ހިޔާ މަޝްރޫއުގެ ފްލެޓްތައް އިމާރާތް ކޮށްފައިވަނީ ހުޅުމާލެ އިމާރާތް ކުރުމުގެ ގަވައިދާ ހިލާފަށް ކަމަށް އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން އެހެން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ހާލަތު ދެނެގަތުމަށްފަހު ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް ނެރުނު ރިޕޯޓެއްގައެވެ.
އެގޮތުން ފްލެޓްތަކުގެ ބައެއް ކަންކަން ހުޅުމާލެ ޕްލޭނިން ގަވައިދާއި ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ގައިޑްލައިން: ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިންއާ ހިލާފު ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
އޭގެ ތެރެއިން އެއް ކަމެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ކޮރިޑޯތަކުގެ ރެއިލިން އެވެ. އޭއޭއެމުން ބުނީ، ގާތްގަނޑަކަށް ދެ ފޫޓު އުސް ފާރުބުރިއެއްމަތީގައި ދެ ފޫޓު އުސް ދަގަނޑު ރެއިލިންއެއް ހަރުކޮށްފައިވާއިރު މި ފާރުބުރިއަށް ކުޑަކުއްޖަކަށް އެރޭ ގޮތަށް ހުރުމުން ރައްކާތެރި ނޫން ކަމަށެވެ.
އަނެއް ކަމަކީ ޕާކިންގެ އަދަދު ކޮންމެ އިމާރާތެއްގެ ތިރީގައިވާ ޖާގައިން ހަމަވެފައި ނެތުމެވެ. ބޭސްމަންޓް ޕާކިންގައި ސާވިސް ހޮޅިތައް ބެރިދަށުން އަޅާފައިވާ ގޮތުން ބައެއް ދިމަދިމާލުން ނުރައްކާ މިންވަރަށް ތިރިވުމާއި އެކަށީގެންވާ ސައިނޭޖް ނެތްކަން ވެސް އެ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.
އޭއޭއެމުން ބުނީ، އިމާރާތުގެ ކުނިއުކާލުމުގެ ނިޒާމު ފުރިހަމަ ނޫން ކަމަށާއި ޑިވެލޮޕްމަންޓް އޮފް ޕަބްލިކް ހައުސިން ގައިޑްލައިންގައިވާ ގޮތާއި ހިލާފަށް ތިރީބުރި ފިޔަވައި އިމާރާތުގެ އެއްވެސް ފްލޯއެއްގައި ކުނި އެއްކުރެވޭނެ ތަނެއް ނެތް ކަމަށެވެ. އަދި ހަމަ އެ ގައިޑްލައިނާ ހިލާފަށް އިމާރާތުގައި ދިރިއުޅޭ މީހުންނާއި ތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ އެއްވެސް ނިޒާމެއްވެސް ނެތް ކަމަށް އެ އެސޯސިއޭޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ގަވައިދު ބުނާ 10 ޕަސެންޓް ވެންޓިލޭޝަން ވެސް ބައެއް ތަންތަނުގައި ފުރިހަމަވެފައިވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވަނީ ބުނެފަ އެވެ.
އެ އެސޯސިއޭޝަންގެ ރިޕޯޓުގައި އިތުރަށް ބުނީ، އިމާރާތްކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އެކުލަވައިލަން ޖެހޭ "މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑު" އެކުލަވައިލުން އަވަސް ކުރުން މުހިންމު ކަމަށެވެ. އަދި މިހާރު ގާނޫނުގައިވާ ގޮތަށް މިނިސްޓަރަށް ހުރިހާ އިހްތިޔާރެއް އޮތުމުގެ ބަދަލުގައި މިނިވަން ބޯޑެއްގެ ގޮތުގައި އެ ބޯޑު އޮތުން މުހިންމު ކަމަށް ވެސް ބުނެފައިވެ އެވެ.
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު