެއިން އިވެން ފެށި ވަގުތެވެ.

އެތައް ދުވަހެއް ފަހުން ކާރު ތެރެއިން ރޭޑިޔޯގެ އަޑު އިވެން ފެށުމުން ޔުނާގެ ހަނދާނަށް އައީ ދޮންބެއެވެ. ކާރު ދުއްވަން ދާއިރު ލަވައެއް ޖަހާފައި ބެހެއްޓުމަކީ ޔުނާގެ ކިބައިގައި ދެވިހިފާފައިވި އާދައެކެވެ. ދޮންބެ އެއާއި ދެކޮޅަށް ވާހަކަ ދައްކާތީ ޔުނާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

"ދެން ދުއްވާއިރު އެއްވެސް އަޑެއް ނުއިވުނީމަ ކިހާ ފޫހިތަ ދޮންބޭ؟" އެއްދުވަހު ދޮންބެއާއެކީ ދަތުރެއް ކުރަމުން ދަނިކޮށް ޔުނާއަށް ތުންދިއްކޮށްފައި ބުނެލެވުނެވެ.

"އަޑެއް ނުއިވޭތީދޯ މައްސަލައަކީ؟ ހިނގާ އަޑެއް ޖައްސާލަމާ." ދޮންބެ އެހެން ބުނެލަމުން ރޭޑިޔޯ ޖައްސާލުމުން ޔުނާ އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލީ އިތުރަށް ފޫހިވެފައި އިނދެއެވެ. ރޭޑިޔޯގައި ހުރި ދަރުހަކުން ސުވަރުގޭގެ ކޯރުތަކުގެ ވާހަކަތައް އިވެން ފެށުމުން ޔުނާއަށް ކަޅި މައްޗަށް ހިންގާލެވުނެވެ.

"ދޮންބެ ބޭނުންވަނީ ސުވަރުގޭގަ ދޮންބެގެ ޕެލެސް ކައިރީގަ ޕާރސަނަލައިޒްޑް ރެޑް ވައިންގެ ކޯރެއް ބާއްވަން. ޔުނާ ޒިޔާރަތް ކުރަންވާނެ އިނގޭ؟ އިން ޝާ ﷲ!" ޔަޒްދާން އުޖާލާވި ހިނިތުންވުމަކާއެކީ ބުންޏެވެ.

"ނޯ ތޭންކްސް!" ޔުނާ އެދުވަހު ވެފައިވި ނުރުހުމުގައި ރުންކުރު ރާގަކަށް ބުނެފައިވެއެވެ.

އެދުވަހުގެ ހަނދާން އާވެގެން ދިޔުމުން ޔުނާގެ ލޮލުން ދިލަ ނެގިއެވެ. ދޮންބެ އެތައް ދުވަހެއްގެ މަތިން އޭނައާ ނުހަނު ލޯބިން ދައްކާފައިވި ވާހަކަތަކަށް ވެސް އޭނައަށް ރުޅިވެރިކަމާއެކީ ޖަވާބު ދެވިފައިވިކަން ހަނދާނަށް އައުމުންނެވެ. ދޮންބެ މިވަގުތު ވާނީ އެ ކޯރުތަކުގެ ނިޢުމަތް ލިބިގަތުމާއި ދާދި ގާތު މަރުޙަލާއެއްގައިތާއޭ ޔުނާގެ ހިތް ބުންޏެވެ. ދޮންބެ މުޅި ޙަޔާތް ވޭތުކޮށްފައި ވަނީ އެ ނިޢުމަތާއި ހަމައަށް ދެވޭނެ ފަދައަކުން ވިއްޔާއެވެ. އެހެނަސް ދޮންބެ އެދުވަހު އޭނަ ގާތު އެދިފައިވި ފަދައިން އޭނައަށް ސުވަރުގޭގައި ދޮންބެގެ ގަނޑުވަރަށް ޒިޔާރަތް ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ޔުނާގެ ހިތުގައި ނެތެވެ. އޭނައަށް މިހާތަނަށް އައިއިރު އުޅެވިފައިވި ގޮތުންނެވެ. އަދި އަމުދުން ދޮންބެ ދުނިޔެ ދޫކޮށް ދިޔަ ދުވަހު ކަންތައް ވެގެން ދިޔަ ގޮތް އަނެއްކާވެސް އޭނަގެ ސިކުނޑި ހަނދާންކޮށްދޭން ފެށުމުންނެވެ.

އިސާހިތަކު އޭނައަކީ އެއްވެސް ފަރާތެއްގެ ލޯބި ޙައްޤުނުވާ މީހެއްކަމަށް ޔުނާގެ ހިތް ބުނަން ފެށިއެވެ. އޭނަދެކެ އެންމެ ލޯބިވި އަދި އެންމެ ގާތުން އުޅުނު ދޮންބެވެސް އުފާކޮށްނުދެވުނު ތާނގައި ﷲ ގެ ރުހިވޮޑިގަތުން ވެސް ލިބޭނެ ފަދަ ގޮތަކަށް އުޅެވިފައެއް ނެތެވެ. އޭނަގެ ޙަޔާތް މިއަދު މިފަދަ ފައްތަރަކަށް އައިސްފައި މިވަނީ ވެސް އެހެންވެތާއޭ ހިތަށްއެރިއެވެ. ޢާއިލާއެއް ނެތްތާނގައި ހިޔާވަހިކަމެއް ވެސް ނެތް ޙާލަތަކަށް އޭނަގެ ދިރިއުޅުން ބޮއްސުންލައިގެން ދާން ﷲ އިރާދަކުރެއްވީ ޢަޒާބެއްގެ ގޮތުގައިތާއޭ ހިތް ބުންޏެވެ.

ހަމަ އެވަގުތު އިނގިރޭސި ބަހުން އިވެމުން ދިޔަ ދަރުހަށް ޔުނާގެ ސަމާލުކަން ހުއްޓުނެވެ.

"مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ.... ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ތިބާ ދޫކޮށެއް ނުލައްވައޭ... އަދި ކަލޭގެފާނަށް ނުރުހުންވެވޮޑިއެއް ނުގަންނަވައޭ.... ލޮބުވެތި އަޚުންނާއި އުޚްތުން، ޙަޔާތުގައި ކިތަންމެ ދަތި ޙާލަތެއް ކުރިމަތިވިޔަސް ﷲ ތިބާ ދޫކޮށްލެއްވީއޭ ހީނުކުރައްވާ. ތިބާގެ ވަށައިގެންވި އެންމެން ތިބާއަށް ފަސްދިނަސް ތިބާއަށް އެ ފަރާތެއްގެ ރަޙްމަތަށް އުއްމީދު ކުރެވޭނެ ހަމައެކަނި ފަރާތަކީ ﷲ. ތިބާއަށްޓަކައި ކިތަންމެ ގިނަ ދޮރުތަކެއް ބަންދުވެގެން ދިޔަޔަސް އެއީ ތިބާއަށް އެންމެ ރަނގަޅަކަށް ނޫނީ ނުގެއްލޭ ނިޢުމަތްތަކާއި ފުރުޞަތުތަކެއް. ތިބާއަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ތިބާއަށްޓަކައި ތައުބާގެ ދޮރުތައް ހުޅުއްވަވާފަ. މިއީ އެކަލާނގެ ލޯބިފުޅުގެ ތަނަވަސްކަން، ލޮބުވެތި އަޚުންނާއި އުޚްތުން.... އެހެންކަމުން އަޅުގަނޑުމެން އެހީއަށް އެދި އަތް އުފުލަން އެންމެ އައުލާކަން ބޮޑު ފަރާތަކީ އެއީ. މިއަދު ވެސް އަތް އުފުލާ ދުޢާކުރައްވާ. އެ ލޯބިފުޅު ތިބާއަށް އިޙްސާސް ކުރެވޭނީ އޭރުން...."

ދަރުހުގެ އެހާ ހިސާބަށް އިވުނު ވަގުތަކީ ކާރު އޭގެ މަންޒިލާއި ހަމައަށް ގޮސް މަޑުކޮށްލި ވަގުތުކަން ޔުނާއަށް އެނގުންވިއެވެ. އެހެނަސް އެވަގުތު އޭނައަށް އިނދެވުނީ އެއްދިމާލަކަށް ނަޒަރު އަމާޒުކޮށްގެން ހުއްޓުން އަރާފައެވެ. ދާދި ދެންމެއަކު އިވުނު ބަސްތަކަކީ ސީދާ އޭނައާއި ދެކެވުނު ވާހަކައެއްހެން ހީވި ގޮތުން ޔުނާއަށް އިނދެވުނީ އަޖާއިބެއްގެ ތެރޭގައެވެ. ޔުނާއަށް ހަމަހޭވެރިކަމެއް ލިބުނީ ޒިހާން އޭނަގެ ނަމުން ގޮވައި ހިނގާށޭ ބުނެލުމުންނެވެ.

**

ދަތުރު ފެށުނީއްސުރެ އޮފީހުގެ ތެރެއަށް ވަދެގެން ދިޔަ ވަގުތުވެސް ޒިހާނަށް ދޭތެރެދޭތެރެއިން ޔުނާއަށް ބެލެމުން ދިޔައެވެ. ހެނދުނާއި އަޅާ ބަލާއިރު އެ މޫނުމަތީގެ ކުލަވަރު އޮއްސިފައިވުމުންނެވެ. ހެނދުނު އޭނަ ދިޔަ ފަހުން ކަމެއް ދިމާވީތޯ ޒިހާންގެ ހިތް ސުވާލުކުރަމުން ދިޔައެވެ. ޔުނާގެ ކުރީގެ ލޯބިވެރިޔާ ގުޅީކަމަށް ވެދާނެ ހެއްޔެވެ؟ އެހެން ނޫނީ އެ ލޯބިވެރިޔާގެ ހަނދާންތަކެއްގެ ސަބަބުން ދެރަވަނީ ހެއްޔެވެ؟ އެހެންނޫނީ ޔުނާ ދޮންބެއާއެކީ ނުހަނު ލޯބިން ގެންގުޅުނު އެޕާޓްމެންޓް އަނދާ އަޅިއަށްވުމުން އެކަމާމެދު ވިސްނި ހިތާމަ ކުރެވެނީ ހެއްޔެވެ؟

ޔުނާގެ ހިތާމައިގެ ފަހަތުގައިވީ ކޮންމެ ސަބަބެއް ކަމުގައި ވިޔަސް އޭނަ ޔުނާގެ މޫނުމައްޗަށް ހިނިތުންވުމެއް އަނބުރާ ގެންނަން ބޭނުންވިއެވެ. އައިޑީ ކާޑު ހެދުމުގެ ކަންތައް ނިންމުމަށްފަހު ކާރަށް އަރައި އޭނައަށް ވާހަކަ ދެކެވުނީ އެހެންވެއެވެ.

"ހިނގާދޯ ކުޑަކޮށް ޝޮޕިންގްއަށް ދާން؟ ޔުނާ އާ ހެދުންތައް ވެސް ފައްސަން ޖެހޭނެއެއްނު؟" ޒިހާން ބުނެލި ވާހަކައިން ޔުނާއަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ. ޒިހާން އެ ބުނީ ރަނގަޅު ވާހަކައެއްކަން ޔުނާއަށް ނަގައިގަނެވުނެވެ. ޔުނާ މިހާރު އުޅޭ ކޮޓަރީގެ އަލަމާރީގައި ހުރީ 4 ވަރަކަށް ހެދުމެވެ. ޒިހާންގެ އެޕާޓްމެންޓްއިން އެހެން ތަނަކަށް ބަދަލުވިޔަސް އޭނަ ހެދުންތައް ބޭނުންވާނެއެވެ.

"އާނ.... އެކަމަކު އަދި އަހަރެންގެ ބޭންކް އެކައުންޓަށް އެކްސެސްވެވޭނީ ކާޑުތައް ހެދިގެނެއްނު؟" ޔުނާ ބުނެލިއެވެ.

"އެކްސެސްވީމަ އަހަންނަށް ޕޭއި ބެކް ކޮށްލާތި." ޒިހާން އެހެން ބުނެ ޔުނާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ކާރު ސްޓާޓްކޮށްލަމުން ދުއްވާލިއެވެ.

މިނެޓްތަކެއްގެ ދުއްވުމަށްފަހު ޒިހާން ކާރު ޕާކްކޮށްލީ މާލޭގެ ބޮޑު ފޮތި ފިހާރައެއްގެ ކައިރިއަށެވެ. ކާރުން ފޭބުމުގެ ކުރިން ވެސް ޔުނާ އެ އެހީއަށް އިންކާރު ކުރިއެވެ. އެހެނަސް ޒިހާން އެ ވާހަކަ އަޑުއެހުމެއްނެތި ހިނގާށޭ ބުނެ ކާރުން ފޭބުމުން ޔުނާ ވެސް ކާރުން ފައިބަން މަޖުބޫރުވިއެވެ.

ފިހާރައަށް ވަނުމަށްފަހު ވެސް ޔުނާ ޒިހާނާއި ވާހަކަ ދައްކަން އުޅުނެއްކަމަކު ކުރިއެރުމެއް ނުލިބުނެވެ. އޭނަގެ ބްރޭކް ގަޑި ނިމުމުގެ ކުރިން ނިކަން އަވަހަށް ފޮތި ގަނެ ނިންމަން އެންގިއެވެ. އެއާއެކު ޔުނާ ވަށައިގެން އެކިއެކި ފޮތިތަކަށް ނަޒަރު ހިންގިއެވެ. އޭނަ ނިންމައިގެން ހުރީ ހަމަ އެކަނި ދެ ތިން ހެދުން ފެހޭ ވަރަށް ފޮތި ގަންނާށެވެ. ޒިހާންގެ އަތުގައި ލާރި ހުންނާނެ ވަރާއިމެދު ވިސްނަމުން ވެސްމެއެވެ.

ޔުނާ އެންމެ ފަހުން ބަލަމުން ބަލަމުން ގޮސް އެތާ ފޮތި ކަނޑަން ހުރި މީހާ ގާތު ބުނެލީ އެންމެ ދެ ފޮތިގަނޑުން ކަނޑާލަ ދިނުމަށެވެ. އެއާއެކު ދުރުގައި ފާރަކަށް ލެނގިލައިގެން ހުރި ޒިހާންގެ އަޑު އިވުނެވެ.

"އެ ނިމުނީ؟" ޒިހާން ބުނެލި އަޑަށް ޔުނާއާއެކީ އޭނަގެ ކައިރީގައި ފޮތި ކަނޑަން ތައްޔާރަށް ހުރި އަންހެން ކުއްޖާވެސް ބަލައިލިއެވެ. ޔުނާ އެއްޗެކޭ ނުބުނެ ހުއްޓާ ޒިހާން ތުންފިއްތާލުމަށްފަހު ހިންދެމިލަމުން އެމީހުންނާއި ދިމާލަށް އަންނަން ފެށިއެވެ.

"އަހަރެން މި ބުނާ ހުރިހާ ފޮއްޗެއް އެ ބުނި ވަރަށް ކަނޑާ...." ޒިހާން އެހެން ބުނެލަމުން އެކިއެކި ފޮތި ފޭއްޔަށް ޢިޝާރާތް ކުރަން ފެށިއެވެ. ޢިޝާރާތް ކުރަމުން ދިޔަ ވަރަކަށް ޔުނާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެނެވެ. ޒިހާން އިނގިލި ދިއްކުރަމުން ދިޔައީ ދެންމެ އޭނަ ބެލި ފޮތިތަކުގެ ތެރެއިން އެންމެ ރީތިވި ހުރިހާ ފޮއްޗަކަށެވެ. ޒިހާން އޭނައަށް ހަމަ މި ހުރިހާ އެއްޗެއް ގަނެދެނީތޯ ހިތާހިތުން ހާސްފަހަރު ސުވާލުކޮށްލެވުނެވެ. އެންމެ ފަހުން ޒިހާން ވާހަކަ ދައްކާ ނިމުމުން ޔުނާއަށް އަޖާއިބުވެފައިހުރެ ޒިހާންގެ ނަމުން ގޮވާލެވުނެވެ. ޒިހާން ޔުނާއަށް ހިނިތުންވުމެއް ދައްކާލުން ނޫންކަމެއް ނުކުރިއެވެ.

ހުރިހާ ފޮއްޗެއް ގަނެގެން އަނެއްކާވެސް ކާރަށް އެރުނު ވަގުތު ޔުނާއަށް ވާހަކަ ދެކެވުނެވެ.

"ޒިހާން ޔޫ ޑިޑްންޓް ހޭވް ޓު...... ހާދަ ބޮޑު އެއްޗެކޭ މިއަދު ޒިހާން އަތުން ތި ދިޔައީ!" ޔުނާ ކަންބޮޑުވުން ފާޅުކުރިއެވެ.

"ބޮޑު އެއްޗެކޭ؟! ހަހް! އަހަރެންގެ ބޭންކް އެކައުންޓްގެ ކަހާތަން ހިރުވާވެސް ނުލާ އަދި މިހާވަރުން." ޒިހާން ކާރު ސްޓާޓް ކޮށްލަމުން ބުނެލިއެވެ.

"ސީރިއަސްލީ؟! ޒިހާން ތިއީ ލިއުޓިނެންޓެއްތަ؟" ޔުނާއަށް ޤަބޫލުކުރަން ދަތިވެފައި އިނދެ އަހާލެވުނެވެ.

"ނޫނޭ.... މި އަޅާ މިއީ ކޯރޕްރަލްއެއް..... ލާރި ހޯދަން އެހެނިހެން ގޮތްގޮތްވެސް ހުންނާނެދޯ؟ އަނެއްކާ ބިރު ނުގަންނައްޗޭ މިހެން ބުނީމަ. ހެހެ..... އަނެއްހެން ޕޭއި ބެކް ކުރުމާމެދު ޔުނާ ވެސް ހާސްވާކަށް ނުޖެހޭދޯ؟ ތިއީ ބޮޑު މާ ސިންގާ ހޮޓެލްތަކެއްގެ ސީއީއޯއެއް ވިއްޔާ!" ޒިހާން މަގަށް ސަމާލުކަން ދީގެން ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ. އެންމެ ފަހުން އޭނައާއި ޔުނާއާ ދެމެދުގައި ވާހަކަތައް ގިނަވެގެން ދިޔުމުން އޭނަގެ ހިތަށް އުފާވެރިކަމެއް ވެރިވެފައިވިއެވެ.

"ތިކަމެއް ނޭނގޭ..... އަހަރެން މިހާރު މިހިރީ މަޤާމުން ދުރުކޮށްފަ.... އެއްކަލަ ރޫމާއަށްފަހު..." ޔުނާއަށް މާޔޫސީ ގޮތަކަށް ބުނެލެވުނެވެ. އެއާއެކު ޒިހާނަށް ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ޔުނާއަށް ނަޒަރެއް ދެވުނެވެ.

"އަސްލުވެސްތަ؟ ކާކު މިހާރު އެ މަޤާމުގަ ހުރީ؟" ޒިހާނަށް ވިސްނުމެއްގައި އިނދެ އަހާލެވުނެވެ.

"ކުރިން ހޮޓެލްގެ މެނޭޖަރަކަށް އުޅުނު ޔޫސުފް..... ބައި ދަ ވޭ އަހަރެން އަޑުއެހިން ޒިހާން ވެސް އެ ރޫމާތައް ހުއްޓުވަން އުޅުނު ވާހަކަ. ތޭންކްސް އަ ލޮޓް ފޯ ދަ ހެލްޕް." ޔުނާއަށް ބުނެލެވުނެވެ. އެންމެ ފަހުން ޒިހާނަށް ޝުކުރު އަދާކޮށްލުމުގެ ފުރުޞަތު ލިބުމުން އޭނައަށް ހަމަޖެހުމެއްވެސް ލިބުނެވެ.

ޒިހާނަށް އެ ވާހަކައަށް ވެސް ހިނިތުންވެލެވުނީ ވަކި ވަރަކަށެވެ. ދެންމެ ޔުނާ ދެއްކި ވާހަކައިން ސިކުނޑީގައި ހައިޖާނެއް އުފެދިގެން ދިޔުމުންނެވެ. އޭނަ ޔުނާއާއި އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އެ ހުރިހާ ސުވާލުގެ ތެރެއިން އެއް ސުވާލު އިސްކުރީ އޭގެ ޖަވާބު ހޯދުން މުހިއްމުހެން އޭނައަށް ހީވުމުންނެވެ.

"ޔުނާ..... ޔުނާ ޔޮޓުން ވެއްޓުނު ރޭ.... ކިހިނެއް އަސްލު ވެއްޓުނީ؟ ޚަބަރުތަކުން އިވުނީ ޔުނާ ނިދިއައިސްގެން ވެއްޓުނީއޯ. ހެހެ...." ޒިހާން ސަމާސާ ރާގެއް އަޅުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ކަމުގެ ސީރިއަސްކަން ޔުނާއަށް އަންގަން އެވަގުތު ބޭނުމެއްނުވުމުންނެވެ.

"އަސްލު ޒިހާން.... އަހަންނަށް ބޮޑަށް ހީވަނީ މީހަކު އަހަރެން ވައްޓާލީހެން. ހީވަނީ އެ މީހަކުހެން އެޕާޓްމެންޓް އަންދާލުމުގަވެސް ބައިވެރިވީ. އަލިފާނުގެ ޙާދިސާ ހިންގި މީހާ ހުރީ މޫނު ފޮރުވައިގެން.... އަދި އަހަންނަށް މި ވާހަކަ ފުލުހުންނަށް ރިޕޯޓްވެސް ނު....." ޔުނާގެ ވާހަކަ މެދުކެނޑުނެވެ.

"އަހަރެން ރިޕޯޓްކޮށްފިން...." ޒިހާން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެހިނދު ޔުނާ އޭނައަށް ބަލައިލި ހިނދު އެ މޫނުމަތީގައިވީ އިންތިހާ ދަރަޖައިގެން ސީރިއަސްކަމެވެ. އެ ސީރިއަސްކަމުގެ ފަހަތުގައިވަނީ ކޮންކަމެއްކަން ދެނެގަންނަން ޔުނާ ނުކުޅެދުނެވެ.

ޒިހާނާއި ޔުނާ އެންމެ ފަހުން ގެއަށް އައީ ޒިހާންގެ އެދުމުގެ މަތިން އެހެން ދެ ފިހާރައަކަށް ވެސް މަޑުކުރުމަށް ފަހުގައެވެ. ޒިހާންގެ އެދުމާއި އެއްގޮތަށް ޔުނާ ކާރުން ނުފޭބީ އޭނަ ދިޔައީ ގެއަށް ބޭނުންވާ މަދު އެއްޗެއް ގަންނަން ކަމަށް ބުނެ ދިޔައީތީވެއެވެ. އެހެނަސް ޒިހާންގެ އެ ޙަރަކާތް ވެސް ޔުނާ ހެއްވާލުމުގައި ކާމިޔާބު ހޯދިއެވެ.

ގެއަށް ވަނުމަށްފަހު ކޮތަޅުތަކުގެ ތެރެއިން ކުޑަ ކޮތަޅެއްގައި އޮންނާނީ ޔުނާގެ އެއްޗެއް ކަމަށް ޒިހާން ބުންޏެވެ. އެހެން ބުނުމަށްފަހު ޒިހާން ޑިއުޓީއަށް އަނބުރާ ދިޔައީ ވަކި މަޑު ކުރުމެއްނެތިއެވެ. ޔުނާއަށް އެ ކޮތަޅުގެ ތެރެ ބަލައިލެވުނީ ޒިހާން ދިޔަފަހުންނެވެ. އޭގެ ތެރޭގައިވީ ޔުނާއަށް މީރު ވައްތަރެއްގެ އައިސްކްރީމް ކުޑަ ތަށްޓެކެވެ. އެއަށް ބަލަހައްޓައިގެން ހުރެފައި ޔުނާއަށް ހީލެވުނެވެ.

އޭނައަށް އެންމެ މީރީ ކޮން އައިސްކްރީމެއްތޯ ޒިހާން އަހައިލީ ސީރިއަސްކަމުގައި ހުރެއެވެ. ކައިރީގައި ޖެހިގެން ހުރި ފިހާރައަށް ޒިހާން މަޑުކޮށްލީ ޔުނާ އެ ސުވާލުގެ ޖަވާބު ދިނުމުންނެވެ. އެއީ ޒާތެއްގެ ފިރިހެނެއްތާއޭ ޔުނާއަށް ހިތާހިތުން ކިޔާލެވުނު ވަގުތު ތަކުރާރުކޮށް ހެވުނެވެ.

އެވަގުތުކޮޅަށްފަހު މުޅި އެދުވަހު ވެސް ޔުނާއަށް ހުރެވުނީ ހިނިތުންވުމެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒިހާންގެ ލޯބި އޭނަގެ ހިތަށް އިޙްސާސް ކުރެވޭ ކޮންމެ ފަހަރަކު އެ ހިތުގެ ޒަޚަމްތަކުގައި މަލަން އެޅޭ ފަދައެކެވެ. އަދި އަމުދުން އެދުވަހު ހެނދުނު ޒިހާންގެ ސަބަބުން އޭނައަށް އިވުނު ދަރުހުން ދަސްވި އާޔަތާއިމެދު ވެސް ވިސްނެމުން ދިޔައެވެ. ﷲ ގެ ރަޙްމަތަށް ވެސް އޭނައަށް އުއްމީދު ކުރެވިދާނެކަމުގެ އިޙްސާސާއެކީ އެދުވަހުގެ ޢަޞްރު ނަމާދު ކުރީވެސް ކުރާ ހިތުންނެވެ. އެ ނަމާދުގެ އަސަރުން ﷲ ގެ ލޯބިފުޅުގެ އިޙްސާސް ކުރެވުމުން އޭނައަށް ވެސް އެހެން މީހަކަށް ލޯބި ދެވިދާނެކަމަށް ހިތް ބުނަން ފެށިއެވެ. ޒިހާން އޭނައަށް ކޮށްދޭ ކަންތަކުގެ ބަދަލުގައި އޭނަ ކަމެއް ކޮށްދޭންވާނެ ކަމަށް ހިތް ބުނަން ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން ޔުނާ އެޕާޓްމެންޓްގެ ވަށައިގެން ހޯދަން ފެށީ އޭނައަށް ޒިހާނަށްޓަކައި ކޮށްދެވިދާނެ ކަމެކެވެ. އެކަމާމެދު ވިސްނި ވަރަކަށް އޭނައަށް އެޕާޓްމެންޓް ތެރޭގައި އެކި އެކި ކަންތައްތައް ކުރެވެން ފެށިއެވެ. އެތައް ދުވަހެއް ފަހުން ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކު ފަދައިން އޭނައަށް މަސައްކަތް ކުރެވެން ފެށި ގޮތުން ޚުދު ޔުނާ ވެސް ޙައިރާންވާ ގޮތްވިއެވެ. ޔުނާ އެންމެ ފަހުން ހަމަޖެހޭ ގޮތްވީ ހަވީރު ސަޔަށް ޒިހާނާ އޭނައަށް ވެސް ވާ ވަރަށް އެއްޗެހި ތައްޔާރު ކޮށްލެވުމުންނެވެ. އެއަށްފަހު އޭނަ ފެންވަރާލަން ދިޔައީ ވަރުބަލިކަން ފިލުވާލުމުގެ އިތުރުން ތާޒާވެލުމަށެވެ.

**

މަޣްރިބް ނަމާދާއި ގާތްވަމުން ދިޔަ ވަގުތު ޒިހާން ސައިކަލުގައި ގެއާއި ދިމާލަށް މިޞްރާބުޖެހީ މޫޑު ޚަރާބުވެފައި ހުރެއެވެ. އެދުވަހު ހަވީރު އިރުކޮޅެއް ވަންދެން ވާރޭ ވެހުނީތީ ބެލްކަނީގެ ހަރުގައި އެޅުވިފައި ހުރި އޭނަގެ ގަމީސްތައް ހުންނާނީ ފޯވެފައިކަން ޔަޤީންވުމުންނެވެ. ގެއަށް ގޮސް އޭނަ ފުރަތަމަ ޖެހޭނީ އެކަން ހަމައަކަށް އަޅުވާށެވެ. އަދި އަމުދުން މިއަދު ރޯދަ ވިއްލަން އޭނައަށް އެއްޗެއް ތައްޔާރު ކުރެވިފައި ހުރީއެއްނޫނެވެ. ލިބުނު ހުސް ވަގުތު ކޮޅުގައި މުޅިންހެން ޔުނާއާއެކީ އުޅެވުނީތީވެއެވެ.

ކޮންމެއަކަސް ޒިހާން އެޕާޓްމެންޓަށް ވަދެގެން ދިޔަ ވަގުތު ފެނިގެން ދިޔައީ އުއްމީދުކޮށްގެން ހުރި މަންޒަރެއް ނޫނެވެ. އެންމެ ފުރަތަމަ ކަމަކަށް ވެސް ގޮސް ބެލްކަނީ ބަލައިލިއިރު އެތާހުރި ހަރުގަނޑުގައި އޭނަ އަޅުވާފައި ހުރި ގަމީސްތައް ނެތެވެ. ޙައިރާންކަމާއެކީ ޒިހާން ގޮސް ކޮޓަރި ތެރެ ހޯދަން ފެށުމުން އެ ގަމީސްތައް ފެނުނީ އަލަމާރީގެ ތެރެއިންނެވެ. ރަނގަޅަށް ބެލިއިރު އެ ގަމީސްތައް އިސްތިރިވެސް ކުރެވިފައިވިކަން ފާހަގަވުމުން ޒިހާނަށް ނޭނގި ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ކޮޓަރިން ނިކުމެގެން ވަށައި ހޯދަމުން މިޞްރާބުޖެހީ ޔުނާގެ ކޮޓަރިއާއި ދިމާލަށެވެ. އެ ގަމީސްތަކާއިމެދު ޔުނާއާއި ސުވާލުކޮށްލަން ބޭނުންވުމުންނެވެ. އެހެނަސް އެކޮޓަރިއާ ހަމައަށް ދެވުމުގެ ކުރިން ފިޔަވަޅުތައް މަޑުޖެހުނީ ކުޑަކޮށް ހުޅުވިފައިވި ބަދިގޭގެ ދޮރު ފާހަގަވުމުންނެވެ. ޒިހާން ލަސްލަހުން އެ ދޮރު ހުޅުވާލުމާއެކު ދެމީހުންނަށްޓަކައި ސައި ތައްޔާރު ކުރެވިފައިވި ކާ މޭޒުމަތި އޭނައަށް ފާހަގަވިއެވެ. ބަދިގެ ތެރެއިން ޔުނާ ފެންނަން ނެތުމުން ވިސްނުމެއްގައި ވަނިކޮށް ފަހަތުން ޔުނާގެ އަޑު އިވުނެވެ.

"ތި އައީ ދޯ؟ ހިތަށްއެރީ ޒިހާން އަންނައިރު ހުންނާނީ ބަނޑުހައިވެފައޭ. ޒިހާން ވެސް އަހަންނަށްޓަކައި އެތައް ކަމެއް ކޮށްދެމެއްނު؟ ދިސް އިޒް ދަ ލީސްޓް އައި ކޭން ޑޫ." ޔުނާ އޭނަގެ ކޮޓަރިން ނިކުމެ ދޮރު ލައްޕާލަމުން ވާހަކަ ދެއްކިއެވެ. އޭނަ އެންމެ ފަހު ބަސްތައް ބުނެލީ ހިތުގެ އަޑިންނެވެ. ޒިހާނަށްޓަކައި އޭނަގެ ހިތުގައި އެހެން އިޙްސާސެއް އަދި ނެތަސް ޝުކުރުވެރިކަންވެއެވެ.

"ތެންކިއު، ޔުނާ...." ޒިހާނަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިޙްސާސްތަކާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން އުޅުނުހެން ވެސް ޒިހާނަށް ހީވިއެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން އެ ކަރުނަތައް ހިންދާލިއެވެ.

"ދެން ހިނގާދޯ ސައިބޯން؟ ވަރަށް ބަލަން ބޭނުން އަހަރެން ހެދި އެއްޗެހި ޒިހާނަށް ކަމުދޭތޯ. ހެހެ...." ޔުނާ އެހެން ބުނެލަމުން ބަދިގެއަށް ދާން މިޞްރާބު ޖެހިއެވެ.

"އަދި ބަންގި ގޮވީމައޭ ސައި ބޮވޭނީ..." ޔުނާގެ ފަސް ފަހަތުން ބަދިގެއަށް ވަންނަމުން ޒިހާން ބުންޏެވެ.

"އޮހް! ރޯދައީތަ؟ ސޯ ސޮރީ!" ޔުނާ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ބުނެލުމުން ޒިހާނަށް ހީލެވުނެވެ.

"އިޓްސް އޯކޭ..... އަސްލު ހީކުރީ ވެސް އަހަރެން ރޯދަ ވިއްލަން ތައްޔާރު ކުރި ސައެއްކަމަށް މިއީ. ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސްތަކުގަ ރޯދަ ހިފުން ސުންނަތްކަން ޔުނާއަށް ވެސް ނޭނގި ނުދާނެދޯ؟" ޒިހާން ގޮސް ކާމޭޒުދޮށުގައި އިށީންނަމުން ދޯދިނީ ޔަޒްދާން މަތިން ހަނދާން ކުރަމުންނެވެ.

"އޮހް..... މިފަހަރު ދޮންބެ ނެތީމަ އަހަރެން ހަނދާނެއް ވެސް ނެތް. ދޮންބެ ހުރިނަމަ ތަކުރާރުކޮށް ތި ވާހަކަ ކިޔައި ގަދަކަމުން ހާރުކާން އަހަރެން ހޭލެއްވީސް. ހެހެ....." ޔުނާ ހިސާބަކަށް ދެރަވެފައި އެހެން ބުނެލަމުން އޭނަގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އެއީ ޒިހާނާއި ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑިއެވެ. ދެމީހުންނަށް ތިބެވުނު ގޮތުން ޒިހާނަށް އުދަގުލެއްވިއެއްކަމަކު އެވަގުތު ޔުނާ އެތަނުން ފޮނުވާލަން ބޭނުމެއްނުވިއެވެ. ޔުނާއާއި އޭނައާ ދެމެދު އެކުވެރިކަމެއް އުފެދިގެން މި ދިޔައީ އެތައް ދުވަހެއްފަހުން ކަމަށްވުމުންނެވެ. އެވަގުތުކޮޅު ވިއްސިވިހާލި ކޮށްލަން އޭނައަށް އެއްގޮތަކަށް ވެސް ހިތްވަރެއް ނުލިބުނީއެވެ.

"އިޓްސް އޯކޭ ޔުނާ..... މާދަމާއިން ފަށައިގެން ޔުނާ ވެސް ރޯދަ ހިފާނީ އިން ޝާ ﷲ!" ޒިހާން އުއްމީދީ ގޮތަކަށް ބުނެލިއެވެ. އެއާއެކު ޔުނާ އޭނައަށް ބަލައިލަމުން ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. ޒިހާނަށް ވެސް ހިނިތުންވުމަކާއެކީ ޔުނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެވަގުތުކޮޅު އެގޮތުގައި ދެމިގެންދާން އޭނަގެ ހިތް އެދުނެވެ.

(ނުނިމޭ)