މެލޭޝިޔާ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް މަލްޓި ބިލިއަން ޑޮލަރުގެ ހަތް ދައުވާވެސް ސާބިތުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ މަލްޓި-ބިލިއަން ޑޮލަރުގެ ހަތް ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެއްޖެ ކަމަށް އެގައުމުގެ ހައިކޯޓުން ކަނޑައަޅައިފި އެވެ.

މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލް އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް (10.1 މިލިއަން ޑޮލަރު) ޖަމާކުރި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ޝަރީއަތުގައި ނަޖީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ ތެރޭގައި މަނީ ލޯންޑަރިން އާއި މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

ނަޖީބުގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ކަމަށް މިއަދު ކަނޑައަޅާފައިވާއިރު، ސާބިތުވި ކޮންމެ ދައުވާއަކަށްވެސް ގިނަ ވެގެން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. ނަމަވެސް ނަޖީބު ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ. މިއަދުގެ ޝަރީއަތަށް ވަދެވަޑައިގަތުމުގެ ކުރިން ނަޖީބު ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންތާ އަހަރެއްގެ ތެރޭގައި އިގްތިސާދު ތަރައްގީ ކުރުމުގެ ނަމުގައި 1އެމްޑީބީ ހުޅުވީ 2009 ވަނަ އަހަރު އެވެ. ނަމަވެސް އެ ބޭންކުން އިންވެސްޓްމަންޓަށް ހޭދަކުރުމުގެ ބަދަލުގައި ނަޖީބު އާއި އޭނާގެ އެކުވެރިން ވަނީ އެ ކުންފުނީގެ ފައިސާ އަމިއްލަ ކަންކަމަށް ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި އަގު ބޮޑު ލަގްޒަރީ އިމާރާތްތަކާއި ލަގްޒަރީ ޔޮޓްތައް 1އެމްޑީބީގެ ފައިސާ އިން ވަނީ ގަނެފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރަނީ 1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

ނަމަވެސް ނަޖީބުގެ ވެރިކަމުގައި މި މައްސަލަތައް ބެލި ކޯޓަކުން ވަނީ އެކަމުގައި އެއްވެސް ގޯހެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ. މި މައްސަލަތައް އަލުން ބަލަން އަމުރުކުރެއްވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދެވެ. އަދި އެ ތަހުގީގުގެ ތެރެއިން މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި އަނބިކަލުންނާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި ހިފަހައްޓައިފަ އެވެ.

ނަޖީބުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ދައުވާތަކެއް އުފުލައިފަ އެވެ.