ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގުތިސާދު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން ހިންގަމުން އަންނަ ޓޫރިޒަމް ސުވެނިއާ ފިހާރަތަކަށް މާލީ އެހީތެރިކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އަނބުރާ އިޔާދަކުރުމުގެ އުންމީދެއް ނެތް ފަދަ ލޮޅުމެއް ސުވެނިއާ ފިހާރަތަކަށް އައިސްފައިވާ ކަމަށެވެ.

"ހުސްވި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުން އައިސް، ދުނިޔޭގެ ވައިގެ ބަނދަރުތައް ހުއްޓި މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޯޑަރުތައް ވެސް ބަނދު ކުރެވިގެން ދިޔަ މުއްދަތުގައި ރާއްޖޭގެ އިގުތިސާދުގެ އެންމެ މައި އެއްތަނބު ކަމަށްވާ ފަތުރުވެރިކަން، އަދި ހާއްސަ ގޮތެއްގައި ކޮޓެޖް އިންޑަސްޓްރީގެ ދަށުން ހިންގަމުންދާ ޓޫރިސްޓް ޝޮޕްތަކުގެ ވިޔަފާރިއަށް މިވަނީ ކުއްލި ލޮޅުމެއް އައިސް އިިނދަޖެހިފައިވާ ހާލަތެއްގައި،" އެ ގަރާރުގައި ޖާބިރު ވިދާޅުވެފައިވެއެވެ.

ސްވެނިއާ ފިހާރަތަކުގެ ވިޔަފާރިއަކީ ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާގެ ތެރެއިން، ލިޔެލާޖެހުމާއި ކުނާވިޔުން ފަދަ އަތްތެރި މަސައްކަތްތަކާއި ސީދާ ގުޅިފައިވާ ވިޔަފާރިއަކަށްވާތީ އާއި މި ވިޔަފާރިއަށް އޮތް ޑިމާންޑް އެއްކޮށްހެން ހުއްޓި، ޒަމާނުއްސުރެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަށް މި ސިނާއަތުގެ ހާލަތު ގޯސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތުގެ ތެރެއިން ހިންގަމުން އަންނަ ޓޫރިސްޓް ސުވެނިއާ ފިހާރަތަކަށް އެހީތެރިކަން ދިނުމަށް އެންމެ މަދުވެގެން އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ސަރުކާރުގެ މައްޗަށް ލާޒިމު ކުރުމަށް ގޮވާލާ ކަމަށް އެ ގަރާރުގައިވެއެވެ.